ކަސްރަތު ކުރުމަކީ ވަރަށް ހިތްވަރުލައިގެން ނޫނީ އެކަމުގެ އެންމެ ފުރިހަމަ ފައިދާ ނުލިބޭނޭވަރުގެ ކަމެކެވެ. ކަސްރަތުކުރުމަށް މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ކަސްރަތުކުރާ ވަރަކަށް ފައިސާ ދޭ އެޕްއެއް އިނގިރޭސިވިލާތުގެ ބަޔަކު ވަނީ އުފައްދައިފައެވެ. އެ ފަރާތްތަކުން އުފެއްދި އެޕަށް ދެވިފައިވާ ނަމަކީ ސްވެޓްކޮއިންއެވެ.

އެ އެޕް އަކީ ހިލޭ ޑައުންލޯޑުކުރެވޭ އެޕްއަކަށްވާއިރު އެ އެޕްއިން މީހާ ކުރާ ކަސްރަތުގެ މިންވަރު ޑިޖިޓަލް ކަރެންސީއަށް ބަދަލުކޮށްލައިދެއެވެ. އެ އެޕް އުފެއްދި ފަރާތްތައްކަމުގައިވާ އޮލެގް ފޮމެންކޯ އަދި އެންޓޮން ޑާރލްޔަޓްކާ ކިޔައިދިންގޮތުގައި އެ އެޕް އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ލިބުނީ އޮލެގް ފޮމެންކޯ ކަސްރަތުކުރުމަށްޓަކައި އިތުރު ހިތްވަރެއް ބޭނުންވި ހިސާބުންނެވެ.

އޮލްގެ އަދި އެންޓޮން ކިޔައިދިންގޮތުގައި އިންސާނުންނަކީ ކަސްރަތުކުރުމުން ދިގު މުއްދަތުގައި ލިބޭ ފައިދާތަކަށްވުރެ އަރާމާއި އުފަލުގައި ދިރިއުޅުމަށް މާ ލޯބިކުރާ ބައެކެވެ. އަދި އެހާ ހިސާބުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަމަށް އޮތް ހައްލު ހޯދުމުގެ އެ ފަރާތްތަކުން މަސައްކަތް ފެށިއެވެ.

އެ ދެ އެކުވެރިން ކިޔައިދިންގޮތުގައި ސްވެޓްކޮއިން އެންމެ ފުރަތަމަ ތައާރަފްކުރީ 2016 ވަނަ އަހަރުގައެވެ. އެ އެޕް އަކީ އަޅާ ކޮންމެ 1000 ފިޔަވަޅަކަށް 0.95 ސްވެޓްކޮއިން މީހާއަށް ދޭ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. އެ އެޕްއިން ލިބޭ ފައިސާއިން ކަސްރަތުކުރުމަށް ބޭނުންވާ އެކި އެކި އާލާތްތައް ގަތުމުގެ އިތުރުން ގިފްޓްކާޑްސް އަދި ވޯކްއައުޓް ކުރާ ކުލާސްތަކަށްވެސް ފައިސާދެއްކެއެވެ. އެ އެޕް އުފެއްދި ފަރާތްތަކުން ވަނީ އަގުބޮޑު އިނާމުތަކެއް ލިބުމުގެ ފުރުސަތެއް އޮންނަނަމަ ކޮންމެ މީހަކުވެސް ދުއްވާ އެއްޗަކަށްވުރެ ހިނގާފައި އުޅުމަށް މަސައްކަތްކުރާނޭކަމަށް ބުނެފައެވެ.