މުޅިދުވަސް ނިމި ދުވާލުގެ އަލި، ރޭގަނޑުގެ އަނދިރިކަމަށް ޖާގަަދިނުމަށްފަހު ދުނިޔެއާއި އަލްވަދާޢު ކިޔަފިއެވެ. މުހައްމަދުފުޅު އިނީ މާލޭގެ ހެދި ގޮނޑުދޮށް ސަރަހައްދުގައި އިށީދެލައިގެންނެވެ. ފުން ޚިޔާލަކަށް ގެއްލިފައިވާ މުހައްމަދުފުޅަށް ދުނިޔެވީ އެއްވެސް ކަމެއް ނޭނގޭކަހަލައެވެ

އޭނާއަށް ހޭވެރިކަންވީ އޭނާގެ ކޯތާފަތްމަތި ތެމޭކަމުގެ އިޙުސާސްކުރެވިގެންނެވެ. އޭރު މުހައްމަދުފުޅަށް ހަމަރަގަނޅަށް ވެސް ވަނީ ރޮވިފައެވެ. އޭނާގެ އަނބިމީހާ ރުގިއްޔާއާއި އޭނާގެ ލޮލުގެ ކޮއިފަދައިން ބަލާބޮޑުކުރި ދަރިފުޅު ރައިހާ މަތިން ހަދާންވެ ގިސްލެވެންފެށުނެވެ. 26 ޑިސެމްބަރ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި މުހައްމަދުފުޅުގެ ލޯކުރިމަތީގައި ބޮޑުރާޅުގެ ޝިކާރައަކަށްވެ، އެދެމައިން ވަނީ ދުނިޔެ ދޫކޮށްފައެވެ. އެދުވަހަށްފަހު މުހައްމަދުފުޅު ދިރިއުޅެމުން އަންނަނީ ވަރަށް އެކަނިވެރި ދިރިއުޅެމެކެވެ. މުހައްމަދުފުޅު ކެތްތެރިވެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ތެދުވެ، އޭނާގެ ގެ ކަމުގައިވާ ހެންވޭރު ބޮކިދިއްލޭ ގެއަށް ދިއުމަށް ހިނގައިގަތެވެ.

"ޔާރައްބީ....! މިތަން ތަޅުވެސް ނުލައި ބޭރަށް މިދެވުނީ" ހ.ބޮކިދިއްލޭ ގޭގެ ދެވަނަ ފަންގިފިލާގައި މުހައްމަދުފުޅު ދިރިއުޅެމުން އަންނަ ތަނުގެ ދޮރުހުޅުވާލަމުން މަޑުމަޑުން ބުނެލިއެވެ. މުހައްމަދުފުޅު ކޮޓަރިއަށް ގޮސް އަވަސްއަވަހަށް ފެންވަރާލައިގެން ސިޓިންގ ރޫމްގައި އިށީނީ އޭނާ އަބަދުވެސް ބަލަމުން އަންނަ ހިންދީ ޑުރާމާއެއް ކަމަށްވާ "ޕިޔާރު" ބަލާށެވެ.

މުހައްމަދުފުޅަށް ކުއްލިއަކަށް އިވުނީ އޭނާގެ ކޮޓަރިން އެއްޗެއް ވެއްޓުނު އަޑެވެ. މުހައްމަދުފުޅު ބާރު ހިނގުމެއްގައި ކޮޓަރިއާއި ދިމާއަށް ދިޔައެވެ. މުހައްމަދުފުޅުގެ ފިޔަވަޅު އަޑު އިވުމާއެކު ކޮޓަރީގައި ހުރި މީހާ އަލަމާރިގައި އޮތް ދެހާސް ރުފިޔާ ނަގާ ޖީބަށްލަމުން ބެލްކަންޏާއި ދިމާއަށް ދުއްވައިގަތެވެ. މުހައްމަދުފުޅު ކޮޓަރި ދޮރުހުޅުވިއިރު އެއްވެސް މީހެއް ފެންނާކަށްނެތެވެ. ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން މުހައްމަދުފުޅު ގޮސް ބެލްކަނީގެ ދޮރު ލައްޕާތަޅުލިއެވެ. އޭރުވެެސް އެމީހަކު ބެލްކަނީގައި އެއްފަރާތުގައި ފިލާހުއްޓެވެ.

