މަޝްހޫރު ފިލްމް އެކްޓަރ ޑެނިއަލް ކްރެއިގް (ޖޭމްސް ބޮންޑް) ގެ ކުރިއަށްދެން ނެރޭ ފިލްމުގެ ނަން އާންމު ކޮށްފިއެވެ.

3 އޭޕްރިލް 2020 ގައި ނެރެން ހަމަޖެހިފައިވާ މިފިލްމުގެ ނަމަކީ "ނޯ ޓައިމް ޓު ޑައި" އެވެ. ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންނެވެ.

މި ފިލްމުން ޑެނިއަލް ކްރެއިގް ޖޭމްސް ބޮންޑްގެ ބައިން ފެނިގެން ދާއިރު މިއީ އޭނާ ކުޅޭ ޖޭމްސް ބޮންޑްގެ އެންމެ ފަހުގެ ފިލްމެވެ. މިފިލްމުގެ ނުބައި ބައި ކުޅެނީ އޮސްކާ އިނާމު ކާާމިޔާބު ކޮށްފައިވާ ރަމީ މާލިކްއެވެ. ރަމީ މާލިކް އަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ބޮހައިމަން ރެޕްސޮޑީ" ފިލްމުގެ ފްރެޑީ މާކަރީގެ ރޯލު ކުޅެފައިވާ އެކްޓަރުއެވެ.

މި ފިލްމުގައި ދެން ފެނިގެންދާނެ ތަރިންގެ ތެރޭގައި ކެޕްޓަން މާވެލްއިން ފެނިގެން ދިޔަ ލަޝާނާ ލިންޗްއާއި، ގޭމް ނައިޓްގެ ތަރި ބިލީ މެގްނަސެން، އޭގެ އިތުރުން ޖޭމްސް ބޮންޑްގެ ފިލްމުތަކުން ކުރިންވެސް ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ހިމެނޭ ރަލްފް ފިއެންސް، ބެން ވިޝޯ، ރޯރީ ކިނެއާ، ނޯމީ ހެރިސް އަދި ޖެފްރޭ ރައިޓް ވެސް ފެނިގެން ދާނެއެވެ.

އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް-16 ގެ އެޖެންޓެއްގެ ގޮތުގައި ޖޭމްސް ބޮންޑް ހަރަކާތްތެރިވާ ފިލްމުތަކަކީ އަބަދުވެސް ހޮލީވްޑްގެ ފިލްމްތައް ބަލާ މީހުންގެ މެދުގައި ވަރަށް މަގުބޫލް ފިލްމުތަކެކެވެ. ދެން ނިކުންނާނީ ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމެވެ.