އެމެރިކާގައި މަސްތުވެގެން ހުރެ އޭނާގެ ބެސްޓުފްރެންޑު މަރާލި އަންހެން މީހާ އަށް 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 24ވަނަ ދުވަހު ލުއީސާ އައިންސް ވަނީ އޭނާ އާއި އެކު ދިރިއުޅެމުން އައި ބެސްޓުފްރެންޑް، އެލެކްސާ ކެނަން މަރާލާފައެވެ. މިކަން ހިނގި ދުވަހު މި ދެމީހުން ވަނީ މަސްތުވާތަކެތީގެ އެތައް ބާވަތްތަކެއް ބޭނުން ކޮށްފައެވެ. އަދި ވަކި ހިސާބަކުން ލުއިސާ ވަނީ މަސް ކަނޑަން ގެންގުޅޭ ވަޅި އަކުން އޭނާގެ ބެސްޓު ފްރެންޑް އެލެކްސާ މަރާލާފައެވެ.

އެލެކްސާ ގައިގެ އެތައް ތަނަކަށް 30ށް ވުރެ ގިނަ ފަހަރު ވަޅި ޖަހާފައި ވާއިރު، ފުލުހުން އެ ގެއަށް ވަތްއިރު އެ ވަޅި އޮތީ އެލެކްސާ އަނގަޔަށް ހަރާލާފައެވެ. އަދި އޭނާގެ ގައި ހީވަނީ ފިހަން ތައްޔާރު ކޮށްފައި އޮތް މަހެއްގައި ޅިޔަ އަޅާފައި އޮތްހެންނެވެ. ފުލުހުން އެ ގެއަށް އައުމުން އައިންސް ވަގުތުން އަމާންދީ ކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ބުނީ އޭނާގެ ބެސްޓު ފްރެންޑަށް މަސްތުވާތަކެތި އެ ބޭނުން ކުރެވުނީ ޝައިތާނާ (އައިންސް) އާއި އެއްކޮށް ކަމަށެވެ.

އައިންސް ކޯޓުގައި

ނަމަވެސް ދާދި ފަހުން މި މައްސަލައިގެ ހުކުން އިއްވި ދުވަހު ކޯޓުގައި ވާހަކަ ދައްކަމުން އައިންސް ބުނީ އޭނާ އަށް އެކަން ކުރެވުނީ މާބޮޑަށް މަސްތުވެފައި ހުރުމުގެ ސަބަބުން ކަމަށެވެ. އައިންސްގެ ގާނޫނީ ވަކީލު އޭނާ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި އެވަގުތު އޭނާ ބޯގޯސް ވީކަމަށް ބުނި ނަމަވެސް، ގާޒީ ވަނީ އައިންސް އަށް 40 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައެވެ. މި މުއްދަތުގެ ތެރޭގައި 20 އަހަރު ފަހުން އައިންސްގެ އުޅުމަށް ރަނގަޅު ބަދަލުތަކެއް އައިސްފިނަމަ އޭނާ ދޫކޮށްލާނެއެވެ.

މި ދެ އަންހެނުން އެންމެ ފުރަތަމަ ދިމާވީ މީސް މީޑިއާ މެދުވެރިކޮށް އޮންލައިންކޮށެވެ. އޭގެ އަހަރެއް ފަހުން އެކުގައި އުޅެން ފަށަފާއިވާ މި ދެމީހުންނަކީވެސް އުމުރުން 21 އަހަރުގައި ޔުނިވާސިޓީގައި ކިޔަވަމުން އައި ދެ މީހުންނެވެ.

މިއީ ހުސްވެސް މަސްތުވާތަކެތީގެ ސަބަބުން ކުރިމަތިވާ ކަންކަން ކަމުގައި ވާއިރު، މީގެން އަހަރެމެން އެންމެންވެސް ދުރުވާން އެބަޖެހެއެވެ.