ކޮޓަރިތެރެއިން އިވުނު އަޑަކީ މުހައްމަދުުފުޅަށް ހީވި އަޑެއްކަމަށް ހީކޮށް "ޕިޔާރު" ބަލަން އަނެއްކާވެސް އިށީނެވެ. މުހައްމަދުފުޅު އިނީ ޑުރާމާއަށް ވަރަށް ސަމާލުކަންދީގެންނެވެ. އުމުރުން 63 އަހަރުގެ މުހައްމަދުފުޅުގެ ހިތަށް އިޝްގީ ތީރުތަކެއް ޑުރާމާގައި އުޅޭ ސޯނަމް ދައްކަމުންދާ ލޯބީގެ މަންޒަރުތަކުން އުކާލާހެން ހީވެއެވެ. އޭރުވެސް ކޮޓަރިތެރެއަށް ވަންމިހާ ބެލްކަނީގައި ހަދާނެގޮތް ނޭނގިފައި ހުއްޓެވެ. އެމީހާވަނީ ބެލްކަނީގައި ހައްޔަރުވެފައެވެ.

ޑުރާމާއަށް ގެއްލިގެން ހުއްޓާ މުހައްމަދުފުޅު ސިއްސައިގެން ދިޔައީ އޭނާގެ މުންޑު މައްޗަށް ވެއްޓުނު ހޯނަކުންނެވެ. ރޯމަހެއް ތެޅިގަތްހެން ތެދުވެ ވަރަަށް ބާރަށް މުހައްމަދުުފުޅު ހަޅޭލަވައިގަތެވެ. އޭރު ގަޑިން ރޭގަނޑު ދިހައެއް ޖަހަނީއެވެ. މުހައްމަދުފުޅު ސިޓިންގ ރޫމްގެ ބިތަށްޖެހި ހަރުވެ ގަނޑުވެފަ އިނެވެ. ކުއްލިއަކަށް މުހައްމަދުފުޅަށް ފެނުނީ އޭނާގެ މުންޑު އޭނާއިން ގޮނޑިކައިރީ ވެެއްޓިފަ އޮތްތަނެވެ. މުހައްމަދުފުޅުގެ މުންޑު ގައިގައި ނެތްކަން ރެއިކައިލީދެނެވެ. ހައިސުޕީޑު ލޯންޗެއްހެން ތެދުވެ މުހައްމަދުފުޅު އޭނާގެ މުންޑު ގަޔާ އެއްވަރު ކޮށްލާ އައްސާލިއެވެ. އޭރު މުހައްމަދުފުޅު ބިރުން ދާހިއްލާ ފޯވެއްޖެއެވެ. ފިނިކޮށްލާނަމޭ ހިތާ މުހައްމަދުފުޅު ބޭރަށްޖެހެލިއެވެ. އޭރުވެސް ބެލްކަނީގައި ހުރިމީހާ ސަލާމަތްވާނެ ގޮތަކާ ދޭތެރޭ ވިސްނަމުންދިޔައެވެ.

މުހައްމަދުފުޅު ބޭރަށް ނަޒަރުު ހިންގާލިިއިރު މުޅި މަގުމަތިވަަނީ ހަމަހިމޭންވެފައެވެ. ފެންނަން ހުރީ މުހައްމަދުފުޅާ ދިހަވަރަކަށް ފޫޓު ދުރުގާހުރި ޓްރެފިކް ފުލުހެއް އެކަނިއެވެ.

"މުޅި ހެންވޭރު މިރޭ ނިދާފަ ދޯ މިއޮތީ" ފުލުސްމީހާއަށް ނަޒަރު ހިންގާލަމުން މުހައްމަދުފުޅު ބުނެލިއެވެ.

ފުލުސްމީހާ ޖަވާބު ދިނުމުގެ ގޮތުންް ބޯޖަހާލިއެވެ.

"ކަލޭ ބޯ ޖަހާލިގޮތުން އަހަރެން ހީކުރީ ތިއުޅެނީ ނަށާލަން ކަމަށް... އާން.. އެހެންޔާ.. ތިއޮއް ބޮޑު ހަށިގަނޑު އެކީގަ ގުޑުވާލާފަވިއްޔާ ތިބޯޖަހާލީ ވެސް.. މަ ހީކުރީ އާވައްތަރެއްގެ ނަށާގުރުވައެއް އެރީކަމަށް.." މުހައްމަދުފުޅު ފުލުހާ ދިމާކޮށްލިއެވެ.

