ނެށުމުގެ ހާއްސަ ފިލްމެއް ކަމަށްވާ "އޭބީސީޑީ"ގެ ކުރިއަށް އޮތް ފިލްމު ކުޅުމަށްޓަކައި ބޮލީވުޑްގެ މަސްހޫރު ތަރި ވަރުން ދަވަން އާއި ނެށުމުގައި އެފަދަ ދެވަނައެއް ނުވާ ކެތްރީނާ ކައިފް އަތުކުރި އޮޅާލާފިއެވެ.

އިންޑިއާގައި އުފައްދާ އެންމެ ބޮޑު ނެށުމުގެ ފިލްމުގެ މިފަހަރުގެ ފިލްމްގައި ކެތްރީނާ އާއި ވަރުން ލީޑް ރޯލްގައި ފެނިގެންދާއިރު "އޭބީސީޑީ2" ގައި ފެނިގެންދިޔަ ޕުނިޓް ޕަތަކް އަދި ރަގާވް ޖޫވަލްގެ އިތުރުން އެފިލްމްގައި ހަރަކާތްތެރިވި ބައެއް ނެށުންތެރިން މި ފިލްމުގައިވެސް ފެނިގެންދާނެއެވެ.

މި ފިލްމްގެ ޝޫޓިންތަށް މިއަހަރު ފެށުމަށް ހަމަޖެހިފައިވާއިރު މި ފިލްމް ސިނަމާތަކާ ހަމައަށް އަންނާނެކަމަށް ލަފާކުރެވެނީ އަންނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ.

"އަހަރެންނަށް އެގޭ އަހަރެންނަށް އެކަނި މިކަން ނުވާނެކަން. އެހެންވެ ރޯމިޔޯ މި ފިލްމުގައި އަހަރެންނަށް އެހީތެރިވާން އެއްބަސްވި ހިސާބުން މިއީ ކާމިޔާބް ފިލްމަކަށް ވާނެކަން އަހަރެންނަށް އެގޭ. އޭނާގެ ހިޔާލެއް މިއީ އިންޑީޔާގައި އުފައްދާ އެންމެ ބޮޑު ނަށާ ފިލްމް އުފެއްދުން" ކުމާރު މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކަރަންއާއި ކެތްރީނާއަކީ މީގެ ކުރިންވެސް އެކުގައި ހަރަކާތްތެރިވެފައިވާ ދެ ތަރިން ކަމަށާއި އެދެމީހުންނަކީ ވަރަށް ގުޅޭ ދެތަރިންނަށް ވެފައި ނެށުމުގެ ހުނަރު އެދެތަރިންނަށް ލިބިފައިވުމުން މި ފިލްމަކީ އެންމެނަށްވެސް ކަމުދާނެ ރީތި ފިލްމަކަށް ވާނެކަމަށް އޭނާ ބުނެއެވެ.

ކެތްރީނާ ބުނާގޮތުގައި އޭނާ މިހުރީ މިފިލްމު ކުޅެން ކެތްމަދުވެފައި ކަމަށާއި ވަރުންކަހަލަ މޮޅު ޑާންސަރަކާއި ނެށުމުގެ ދާއިރާގައި ހުރި އެންމެ މޮޅު ކޮރިއޮގްރަފަރ އަކާއި އެކު މަސައްކަތް ކުރުމަކީ ލިބޭ ފަހުރެއްކަމަށެވެ.