ހަވީރުގެ މަރިޔާދު ވަގުތެވެ. އަހަރެން ލޯގަނޑު ކުރިމަތީގައި ހުއްޓި ރީތިވާންފަށައިފީމެވެ. މޫނު މަތީގައި ކުޑަ ފުށްކޮޅެއް ޖަހާލަމުން ލިޕްސްޓިކު ނަގާ ތުންފަތުގައި ގަދައަށް ކާތާލިއެވެ. މުޅިގަޔަށް ސެންޓުޖަހާ ހެދުމުން ވަސްމީރު ކޮށްލީމެވެ. އަހަރެން ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެންހުރެ އަހަރެންގެ އަމިއްލަ ސޫރަ ބަލާލީމެވެ. ޤުދުރަތުން އަހަރެންނަށް ދެއްވި ފުރިހަމަކަށް ޝުކުރު ކުރާ ޙާލުއެވެ.

""ދަރިފުޅާ

ސިއްސައިގެން ގޮސް އަހަރެންނަށް ބަލާލެވުނީ މަންމަ އަހަރެންނަށް ގޮވާލި އަޑަށެވެ.

" ދަރިފުޅާ... ތައްޔާރު ވެވިއްޖެތަ؟... އަވަސްކޮށްލައްޗޭ.....ފުލައިޓް ނައްޓާލާނެ 8 ޖަހާއިރު...." އަހަރެންގެ މަންމައަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.

މިއަދަކީ އަހަރެން ކުޑަ ދުވަހުން ފެށިގެން ދެކެމުން އައި ހުވަފެނުގައި ކުލަޖެހޭ ދުވަހެވެ. އަހަރެންނަކީ އަބަދުވެސް ނަރުސްކަން ކިޔަވާ ހިތްވާ ކުއްޖެކެވެ. ނަރުހަކަށް ވުމަކީ އަހަރެންގެ އުއްމީދެވެ. އަހަރެންގެ އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށް މިއަދު އަހަރެން މި ތައްޔާރުވަނީ ލަންކާއަށް ދާށެވެ. އަހަރެންގެ ބޭބެ ނާއިޒު އާއި ބޭބެގެ އަންހެނުން ރައުފާގެ ގާތަށެވެ. އެމީހުން އަހަރެންނަށް ރަނގަޅަށް ކިޔަވައި ދީ މޮޅު ކުއްޖަކަށް ހަދާނެކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ.

ގަޑީގެ ސިކުންތުގެ ކަށި އޭގެ އެންމެ ހަލުވި މިނުގައި ހިނގަމުންގޮސް ގަޑިން ރޭގަނޑު 7:30ވަނީއެވެ. އަހަރެން ހުރީ ހުޅުލޭ އެއާޕޯޓުގައެވެ. އަހަރެންނާއިއެކު އަހަރެންގެ މަންމަ އާއި ބައްޕަވެސް ހުއްޓެވެ. އަހަރެން މިއަދު މިހުރީ ވަރަށް އުފާވެފައެވެ. އަދި އެހާމެ ދެރަވެސް ވެފައެވެ. ދެރަވަނީ އުމުރުން އެންމެ 15 އަހަރުގައި އަހަރެންގެ މަންމަ އާއި ބައްޕައާއި ވަކިވާން ޖެހޭތީއެވެ. އަހަރެންނަށް ހަމަ ޔަގީނުންވެސް މަންމަ އާއި ބައްޕައާއި ނުލާ ދިރިއުޅުންވާނީ ބޮޑު އިމުތިޙާނަކަށެވެ. އަހަރެންނަށް "މަންމާ" އޭ ކިޔާ މަންމަ ގައިގައި ވަރަށް ބާރަށް ބައްދައިގަނެވުނެވެ.

" މަންމާ.. އަހަރެން ވަރަށް ވަރަށް ލޯބިވޭ.... އަހަރެން ވަރަށް ހަނދާންވާނެ މަންމަ މަތިން.... އަދި ވަރަށް އުނދަގޫވާނެ މަންމަމެންނާއި ނުލާ އުޅެން... އެކަމުވެސް ކެއްކުރާނަން.... މަންމަމެން ފަޚުރުވެރިވާ ފަދަ އަންހެން ދަރިއަކަށް ވެގެން އަހަރެން އަންނާނަށް އިނގޭ.... "

އަހަރެން ގަދަކަމުން ހީލަމުން މަންމަ އާއި ދިމާލަށް ބަލާލީމެވެ. މަންމަގެ މޫނުމަތިންވެސް އަހަރެންނާއި ވަކިވާން ޖެހޭތީ ހިތާމައިގެ ފުން އަސަރުތައް ފެންނަށް ހުއްޓެވެ.