"ތިވަރަށް މަލާމަތް ކުރާކަށް ނުވާނެ.. ބޭބެއަށް ނޭނގޭތަ؟ މިހާރު އުޅެނީ އޭ.އެފް.ސީ ޗެލެންޖް ކަޕްގައި ރާއްޖެއާއި އަފުޣާން ބައްދަލުކޮށް... އެހެންވީމަ މަގުމަތިން މީހުން މަދުވާނެތާ.." ފުލުސްމިހާ މުހައްމަދުފުޅާ ދިމާއަށް ބަލާލިއެވެ.

"އެހެންދޯ" މުހައްމަދުފުޅު ހިނިތުންވެލިއެވެ.

ކުޑައިރުކޮޅެއްފަހެވެ. ފުލުސްމީހާ ސިއްސައިގެން ދިޔައީ މުހައްމަދުފުޅު މަ މަރައިފިޔޭ ގޮވިއަޑަށެވެ. އޭރު މުހައްމަދުފުޅު މަގުމަތީގައި ފުރޮޅެމުން އޭނާގެ ކޮޓަރީގެ ބެލްކަނީގައި އެ ހުރީ ޖިންނިއެކޭ ގޮވަމުންދެއެވެ. ފުލުސްމީހާއަށް މުހައްމަދުފުޅު ކިޔާއެއްޗެއް ސާފެއްނުުވިއެވެ. އޭރުވެސް މުހައްމަދުފުޅުު އުޅުނީ މަހެއް ފެންނެތް ތާކަށް ވައްޓާލީމަ އުޅޭހެންނެވެ. މުހައްމަދުފުޅުގެ ހަޅޭކުގެ އަޑަށް ހެންވޭރުގެ ގެ ތަކުގައި ޓީވީއިން މެޗު ބަލަން ތިބި އެތައްބަޔަކު އެތަނަށް ޖަމާވަމުންދިޔައެވެ. އޭރުވެސް އެކަކަށްވެސް ވެގެން އުޅޭގޮތެެއް ނޭނގެއެވެ. ފުލުސްމީހާ ވަރަށް ހާސްވެފައި ހުރެ އެހިއެވެ.

"ކީކޭ؟؟.. ކީކޭ ތި ކިޔަނީ؟"

މުހައްމަދުފުޅު ވަރަށް ހިތްވަރުކޮށް އެތަނަށް އެއްވެފައި ތިބި މީހުންގާތު އޭނާގެ ކޮޓަރީގެ ބެލްކަނިއަށް ބެލުމަށް އެދުނެވެ. އަދި އެތަނުުގައި ޖިންނިއެއް އެބައިންކަމަށް ކަމަށް ބުނިއެވެ. އެންމެންނަށް އެކީ އެކައްޗަކަށް ހަޅޭލަވައިގަތެވެ. ބައެއްމީހުންނަށް ހުރިތަނަށް ކުޑަކަމުއާއި ބޮޑުކަމުދެވުނުއިރު ބައެއްމީހުން ހުރިތަނަށް ހޭނެތުނީއެވެ. ފުލުސްމީހާ ބިރުން ދުއްވައިގަތީއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވާހަކަ މުޅިހެންވޭރުގައި ފެތުރެގެންދިޔައެވެ. އޭރު ގިނަބަޔަކު ހެންވޭރު ދޫކޮށް އެހެން އަވަށްތަކަށް ބަދަލުވަނީއެވެ. އިސާހިތަކު މުހައްމަދުފުޅުގެ ގެއާއި ވީ މަގުމަތި މުޅިން ހިމޭންވިއެވެ. ލިބުނުު ފުރުސަތުގެ ބޭނުން ހިފާ ބެލްކަނީގައި ހުރިމީހާާ މަގުމައްޗަށް ފުންމާލަން މަސައްކަތްކުރިއެވެ. ކޮންމެފަދަ އަނިޔާއެއް ލިބުނަސް ހެޔޮކަމަށެވެ. އެމީހާގެ މަޤުސަދަކީ ފިލާރައްކާވުމެވެ. އެހެނަސް އެމީހާގެ ފިޔަވަޅުތަކަށް ހުރަސްއެޅީ ކުއްލިއަކަށް ފުލުސް ވެހިކަލްތަކުން މުޅިމަގުމަތި ފުރާލުމުންނެވެ. އޭރު ފުލުހުންނާއި ސިފައިން ބަރުހަތިޔާރުގައި އެތަނަށް ޖަމާވަމުންދިޔައިރު ހީވަނީ ޖިންނިއާއި ކުރިިމަތިލަން އައިސްތިބި ތަމަޅަ ޓައިގަރުންތަކެެއްހެންނެވެ.

