އަހަރެމެން ކުޑައިރު ކުރާ ގިނަ ކަންކަން ފުރަވާރަށް އަރައި، މީހާ ބޮޑުވުމަށް ފަހު ހަނދާން ވާނީ ވަރަށްވެސް މަދު ފަހަރަކުއެވެ. ނަމަވެސް ކުޑައިރުގެ ހަނދާންތައް އާ ކުރުމަކީ ވަރަށް މުހިއްމު އަދި އެހައިމެ ބޭނުންތެރި ކަމެކެވެ. އެހެނީ، މިގޮތަށް ކަންތައް ކުރުމުން ތިމާ ބަދަލު ވެފައިވާ މިންވަރާއި، ކުރިއަރަމުން އަންނަ މިންވަރު ދެނެގަތުމަށް ފަސޭހަވެގެންދާނެތީއެވެ.

ކުޑައިރު އެންމެ ގިނަ ބަޔަކު ކުރިމަތިލާން ޖެހޭ އެއް ކަމަކީ ނިދީގައި އޮވެ ތަންމަތި ތެންމާލުމެވެ. މިއީ ބައެއް މީހުން ދައްކަން ލަދުގަންނަ ވާހަކަ އަކަށްވެފައި، މީހުން ގާތު ހިއްސާ ކުރަން ފަސް ޖެހޭ ވާހަކަ އަކަށް ވީ ނަމަވެސް، ހަގީގަތުގައި އެގޮތަށް ކަންތައް ވާކަށް ނުޖެހެއެވެ. އެއީ ކުޑައިރު ވާ މިފަދަ ކަންކަމަކީ އަހަރެމެންނަށް ނޭނގި ވާ ކަންކެމެވެ. އަދި އެއީ ދުވަސްކޮޅެއްގެ ކަމެކެވެ. ބޮޑުވުމަށް ފަހު މިކަން ވާނަމަ އެއީ އަދި މުޅި އެހެން ކަމެކެވެ. އޭރުން އެކަން ބެލޭނީ ސިއްހީ ކަމެއްގެ ގޮތުގައެވެ.

ތަންމެތި ތެންމާލައި ގޮދަޑި ހިއްކަން އަޅާފައި ހުންނަކަން ހަނދާން ނައްތާލުމުގެ ބަދަލުގައި ރަހުމަތްތެރިންގެ ގާތުގައިވެސް އެވާހަކަ ދައްކަން ފުރުސަތެއް ލިބިއްޖެނަމަ އެކަން ކުރާށެވެ. އޭރުން ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، ތިމާ އަށް ކޮންޓްރޯލް ނުކުރެވޭ ކަންކަން ހުންނާނޭ ކަމަށް ގަބޫލުކުރަން ފަސޭހަވެގެންދާނެ ކަމީ ދިރާސާތަކުން ވެސް ހާމަވެފައިވާ ކަމެކެވެ.

ކަންމިހެން އޮތުމާއި އެކު ތިއީ މިވާހަކަ ދައްކަން ފަސްޖެހޭ މީހުންނަށް ރަނގަޅު ވާހަކަ އެއް އެބައޮތެވެ. އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކީގައިވެސް 5 މިލިއަނާއި 9 މިލިއަނާއި ދޭތެރޭގެ އަދަދަކަށް މީހުން ނިދާފައި އޮވެ ތަންމަތި ތެންމާލައެވެ. އެހެންކަމުން މިއީ ތިމާ އަށް އެކަނި ވީ ކަމެއްކަމަށް ނުދެކި ކުޑައިރުގެ އެ ހަނދާންތައް އައުކޮށް މޫނުމައްޗައް ހިނިތުންވުމެއް ގެނުވާށެވެ. އެއީ ހިތުގައި ސިއްރުކޮއްގެން، ހިތުން ފޮހެލަން ޖެހޭ ވަރު ކަމެއް ނޫނެވެ.

އެހެންވީމާ ކުޑައިރު ނިދީގައި އޮވެ ތަންމަތި ތެންމާލި ހަނދާން މިހާރު ވޭހެއްޔެވެ؟