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަހަރެންގެ ބައްޕަ އާއިއެކު ފުލައިޓަށް އަރާ އަހަރެން ހަމަޖެހެލީމެވެ. ބޯޓު ނައްޓާލުމާއިއެކު އަހަރެންނަށް އާދަޔާ ޚިލާފު އިޙުސާސްތަކެއް ވާންފެށިއެވެ. ބުނެދެން ނޭނގޭ އިޙުސާސްތަކެކެވެ. މީގެ ކުރިން އަހަރެން ދުވަހަކުވެސް ފުލައިޓަށް އަރާފައި ނުވުމުންކަމަށް ވެދާނެވެ. އަހަރެން ފުލައިޓުގެ ދޮރުގެ ލޯގަނޑުން ބޭރުބަލާލީމެވެ. ފެންނަމުން ދިޔައީ ރީތި ދިވެހިރާއްޖޭގެ މަލަމައްޗެވެ. ކުދިކުދި ޖަޒީރާ ރަށްތަކެވެ. ކަނޑުމައްޗަށް އަޅާލެވިފައިވާ ކުދި ރަންމުތްތަކެއް ފަދަ ޗާލު ރަށްތައް ފަޑުވަމުންގޮސް އަހަރެންގެ ލޯމަތިން ގެއްލުނެވެ. އަހަރެން ދެލޯ މަރާލަމުން ފުންނޭވާއެއް ދޫކޮށްލީމެވެ.

" ދަރިފުޅާ... ލަންކާއަށް މިއޮތީ އާދެ ވެފަ.. ހިނގާ ފައިބަމާ....."

އަހަރެންގެ ބައްޕަގެ އަޑަށް ކުއްލިއަކަށް އަހަރެންގެ ދެލޯ ހުޅުވާލީމެވެ. ބޯޓުން ފޭބުމާއިއެކު އަހަރެންނަށް ވަށައިގެން ވާ މާހަޢުލަށް ބަލާލެވުނެވެ. މުޅިން ތަފާތު މާހަޢުލެކެވެ. ފެންނަމުން ދިޔައީ މުޅިން ތަފާތު ތަންތަނެވެ.

ބަހުގައި 4 ގަޑިއިރުގެ ދަތުރަކަށްފަހު ބައްޕަ އާއިއެކު އަހަރެން ގެއަށް ދިޔައީމެވެ. ބޭބެ އާއި ފަހަރީގެ ފަރާތުން އަހަރެންނާއި ބައްޕައަށް ލިބުނީ ވަރަށްވެސް ފުރިހަމަ މަރުޙަބާއެކެވެ.

ގޭތެރޭގައި އަހަރެންގެ ކަންތައްތައް ހަމަޖެހުމާއިއެކު ބައްޕަ މާލެ ފުރިއެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. އަހަރެންގެ ބޭބެ އާއި ފަހަރީގެ ފަރާތުން އަހަރެންނަށް ލިބެމުންދާ ލޯތްބާއި އަޅާލުމުން އަހަރެންގެ ހިތް އުފަލުން ނަށަމުންދިޔައެވެ. ގެއާއި ވަރަށް ކައިރީގައި ހުރި ކޮލަޖަކަށް އަހަރެން ކިޔަވަންދާން ފެށީމެވެ. އަހަރެންގެ ހުވަފެންތައް ހަޤީޤަތަކަށް ވަމުންދާ މަންޒަރު އަހަރެން ބަލަމުން ދިޔައީ ނުހަނު އުފަލާއިއެކުއެވެ. އަހަރެންގެ ޙަޔާތަށް އަންނަން ތައްޔާރުވަމުންދާ ދާ ތޫފާނީ ގަދަ ކޮޅިގަނޑުގެ ހިލަމެއްވެސް އަހަރެންނަކަށް ނުވާފަދައެވެ.