ފުުލުހުންނާއި ސިފައިންނަށް ބެލްކަނީގައި ހުރިމީހާ ފެނުމާއިއެކު ބިރުން ފަހަތަށްޖެހުނެވެ. އެއީ ބިރުވެރި ސޫރައެއްގައި ހުރިމީހެކެވެ. ބޮލުގެ އިސްތަށިގަނޑު އުނަގަނޑާ ހަމައަށް އަރައެވެ. ކަޅުކުލައިގެ ފޮތިގަނޑަކުން ގައިނިވާކޮށްފައިވުމުން އެމީހެއްގެ އަތެއް ފައެއް ފާހަގައެއްނުވެއެވެ.

ހޭނެތުނު މީހުންނަށް އޭ.ޑީ.ކޭގައި ފަރުވާދެމުންދާއިރު މުހައްމަދުފުޅަށް އަންްނަނީ އޭ.ޑީ.ކޭގެ އައި.ސީ.ޔޫގައި އަވަސްފަރުވާ ދެމުންނެވެ.

ހެންވޭރުގައި ޖިންނި ފެނިގެން އުޅޭ ސަރަހައްދަށް ގިނަ އަދަދެއްގެ ފަންޑިތަވެރިންތަކެއް ވެސް އަންނަނީ ޖަމާވަމުންނެވެ. ފަންޑިތަވެރިންނަށް އެމީހާ ފެނުމާއެކު އެއީ އިންސާނެއްނޫންކަމަށާއި އެއީ ވަރަށް ނުރައްކާތެރި ޖިންނިއެއްކަމަށް ހުރިހާ ފަންޑިތަވެރިން އިއްތިފާޤުވިއެވެ.

ފަންޑިތަވެރިންގެ އިއްތިފާޤާ އެކު މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުންނާއި ސިފައިންް ސަރުކާރަށް ހުށައެޅިއެވެ.

އޭރު ގަލޮޅު ދަނޑުގައި މެޗު ބަލަންތިބި ސަޕޯޓަރުންނަށް އެ ޚަބަރު ލިބި ކޮންމެ މީހަކުވެސް އެމީހެއްގެ ސަލާމަތް ހޯދުމަށް ދުއްވައިގަތެވެ.

އިސާހިތަަކު މުޅި ދަނޑު ހަަލަބޮލިވެގެން ދިޔައެވެ. ވަަގުތުން ވަގުތަށް ފުޓްބޯލް އެސޯސިއޭޝަންއިން މެޗު ހުއްޓާލަން އެންގިއެވެ. އަދި ވެގެން އުޅޭގޮތް ކުޅުންތެރިންނަށް ބުނެދިނެވެ. އެބިރުވެރި ޚަބަރު އަޑު އެހުމާއިއެކު އަފުޤާންގެ ތިން ކުޅުންތެރިން ދަނޑަށް ހޭނެތިގެން ވެއްޓުނެވެ. އޭރު މީޑިޔާގައި ހެންވޭރުގައި ހިނގަމުންދާ ބިރުވެރި ކަންތަކުގެ ޚަބަރު ވައިރޯޅިއެއްހެން ފެތުރެމުންދިޔައެވެ. "ވަގުތު" އޮންލައިންގައި އެހަބަރު ގެނެސްދިނުމާއިއެކު މަދު މިނެޓް ކޮޅެއްގެ ތެރެގައި އެތައް ހާސް ބަޔަކު އެޚަބަރު ސޯޝަލް މީޑިޔާގައި ހިއްސާ ކުރަމުންގެންދިޔައެވެެ. މާލެއާއި މުޅިރާއްޖެ އެލާޓަށް އަތުވެއްޖެއެވެ. މަދު ބަޔަކު އެޚަބަރު އިވުމާއިއެކު އެއީ ޖޯކަކަށް ހެދިޔަސް ގިނަަބަޔަކު އެޚަބަރު ވަރަށް ސީރިއަސް ކަމާއެކު ޤަބޫލު ކުރިއެވެ.

