އުމުރުން 28 އަހަރުގެ ކުޑާކްވާޝް މަޕީރާގެ ހިއްވަރާއި، އޭނާގެ ކުޅަދާނަކަމުން އެންމެންވެސް އޭނާއަށް ކިޔައި އުޅެނީ "ޓާމިނޭޓާ" އެވެ. އުފަންވިއިރު ދިމާވި ހާލަތެއްގެ ސަބަބުން ވާއަތު ފައިތިލަ އެއް ނެތި އުޅެން ޖެހުނަސް އޭނާއަކީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެކެވެ. އަދި މިގޮތުގައި ކުރިއަރައި ގޮސް، ބޮޑެތި މުބާރާތްތަކުގައި ވިދާލުމަކީ އޭނާގެ ފަނޑުވުމެއްނެތް އުންމީދެވެ.

ޒިމްބާބްވޭއަށް ނިސްބަތްވާ މަޕީރާ ވަނީ ފުޓުބޯޅައިގައި ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ. އެގޮތުން ފުޅުބޯޅަ ކުޅުމުގައި އޭނާއަށް ލިބިފައިވާ ޚާއްސަ ހުނަރާއި އުކުޅުތައް ފެނިފައި އެތައް ބަޔަކު ތިބީ އަންތަރީސްވެފައެވެ. ޕްރޮފެޝަނަލް ތަރިންގެ ކުޅުމާއި އެއްގޮތަށް ކުޅުމަށް މަސައްކަތްކޮށް އެ މަސައްކަތް ކާމިޔާބުކުރަމުންދާ މަޕީރާގެ އުންމީދު ހާސިލްކުރުމަށް އޭނާ ދައްކަމުން ދަނީ އެންމެންނަށްވެސް ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މަޕީރާ މީގެ ކުރިން ވަނީ ޒިމްބާބްވޭގައި ކުރިޔަށްދިޔަ ބޮޑެތި ބައެއް މުބާރާތްތަކުގައިވެސް ބައިވެރިވެފައެވެ. އެ މުބާރާތްތަކުގައި އޭނާގެ ހުނަރު އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އޭނާ ވަނީ ހާލުގައި ޖެހިފައިވާ ޒިމްބާބްވޭގެ ހުނަރުވެރި އެތައް ބަޔަކު ހިމެނޭ ޓީމެއްވެސް އުފައްދާފައެވެ.

މަޕީރާ ބުނެފައިވަނީ މި ކާމިޔާބީތަކާއެކު އޭނާ މިހާރު ކުރާ އުންމީދަކީ ޔޫރަޕުގައި ކުޅޭ ބޮޑެތި މުބާރާތްތަކާއި ހަމައަށް ދިއުމެވެ. އަދި މިހާރު ގެދޮރު ނެތިފައިވާ އެތައް ބަޔަކުވެސް ފުޓުބޯޅައިގައި އޭނާގެ ފަހަތުގައި މަސައްކަތް ކުރަމުންދާއިރު، އެ އުންމީދަކީ އެ އެންމެންވެސް ބައިވެރިކޮށްގެން ކުރާ އުންމީދެއް ކަމަށް އޭނާ ބުންޏެވެ.

ތުއްތު އިރުން ފެށިގެން ފުޓުބޯޅަ ކުޅުމަށް ޚާއްސަ ޝައުގެއް އުފެދިފައިވާ މަޕީރާ ވަނީ އޭނާ ކުރި މަސައްކަތުން ޒިމްބާބްވޭގެ ޖޫނިއާ ޤައުމީ ޓީމަށްވެސް ހޮވިފައެވެ. އޭނާ ބުނެފައިވަނީ އެހައި ހިސާބަށް އޭނާއަށް ދަތުރުކުރެވުނީ، އޭނާގެ ނުކުޅެދުންތެރިކަމަށް ނުބަލައި ގިނަ ބަޔަކު އޭނާ އާއި އެކު މަސައްކަތް ކޮށް ފުރުސަތުތައް ފަހިކޮށްދިނުމުން ކަމަށެވެ. އެގޮތުން އާއިލާއިން އޭނާ އާއިމެދު ކަންކަން ކުރަމުންދިޔައީ ނުކުޅެދުންތެރިކަމުގެ އެއްވެސް ކަމެއް އިހުސާސް ނުކުރެވޭނެހައި ހެޔޮކޮށް ކަމުން، އާއިލާއަށް ޝުކުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

މަޕީރާ ބުނިގޮތުގައި އެއްފައި ނެތި ނުކުޅެދިފައިވީނަމަވެސް ޝައުގުވެރިކަމާއެކު ކަމެއް ކުރުމަށް އަޒުމް ކަނޑައަޅައި، އެކަމެއް ހާސިލްކުރުމަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެކަން އޭނާއަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.