 

އަހަރެން ލަންކާއަށް ބަދަލުވިތާ އެއް މަސް ވީއެވެ. އަހަރެން ހީވެސް ނުކުރާ ފަދަ ގޮތަކަށް އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. މުޅި ދިރިއުޅުމަށް އައި ބާރުގަދަ ކޮޅިގަނޑުގައި އަހަރެން ޖެހި އަހަރެންގެ ހުރިހާ އުއްމީދުތަކެއް ބާރު ވައިގެ ތެރޭގައި ނެތި ގެއްލިގެންގޮސްސިއެވެ.

****

 

"ނިހާ.... ކަލޭ ކިހިނެއްވެފަ ތީނީ... ހަމަ މިހާރު ދޭ ސައިހަދަން....." އަހަރެން ސިއްސައިގެން އެނދުން ތެދުވީ ފަހަރީގެ އަޑަށެވެ. އަހަރެން ބިރުގަންނަ ގޮތްވިއެވެ. އަހަރެންނަށް ކައްކަން ނޭނގޭތީއެވެ. ފަހަރީއަށް ދޭންވީ ޖަވާބެއް ނޭނގޭތީއެވެ.

"ފަ....ފަހަރީ.... އަހަރެން.. އަހަރެންނަށް... ކައްކަން ނޭނގެ...." އަހަރެންގެ އަޑު ތުރުތުރު އަޅަންފެށިއެވެ.

"ކަލެއަށް ކާން ދޯ އެނގެނީ.... ހަމަ މިހާރު އާދޭ.... މިއަދުން ފެށިގެން މިގޭ ކަންކަން ކުރަން ޖެހޭނީ ކަލޭ.... "

އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ފަހަރީ އަހަރެން ބަދިގެއަށް ލިއެވެ. އަހަރެން ވަރަށް ދެރަވެއްޖެއެވެ. އަތަށްވެސް ވަރަށް ތަދުވިއެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އަހަރެންގެ ކޯތާފަތްމައްޗަށް ބަންޑުންވިއެވެ.

އާދުވަހަކަށް އުދަރެހުން އިރު މަރުޙަބާ ކިޔައިފިއެވެ. އަހަރެން ކޮލެޖަށްދާން ތައްޔާރު ވަމުންދިޔައެވެ.

" ކޮންތާކަށް ދާން ތި ތައްޔާރުވަނީ...." ފަހަރީގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

" ކޮ... ކޮލެޖަށް..." އަހަރެންނަށް ބުނެވުނީ މިހާ ހިސާބަށެވެ. ފަހަރީގެ ރުޅިވެރި ދެ ލޯ ފެނި އަހަރެންގެ ބަސް ހުއްޓުނެވެ.

" ކަލެއަކަށް ކޮލެޖަކަށް މީގެ ފަހުން ދެން ނުދެވޭނެ.... ކިޔެވޭ ވަރަކަށް ތި އޮތީ ކިޔެވިފަ... ދެން ކަލޭ ޖެހޭނީ މަގޭ ދެދަރިން ބަލަން މިތާ ހުންނަން.... އަދި ގޭގެ މަސައްކަތްތައްވެސް ކަލޭ ކުރަންޖެހޭނެ"

ފަހަރީގެ ވިހަގަދަ ބަސްތަކުން އަހަރެންގެ ހިތުގެ ހުރިހާ ނާރެއް ބުރިކޮށްލި ކަހަލައެވެ. އަހަރެންގެ ކިޔެވުގެ ޙަޔާތުގައި ސިއްކަ ޖެހި ފަހަރީގެ އަޅަކަށް އަހަރެން ވެގެން ދިޔައެވެ. އަހަރެން ވަރަށް ރުއީމެވެ. ހިތަށް ވަރަށް ތަދުވިއެވެ. އެކަމު އަހަރެން ރޯ އަޑު މިއަދު އަހަން ހުރީ ކާކު ހެއްޔެވެ؟ އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕަ މިއަދު ހުރީ އަހަރެންނާއި ވަރަށް ދުރަތުގައެވެ.

އަހަރެން ގޭތެރޭގެ ކަންތައްތައް ކުރަންފެށީމެވެ. ފަހަރީގެ ދެދަރިން ބަލަމުންނެވެ. ބޭބެ ގޭގައި ހުރިއްޔާ ފަހަރީ ވަރަށް ރަނގަޅުވާނެވެ. ބޭބެ ގޭގައި ނެތް ކޮންމެ ސިކުންތަކު މި ނިކަމެތި ހިތް ރޫޅި ކުދިކުދި ވާވަރުވެއެވެ.