ހޭނެތުނު މީހުންގެ ހާލު މަޑުމަޑުން ރަނގަޅުވަމުން ދާއިރު މުހައްމަދުފުޅުގެ ހާލުދިޔައީ އިހުނަށްވުރެ ގޯސްވަމުންނެވެ. އެހެންކަމުން މުހައްމަދުފުޅަށް އިތުރު ފަރުވާދިނުމަށްޓަކައި އިންޑިޔާއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދެއެވެ. ސަރުކާރުން މިހާރުވަނީ ހެންވޭރުގައި ހިނގަމުންދާ ހާދިސާ ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލާއި ރަށު އޮފީސްތަކަށް އަންގާފައެވެ. އެހެންކަމުން މާލެއެކޭ އެއްގޮތަށް ރާއްޖެތެރޭގެ އެތައްބަޔަަކު ނުނިދާ އެކަކު އަނެކަކާ އެ ވާހަކަ ދަައްކަމުން ދެއެވެ. މިރޭގައި ދެ ލޯބިވެރިން ވާހަކަ ދައްކަން ތިއްބަސް މައިގަނޑު މަޢުލޫއަކަށް ވެފައިއޮތީ ހެންވޭރުން ފެނިގެން އުޅޭ ޖިންނިގެ ވާހަކައެވެ.

މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުންގެ ގެ އާއިލާތަަކުން މެދުުކެނޑުމެއްނެތި އެމީހުންނަށް ގުޅަމުންދިޔައެވެ. އިސާހިތަކު މުޅިރާއްޖެއިން ނެޓްވޯކް ބިޒީވިއެވެ.

ގަޑިން ދަންވަރު 2 ޖަހަނީއެވެ. އަދިވެސް ބެލްކަނީގައި އެމީހާ އެބަހުއްޓެވެ. އެމީހާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެެ. ސަލާމަތްވެވޭނެ ކަމުގެ އުއްމީދު ކުޑަކަމުންނެވެ. އެމީހާ އަދިވެސް އިންތިޒާރު ކުރަމުންދަނީ މަގުމަތިން މީހުން ހުސްވާނެ ވަގުތަކަށެވެ. އޭރުވެސް މުހައްމަދުފުޅުގެ ގޭގެ މަގުމަތީގައި ފުލުހުންނާއި ފަންޑިތަވެރިން ތިއްބެވެ. ފަންޑިތަވެރިން ފޯރި އާއިއެކު ފަންޑިތަ ހަދަމުންދާއިރު މާލެގެ ގިނަބަޔަކު ތިބީ އެބައެއްގެެ ގެއަށްވަދެ ގެ ތަޅުލައިގެންނެވެ. މިރޭ މުޅިރާއްޖޭގައި ވެސް ގިނަބައެއްގެ ލޮލުން ނިދީގެ އެއްވެސް އަސަރެއް ނުފެނެއެވެ. ހިތުގައި ބިންވަޅު ނެގިފައިވަނީ ހެންވޭރުގައި ދިިމާވެގެން އުޅޭ އެބިރުވެރި ހާދިސާއެވެ.

ހެންވޭރުގައި ހިނގަމުންދާ ބިރުވެރި ހަދިސާއާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠިބުކުރުން މިރޭ 2:30ގައި އޮންނާތީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ތިބީ ޓީ.ވީ.އެމްއަށް ޓިޔުނުކޮށްގެނެވެ.

ރައީސް ޤައުމާ މުޚާޠިބު ކުރައްވާ ރާއްޖެގެ ރައްޔިތުން ކެތްތެރިކަން ޚިޔާރުކޮށް، ހެންވޭރުން ފެނިގެން އުޅޭ ޖިންނިގެ ކިބައިން އަޅަމެން ސަލާމަތްކޮށްދިނުމަށް އެދި ދުޢާ ކުރުމަށް ރައީސް އެދިވަޑައިގަތެވެ.

