އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ތެރީސާ މެއި، ނިންމަވައި ކީރިތިކުރައްވާ ހާލުގައި ދެއްވި ބަޔާނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް އެވަގުތު އަރިހުގައި ހުންނެވި އެކަމަނާގެ ފިރިކަލުންގެ މޫނުމަތިންވެސް ހިތްދަތިކަން ފެނިގެން ދިޔަ މަންޒަރު މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.
މިދިޔަ ހުކުރު ދުވަހު ބަޔާން ދިން ވަގުތު ތެރީސާ މެއި އިސްތިއުފާ ދެއްވަން އުޅުއްވާ ކަމެއް ހާޒިރުވެތިބި ފަރާތްތަކަށް ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަ އެފަދައިން އެކަމަނާގެ ފިރިކަލުން، ފިލިޕް މެއި އަށްވެސް، އެކަމަނާ އިސްތިއުފާ ދެއްވުން ވެގެން ދިޔައީ ޝޮކަކަށެވެ. އެވަގުތު ނޫސްވެރިންތަކެއް ނަގާފައިވާ ވީޑީއޯއެއްގައި ފިލިޕް ފެންނައިރު، އިސްތިއުފާ ދެއްވުމުން ފިލިޕްގެ މޫނުމަތިންވެސް ހައިރާންކަމާއި ހިތާމައިގެ ޝުޢޫރު ފާޅުކުރެއްވިއެވެ.
އެ ވީޑިއޯއިން އިތުރަށް ފެންނަނީ، މެއި އިސްތިއުފާ ދެއްވުމަށްފަހު ކީރިތިކުރައްވަމުން އެތެރެއަށް ވަދެވަޑައިގެންނެވުމުން، އެކަން ޤަބޫލުކުރަން ދަތިވެފައި ހުންނެވުމަށްފަހު އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންނާއެކު ފިލިޕްވެސް އެކަމަނާގެ ފަހަތުން ވަޑައިގެންނެވި މަންޒަރެވެ.
މެއި އާއި ފިލިޕް ކައިވެނި ބައްލަވައިގަތްތާ 39 އަހަރު ވެފައިވާއިރު، ފިލިޕް މީގެ ކުރިން ވަނީ މެއި އެކަމަނާގެ ޤައުމަށް ބަހައްޓަވާ އަހަންމިއްޔަތުކަމާއި ލޯތްބާއި ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އެކަމަނާ އަކީ އަބަދުވެސް ޤައުމަށް ވަފާތެރި ބޭފުޅެއް ކަމަށް ފިލިޕް ވިދާޅުވެފައި ވެއެވެ.
މެއި އިނގިރޭސި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ، އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމުގެ މައްސަލައަށް ހައްލެއް ހޯދަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުންނެވެ. އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލައަށް ހައްލެއް ނުގެނެވި މެއި އިސްތިއުފާ ދެއްވަން ޖެހުނީ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް އެކަމަނާގެ ޕާޓީ އަށް އޮވެ، ނަމަވެސް އަމިއްލަފުޅު ޕާޓީގެ ގިނަ މެންބަރުން އެކަމަނާގެ ޕްލޭންތަކާއި ދެކޮޅު ހެއްދެވުމުންނެވެ.
ހުކުރު ދުވަހު ދެއްވި ބަޔާނުގައި މެއި ވިދާޅުވީ "އަޅުގަނޑަށް މަސައްކަތް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހުރިހާ މަސައްކަތެއް ވެސް ކުރިން" ކަމަށެވެ. ހިތާމައިގެ ސަބަބުން ތުރުތުރުއަޅަމުން ދިޔަ އަޑާއި އެކު މެއި ވިދާޅުވީ "ބްރެކްޒިޓް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިކަން ގަބޫލުކޮށް މިއަދު ފަހަތައް ޖެހިލަން ނިންމައިފިން" ކަމަށެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އަންނަ މަހުގެ 7 ވަނަ ދުވަހު މެއި އިސްތިއުފާ ދެއްވާނެއެވެ. ނަމަވެސް ޕާޓީގެ ލީޑަރަކު އައްޔަންކޮށް ބޮޑުވަޒީރު ކަމަށް ލީޑަރު ގެނެވެންދެން ބޮޑުވަޒީރު ކަމުގައި ހުންނަވާނެ ކަމަށް ވެސް މެއި ވިދާޅުވިއެވެ.
އަނބިކަނބަލުންދެކެލޯބިވާވަރު އެހާމަވީ.. އެދުވަހު މަށަށްވެސްރޮވުނު އެކަމަނާ ކީރިތިކުރެއްވިތަންފެނުމުން ..