"ނިހާ..." ފަހަރީ ގޮވާލި އަޑަށް އަހަރެން ކޮޓަރިން ނިކުތީމެވެ. މުޅި ސިޓިންގރޫމުގައި ހުރީ ހުސް ހޮޑެވެ. އޭރުވެސް ފަހަރީގެ 7އަހަރުގެ ދަރިފުޅު ނާއިކު ހޮޑުލަމުންދެއެވެ.

" މިތަން ސާފުކުރޭ... ހަމަ މިހާރު ސާފުކުރޭ...." ފަހަރީ އަހަރެންނަށް އަމުރުކުރިއެވެ. އަހަރެން ފަސްޖެހުނީމެވެ. އެހެންނަމަވެސް އެކަން ފަހަރީގެ ކުރިމަތީގައި ދައްކާކަށް އަހަރެންނަކަށް ނުކެރުނެވެ. ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ. ގެއިންވެސް ނެރެލާފާނެ ކަމުގެ ބިރު އަހަރެންގެ ހިތުތެރޭގައި އަބަދުވެސް އޮވެއެވެ. އަހަރެން ސިޓިންގރޫމުގައި ހުރި ހޮޑުތައް ސާފުކުރަންފެށީމެވެ. އަހަރެންގެ މޭ ނުބައި ކުރުވާވަރުން ހީވަނީ ހަމަ ދެންމެ ދެންމެ އަހަރެންނަށް ހޮޑު ލެވިދާނެހެންނެވެ. އެފަދަ ޙާލެއްގައި އަހަރެން އެތަން ސާފުކޮށް ނިންމީމެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ބަނޑު ހައި ވެފައެވެ. ބަދިގެއަށް ވަދެ މޭޒުމަތި ބެލި އިރު އެއްވެސް އެއްޗެއް ކާން ނެތެވެ.

އަހަރެން މަޑުމަޑު ހިނގުމެއްގައި ގޮސް ފަހަރީގެ ކޮޓަރީގައި ޓަކި ދިނެވެ.

" ކަލޭތަ؟... ކިހިނެއްވީ؟؟؟"

ފަހަރީ ވަރަށް ރުޅި އައިސްފައި ހުރެ އެހިއެވެ.

" އަހަރެން... އަހަރެން ވަރަށް ބަނޑުހައި ވެއްޖެ..... ނެތްތަ ކާނެ އެއްޗެއް..." އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅާ ޙާލު އަހަރެން ވާހަކަދެއްކީމެވެ.

" ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނަން..... ކަލެއަށް ދޭކަށް މިގޭގަ ނެތް ކާއެއްޗެއް...." ފަހަރީ އަހަރެން ކޮށްޕާލަމުން ބުނެލިއެވެ. އެވަގުތަކީ އަހަރެންގެ ބޭބެ ޑިއުޓީ ނިންމާފައި ގެއަށް އައިސް ވަތް ވަގުތެވެ.

" ނިހާ.... އަން... މިއޮތީ ހެދިކާ ކޮޅެއް... އަވަހަށް ކާލާ.... ބަނޑުހައިވަންދެން ނުކައި ނުހުންނައްޗޭ އެނގޭ...." ކޮޓަރި ތެރޭގައި ހުރި ކޮތަޅަކުން ހެދިކާ ކޮޅެއް ނަގަމުން ފަހަރީ ގެ ބަސްމަގު މުޅިން ބަދަލު ވެގެންދިޔައެވެ.

 

އަހަރެން ހެދިކާކޮޅު ހިފައިގެން ބަދިގެއާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެންނަށް ކާއެއްޗެއްވެސް ލިބެނީ ބޭބެ ގޭގައި ހުރިއްޔާއެވެ. އަހަރެން އަބަދުވެސް ބޭބެ ގޭގައި ހުރޭތޯ ދުޢާކުރަމެވެ.

އެރޭގައި ފަހަރީގެ ދަރިފުޅު ނާއިކު ހޮސްޕިޓަލްގައި އެޑްމިޓުކުރިއެވެ. މުޅި ރޭވެސް ނާއިކު ކައިރީގައި ވަގުތު ހޭދަކުރީ އަހަންނެވެ. ފަހަރީ ހޮސްޕިޓަލަށް އައީ ފަތިހު 5 ޖަހަން ވެފައި ހުއްޓައެވެ. އަހަރެން ގެޔަށް ގޮސް ނިދި އިރު ހެނދުނު 6 ޖަހަނީއެވެ.