ސިކުންތުތައް އޭގެ އެންމެ ހަލުވިމިނުގައި ހިނގަމުންގޮސް ގަޑިން ދަންވަރު 3:30 ވެއްޖެއެވެ. ބެލްކަނީގައި ހުރިމީހާ ފަޔަށް ވާޅުވުމުން އިށީދެހުއްޓެވެ. އެމީހާ ހުުރީ ހަޤީގަތުގައި ވެސް ވަރަށް ބޮޑަށް ހާސްވެފައެވެ. އޭރުވެސް ފަންޑިތަވެރިން ފަންޑިތަ ހެދުމުގައި ކުރިއަށް ދެއެވެ. އެހެންނަމަވެސް އެހަދާ ފަންޑިތައިން ބެލްކަނީގައި ހުރި މީހާއަށް އެއްވެސް އަސަރެއްނުކުރެއެވެެ. އެންމެފަހުން ފަންޑިތަވެރިން ނިންމީ ޖިންނި ކައިރިއަށް ގޮސް ޖިންނި ފަންޑިތަަވެރިންގެ ބާރުދަށަށް ގެނައުމަށެވެ.

ފަންޑިތަވެރިންނާއިއެކު ބައެއް ފުލުހުންނާއި ސިފައިން ދެވަނަފަންގިފިލާގައި ހުރި މުހައްމަދުފުޅުގެ ކޮޓަރިއަށް ވަދެ ބެލްކަނިއާއި ދިމާއަށް ހިނގައިގަތެވެ. އޭރު ބެލްކަނީގައި އިށީދެގެން ހުރި މީހާ ބިރުން ކޮޅަށްތެދުވިއެވެ. ފަޅާއަރަނީއޭ ހިތާ އެމީހާއަށް މަޑުމަޑުން ރޮވެންފެށުނެވެ. ފުލުހަކު ގޮސް ބެލްކަނީގެ ދޮރުގައި ޖަހާފައިވާ ތަޅުދަޑިން ދޮރުހުޅުވާލިއެވެ.

ކުއްލިއަކަށް ބެލްކަނީގައި ހުރި މީހާ ފުލުސްމީހާގެ ފައިބުޑަށް ވެއްޓި ރޯންފެށިއެވެ. ފުލުސްމީހާއަށް ބިރުން ފަހަތަށް ޖެހެވުނެވެެ. އެހިނދު އެމީހާގެ ބޮލުގައި ޖަހާފައިވާ އިސްތަށިގަނޑާއި މޫނުގައި ލައްވާފައިވާ ޖިންނިއެއް ގޮތަށް ސިފަވާ މޫނުގަނޑު ވެސް ނައްޓާލިއެވެ.

"އަހަންނަށް މަޢާފުކުރޭ.. އަހަރެން ދޫކޮށްލާ.. އަން.. މިއޮތީ އަހަރެން މިގޭން ވަގަށް ނެގި ދެހާސް ރުފިޔާ..." ވަގުކަލޭގެ ބިރުގެންފައި ހުރިވަރުން އަމިއްލައަށް ބޭޒާރުވިއެވެ. ފުލުހުން ވަގުތުން ގޮސް ވަގުކަލޭގެ ގައިގައި އަޅާފައިވާ ކަޅުފޮތިގަނޑު ނައްޓާލާ އެމީހާގެ އަތުގައިި ބިޑި އަޅުވަމުން ފުލުހުންގެ ވެހިކަލަށް އެރުވިއެވެ. އޭރު ފަންޑިތަވެރިންނަށް ހުރީ ކުރެވުނު މޮޔަކަންތަކުން ލަދުންބުނާނެ އެއްޗެއް ނޭނގިފައެވެ. ފުލުހުން ހުރިހާ ރުޅިއެއްވެސް ބޭލީ ފަންޑިތަވެރިންނަށެވެ.

"ކަލޭމެންނާއި ހުރެ ކިހާ ބޮޑު ބަދުނާމެއް އަހަރެމެން މިވީ.. ރައްޔިތުން ކުރިމަތީ އަހަރެމެން ދެން ދައްކާނީ ކޮން މޫނެއް.. ކަލޭމެންނަށް އިތުބާރުކުރުން އެއީ އަހަރެމެންނަށް ކުރެވުނު އެންމެ ބޮޑު މޮޔަކަންތައް.." އެތަނުން އެއް ފުލުހަކު ވަރަށް ރުޅިވެރިކަމާއެކު ފަންޑިތަވެރިންނާއި މުޚާޠިބުކުރިއެވެ.

ރޭގަނޑުގެ އަނދިރިކަން ފިލާ ދުވާލަށް އިރު މަރުޙަބާ ކިޔައިފިއެވެެ. އޭރު މީޑިޔާގެ ފަލަ ސުރުޙީތަކުގައިި ހެންވޭރުގައި ހިނގާދިޔަ ހާދިސާގެ ހަގީގަތް އާންމުންނަށް ފޯރުކޮށްދެމުންދިޔައެވެ. ބައެއް މީޑިޔާތަކުން ރޭގައި ސަރުކާރުންނާއި ފުލުހުން ކަންތައް ކުރިގޮތަށް ފާޑު ކިޔަމުން ދެއެވެ. ހެންވޭރުގެ ގެއެއްގެ ބެލްކަނިން ފެނުނީ ޖިންނިއެއް ނޫންކަމަށާއި އެއީ ވަގެއްކަން އެނގުމުން ހެންވޭރު ދޫކޮށް އެހެން އަވަށްތަކަށް ބަދަލުވި މީހުން އަލުން އެމީހުންގެ ގެތަކަށް ބަދަލުވަމުންދާއިރު ހީވަނީ ހިނިހޮރުތަކަށް ހިނި ޖަމާވާހެންނެވެ. އޭރު މުހައްމަދުފުޅަށް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްގައި އަންނަނީ އަވަސް ފަރުވާ ދެމުންނެވެ. މުހައްމަދުފުޅުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް މިހާރު ޑޮކްޓަރުން ބުނެއެވެ.

ރޭގަނޑުގެ އަރާމް ނިދިން މަޚުރޫމްވެ މުޅިރޭ ދިވެހިރައްޔިތުން ތާކުންތާކު ނުޖެހޭ ބިރުވެރިކަމެއްގައި ބެހެއްޓުމުން ގިނަ ރައްޔިތުންގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ. އެހެނަސް ބައެއް ރައްޔިތުންނަށް ރޭގެ ހާދިސާގައި ކަންތައްވީ ގޮތުން ރުޅިއައުމުގެ ބަދަލު ހެވެނީއެވެ.

އޭރު ވަގުކަލޭގެ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުސްމީހާ ވަރަށް ރުޅިއައިސްފައި ވަގުކަލޭގެ ކުރެން އެހިއެވެ.

"ކަލޭ ކީކެ ހިތާ ކުރިކަމެއް އެއީ؟ ކަލެއަށް ނޭނގޭތަ އެކަމުގެ ސަބަބުން ރާއްޖެ ހަލަބޮލިވި މިންވަރެއް" ވަގުކަލޭގެ ހުރީ ދެރަވެފައެވެ.

"އަހަރެން ހީނުކުރަން މިކަންތައް މިހާ ބޮޑުކަމަކަށް ވާނެކަމަކަށް. އަހަރެން އެގެއަށް ވަނީ ބިރުވެރި ސިފައެއްގެ މޫނުގަނޑަކާއި އިސްތަށިގަނޑެއް އަދި ފޮތިގަނޑެއް ކޮތަޅަކަށް ލައިގެން.... އަހަރެން އުޅުނީ ގޭގެ ވެރިމީހާއަށް ބިރުދައްކައިގެން ވައްކަންކުރަން.... އެކަމު އޭރު ގެއަކު މީހެއްވެސް ނެތް.... އަހަރެން ކޮޓަރިއަށް ވަން ތަނާހެން ގޭގެ ވެރިމީހާ ވެސް ގެއަށް ވަނީ... އެހެންވެ އަހަރެން ކޮޓަރީގެ އެނދުދަށުގައި ގޭގެ ވެރިމީހާ ކޮޓަރިން ނިކުންނަންދެން ފިލާ އޮތީ. އޭނަ ކޮޓަރިން ނިކުތުމުން އަހަރެން ގޮސް އަލަމާރި ހުޅުވާލި އިރަށް އަލަމާރިން ފޮތެއް ވެއްޓުނީ.... އެ އަޑަށް ގޭގޭވެރިމީީހާ ކޮޓަރިއަށް އަންނަން ފެށުމުން އަހަރެން އަވަސް އަވަހަށް ފޮތް އަލަމާރިއަށް ލާާފަ... އަލަމާރީގަ އޮތް ދެހާސް ރުފިޔާ ޖީބަށް ލަމުން ބެލްކަންޏާއި ދިމާއަށް ދުއްވައިގަތީ.... އަހަރެން ގޭގެ ވެރިމީހާއަށް ބިރުގަންނުވަން ގެެނައި ސާމާނު އޭރުހުރީ ކޮތަޅުގަ.... އަހަރެން ހީނުކުރަން އޭނަ ދެވަނަ ފަހަރަށް ކޮޓަރިއަކަށް ވަންނާނެއެކޭ..... އަހަރެން ބެލްކަނީގައި ހުއްޓާ އޭނަ ބެލްކަނީގެ ދޮރު ތަޅުލީ.... އެހެންވެ އަހަރެން ގޮތްހުސްވެގެން ކުރިކަމެއް އެއީ...." ތަހުގީޤުގައި ވަގުކަލޭގެ ކިޔައިދިނެވެ.