"ނިހާ.... އޭ ނިހާ... ތެދުވޭ.... ގޮސް ކާއެއްޗެއް ހަދާ..."

ފަހަރީ އަހަރެން އެނދުން ނަގާ ތެދުކުރުވިއެވެ. އޭރު ގަނޑިން ހެނދުނު 7 ވެސް ނުޖަހައެވެ. ވަރުބަލިކަމާއިއެކު އަހަރެން އެނދުން ތެދުވީމެވެ. އިތުރު ގޮތެއް ނެތީމައެވެ. ފާޚާނައަށް ވަދެވުމާއިއެކު އަހަރެންގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ހިތްމަތީގައި އަތްއަޅައިގެން ފާޚާނަ ދޮރުކައިރީގައި އަހަރެން އިށީނީމެވެ. މިއަދު އަހަރެން ހިތް ފުރޭވަރަށް ރޯލަން ބޭނުންވެއެވެ. ލޮލުން ކަރުނަ ހުސްވަންދެންނެވެ. އަހަރެން އުޅޭ ޙާލު އަހަރެންގެ މަންމައަށް އެނގޭ ނަމަ އެފަކީރުގެ ލަނގޮޑި މިހާރު ފަޅައިގެން ދާވަރު ވާނެކަން ޔަޤީނެވެ. އަހަރެން މިވާހަކަތައް ހިއްސާކުރަން ވަރަށް ބޭނުމެވެ. އެހެންނަމަވެސް އެހާ ހިތްވަރެއްނެތެވެ. ފޮނި އުއްމީދުތަކަކާއިއެކު އަހަރެން މިތަނަށް އައުމުން އަހަރެންނަށް ބަރުދާސްތުކުރަން މިޖެހުނީ ވޭނާއި ހިތާމެވެ. އުމުރުން 15 އަހަރުގައި އަހަރެންނަށް މިފަދަ ހިތްދަތިކަމެއް ތަހައްމަލު ކުރަން ޖެހުމުން އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ޝަކުވާ ކުރީމެވެ. އަހަރެން މޫނު ދޮވެލައިގެން ކޮޓަރިން ނިކުތީމެވެ.

" އެއޮތީ ދެ ނޫޑުލްސް ޕެކެޓު... ގޮސް ކައްކާ.... އަހަރެންގެ ދެދަރިންނަށް އެކަނި ވާވަރަށް ކައްކާނީ....ކަލެ އާއި ނުލާ... "

ފަހަރީގެ ޖުމުލަ އާއިއެކު އަހަރެންގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. ކެއްކުރަން ވަރަށް ހިތްވަރުކުރީމެވެ. އެހެނަސް ކެތެއްނުވިއެވެ. ލޮލުން ހޯސްލާފައި ކަރުނަ ތިކިތައް ފައިބަންފެށިއެވެ.

ހޫން.... ވަރަށް ފޫހިވޭ... އަދި އެބަ ރޮއެއްނު..." ތުން އަބުރާލަމުން ފަހަރީ ގޮސްވަނީ ކޮޓަރިއަށެވެ.

އަހަރެން ކައްކާ ނިމުމާއިއެކު އަހަރެން ގެ ކުރިމަތީގައި ފަހަރީ އޭނާގެ ދެދަރިންނަށް ނޫޑުލްސް ކާންދީ ހުސްކޮށްލިއެވެ. އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ.

 

ދެދުވަސްފަހެވެ. އަހަރެންގެ އަރުތެރެއަށް ފެން ނޫން އިތުރު އެއްވެސް އެއްޗެއް އެތެރެކުރަން ފުރުސަތެއް އަހަރެންނަށް ނުލިބެއެވެ. އަހަރެންނަށް ކެއުން ފަހަރީ ވަނީ މަނާކޮށްފައެވެ. އެކަމުވެސް އަހަރެންނަށް ކެއްނުވާ ވަރުވުމުން ކާއެއްޗެއް ލިބޭތޯ ބަދިގެ ތެރެ ހާވަން ފެށީމެވެ. ކަބަޑުގައި އޮތް ނޫޑްލްސް ޕެކެޓެއް ނަގާ އަހަރެން ކާން ތައްޔާރު ވެލީމެވެ.