ރޭގަ ހެންވޭރުގައި ހިނގި ހާދިސާ ސަރުކާރުންނާއި ފުލުހުން ކުށްވެރި ކުރަމުން ގެންދިޔައީ ފަންޑިތަވެރިންނެވެ. ދުނިޔޭގެ އެކި މީިޑިޔާ ތަކުގައި ހެންވޭރުގެ ހާދިސާ މަޖާ ޚަބަރެއްގެ ގޮތުގައި ގެނެސްދެމުންދިޔައެވެ. އެހެންކަމުން ރޭގަ ހެންވޭރުގައި ހިނގި ހާދިސާވެގެން ދިޔައީ ދިވެހި ތާރީހުގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނު ހާދިސާއަކަށެވެ. އެ ހާދިސާ ހެންވޭރު ޖިންނިގެ ނަމުގައި މަޝްހޫރުވެގެން ދިޔައެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހހ

    މީ ހަޤީޤީ ހާދިސާ އެއްތަ؟

    9
    4
    • ޙ

      ސާބަސް.. ހުސް ދޮގު ވާހަކަ އެއް މީ... ހަބަރަކުން މި ވާހަކަ ފެންނާނެތާ ތެދު ނަމަ... މަޖަލެއް ނޫން...

  2. އާދަނު

    'ގްލޯބަލް ވިލެޖެއް' ގެ ގޮތުގައި ދުނިޔެ އޮތް މިފަދަ ޒަމާނެއްގައި ކަންތައް ފެތު ރިގެން ދާނެ ގޮތުގެ ތަމްސީލީ މަންޒަ ރުތަކެއް ވަ ރައް ފު ރިހަމަ އަށް ސިފަކޮއްދީފައިވާ ވާހަކައެއް.

    15
    1
  3. ލާލާ

    އަދި މިހާދިސާއަކީ ކޮވިޑް 19 އާ ވަރަށް ގުޅޭ ކަމަކަށް ވަނީ ވެފައެވެ.

    7
    1
  4. މުހައްމަދު މުދުހިޝް Mudhish

    ތަކުރާރުކޮށް ޝާއިޢުނުކޮށްބަލަ

    7
    4
  5. މުހައްމަދު މުދުހިޝް Mudhish

    ތަކުރާރުކޮށް ޝާއިޢުނުކޮށްބަލަ.

    5
    4
  6. ީހިޔާލު

    ވާހަކަ އަސްލު ވަރަށް ރީތި ވެފަ މަޖާ..އެކަމަކު ސަޕްރަސްއެއް ލިބޭނެ ގޮތަކަށް ތި ވާހަކ ގެނެސްދިން ނަމަ މާ ރީތިވާނެ..މިސާލަކަށް ފުރަތަމަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއީ ވަގެއްކަން ނޭގޭ ގޮތަށް ގެނެސް ފަ އިންމަމަ

    9
    2
  7. ޔސރ

    ވަރަށް ފޭކް
    އެވަރު ކަމެއް ވެގެން މެޗް ހުއްޓާ ހިސާބަށް ދާނެތަ، މީހުން އަވަށް ދޫކޮށްފަ ގޮސް.

    3
    1