" ކަލޭ ގަނެފަ ހުރި އެއްޗެހި ތަ ތިކަނީ.... ލަދެއްވެސް މީނަގެ ނުހުރެ އޭ ދޯ...." އަހަރެން ގެ އަތުން ފަހަރީ ނޫޑުލްސް ޕެކެޓު އަތުލަމުން ބުނެލިއެވެ.

އަހަރެން މަޑު ހިނގުމެއްގައި އިސްދަށަށް ބޯ ޖަހައިގެން ކޮޓަރިއަށް ގޮސް އެނދުމަތީގައި އިށީނެވެ. ފޯނު ރިންގުވާ އަޑަށް އަހަރެން ފޯނު ބަލާލީމެވެ. ހަމަ އެވަގުތަކީ ފަހަރީ އަހަރެންގެ ކޮޓަރީގެ ދޮރުހުޅުވި ވަގުތެވެ. އަހަރެންނާއި ދިމާލަށް ފަހަރީ ވަގަށް ގޮވާ ހިތަށް އައި އެއްޗެއް އެގަޑީ އަހަރެންނާއި ދިމާލަށް ކިޔުމަށްފަހު ވަރަށް ބާރަށް ދޮރުޖަހާފައި ފަހަރީ ދިޔައެވެ. އަހަރެންގެ އަނގައިން އެއްވެސް އެއްޗެއް ނުބުނެ އިސް އުފުލާވެސް ނުލާ އަހަރެން އިނީމެވެ. ވީ ދެރައެއްގެ ބޮޑުކަމުންނެވެ.

އަނެއްކާވެސް ފޯނު ރިންގު ވާން ފެށިއެވެ.

" ނިހާ ދަރިފުޅާ ތެދަށް ބުނޭ.. ކިހިނެއްވެގެން ތި އުޅެނީ... ބައްޕަ ހުރިހާ ވާހަކައެއް ދެންމެ އަޑު އަހައި ފީމޭ... ބުނޭ ކިހިނެއްވީ....." އަހަރެންނަށް އެގަޑީގައި ފޯނު ނެގިފައި އޮތްކަން ރޭކާލީ ދެނެވެ.

އަހަރެންނަށް ރޯންފެށުނެވެ. ވަރަށް ބާރަށް ގިސްލަ ގިސްލާފައެވެ. އަދި ހުރިހާ ވާހަކައެއް އަހަރެން ބައްޕައަށް ކިޔާ ދިނީމެވެ. ބައްޕަ ދެރަ ވާނެ ވަރު އެނގިހުރެއެވެ.

****

ހަފުތާއެއްފަހެވެ. ގޭގެ ދޮރުގައި ބޭރުން މީހަކު ޓަކި ދިން އަޑަށް އަހަރެންގޮސް ދޮރު ހުޅުވީމެވެ.

"ބައްޕާ" ބައްޕަ ފެނުމާއި އެކު އަހަރެންނަށް ކެތެއްނުވިއެވެ. ބައްޕަގެ ގައިގައި ބައްދައިގަނެވުނެވެ.

"ބައްޕާ" އަހަރެންގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.

" ދަރިފުޅާ.... ދަރިފުޅު ނުރޮއި ހުއްޓާލާ... ބައްޕަ މިއައީ ދަރިފުޅު ބަލާ... ދެން އިރާދަކުރެއްވިއްޔާ ދަރިފުޅު ދުވަހަކުވެސް ރޯކަށް ނުޖެހޭނެ...." އަހަރެންގެ ލޮލުން ކަރުނަ ފޮހެމުން ބައްޕަ ވާހަކަދެއްކިއެވެ.

އެވަގުތަކީ ފަހަރީ ކޮޓަރިން ނިކުތް ވަގުތެވެ.

 

"އަހަން... ބައްޕާ... އައީތަ...؟ ނުވެސް ބުނަމެއްނު...." ފަހަރީ ވާހަކަ ދެއްކިއެވެ.

"މިއައީ ނިހާ ބަލާ...." ބައްޕަގެ ޖުމުލައިން ފަހަރީގެ ދެ ލޯ ބޮޑުވިއެވެ. އަދި ވައްކަޅިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

" ބައްޕާ.... ކީއްވެ ނިހާ ބަލާ ތިއައީ.... ބައްޕަ އަށް އެނގޭތަ؟.. ނިހާ ނުވެސް ކައި މިހާރު... އާދޭސް ކުރީމަވެސް ކަނީ ކީ ނޫން.... "

ފަހަރީ އޭނާގެ ރަނގަޅުކަން ބައްޕަ ކައިރީގައި ދައްކަން މަސައްކަތްކުރަމުން ގެންދިޔައެވެ.

" އެބަ އަންނަށް ނިހާ ގޮވައިގެން ބޭރަށް ޖައްސާލާފަ...." އަހަރެންގެ އަތުގައި ހިފައި ބައްޕަ ބޭރަށް ނިކުންނަށް ހިނގައިގަތެވެ.

"ބައްޕާ... ނުހިނގޭނެ.... އަހަރެންނަށް ކާއެއްޗެއް ދީ...." އަހަރެން ވަރަށް ހިތްވަރުކޮށްލާފައި ބުނެލީމެވެ.

އަހަރެން ހުރި ޙާލު ފެނި ބައްޕައަށް ވަރަށް އަސަރު ކުރިއެވެ. އަހަރެން ގޮވައިގެން ގެ އާއި ވަރަށް ކައިރީގައ ހުރި ކެފޭއަކަށް ބައްޕަ ވަދުނެވެ. ބަނޑުހައި ވެފައި ހުރި ވަރުން އަހަރެންނަށް ކާތަކެތީގެ ރަހައަށް ވެސް ނުބަލައި ވަރަށް ގިނައިން ކާލެވުނެވެ. ދުވަހަކުވެސް ކާއެއްޗެއް ނުލިބިފައި ހުރި ކުއްޖެއް ފަދައިންނެވެ. ބައްޕަ އާއިއެކު ވަގުތު ކޮޅެއް ބޭރުގައި ހޭދަކުރުމަށް ފަހު އަހަރެން ގެއަށް ދިޔައީމެވެ. ފޮށި ތައްޔާރު ކުރާށެވެ. ބައްޕަ ގެއަށް ވަންނަށް ބޭނުން ނުވުމުން ކެފޭގައި ބައްޕަ މަޑުކުރިއެވެ. އަހަރެން ގެއަށްވަދެ ފޮށިތައްޔާރުކޮށް ނިންމާލީމެވެ.

" ކަލޭ މަ މުޅިން ބަދުނާމު ކޮށްފި...." ފަހަރީ އަހަރެންގެ އަތުގައި ހިފައި ފިއްތާލިއެވެ. ފަހަރީ ސިހިފައި ފަހަތް ބަލާލީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ބޭބެ އަށް އަހަރެން ގެއިން ނިކުންނަށް އުޅޭ ކަން އެނގުމުން ލިބުނީ ހައިރާން ކަމެކެވެ. ބޭބެ ގެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބުގައި "ނޭނގެ" އޭ ބުނުމަށްފަހު ގެއިން ނިކުންނަށް އަހަރެން ހިނގައިގަތީމެވެ.

ދެން ދުވަހަކުވެސް ފަހަރީ އަށް ހަތަރު ކަޅިވެސް ހަމަ ނުކުރާނެ ކަމަށް އަހަރެން ޢަޒުމް ކަޑައެޅީމެވެ. އަހަރެންގެ ނަޒަރުގައި ބޭބެގެ އިހުމާލުވެސް ވަރަށް ބޮޑެވެ. އެހެންނަމަވެސް ވީކަމެއް ވީއެވެ.

އަހަރެން ވަރަށް އުއްމީދާއެކު ބައްތީގައި ދިއްލި ހުޅުކޮޅު ނިވި އަޅިއަށްވެއްޖެވެ. އަހަރެންގެ ހިތަށް ހާދަ ތަދެއްވެއްޖެއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ހާދަ ހިތާމައެއްކުރާނެވެ. އެހެންނަމަވެސް އެ ދެމީހުން އަހަރެންނަށްޓަކައި ދެކެމުން އަންނަ ހުވަފެން ބިލާހަކަށް ވެގެން ދާން އަހަރެން އިރާދަކުރެއްވިއްޔާ ފުރުސަތެއް ނުދޭނަމެވެ. ބައްތީގައި އާ ހުޅުކޮޅެއް އަހަރެން ރޯ ކުރާނަމެވެ. އެ ހުޅުކޮޅުން އަހަރެން ޙަޔާތް އަލިކޮށް އުޖާލާކުރާނަމެވެ. މިއީ އަހަރެން ގެ އަޒުމެވެ. އަހަރެންގެ ދުޢާއެވެ.

ނިމުނީ