ބޮޑު މުސާރަ އަކާއި އެކު މަހުޖަނަކާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ވަޒީފާ އަކަށް އިއުލާން ކުރުމުން 60،000ށް ވުރެން ގިނަ މީހުން ވަނީ އެއަށް ކުރިމަތިލާފައެވެ. ނަމަވެސް އެ ވަޒީފާގެ ނަސީބުވެރި އަކަށް ހޮވިފައި ވަނީ މަޝްހޫރު އިންސްޓަގްރާމް މޮޑެލް އެކެވެ.

ޓީނާ ޑި އަސިސް ނަމަކަށް ކިޔާ އެ އަންހެން މޮޑެލް ކުރިމަތިލާފައި ވަނީ މަހުޖަނު މެތިއު ލެޕްރޭގެ ޕާސަނަލް އެސިސްޓަންޓުގެ މަގާމަށެވެ. މަހެއްގެ މައްޗައް އެއް މިލިއަން ދިވެހި ރުފިޔާ އަށް ވުރެން ބޮޑު އާމްދަނީ އެއް ލިބޭ މެތިއު އަކީ އަބަދުވެސް ދުބާއީ އާއި ލަންޑަންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ސިޓީތަކަށް ދަތުރު ކޮށްކޮށް ހުންނަ މީހެކެވެ.

ދުނިޔޭގެ އެންމެ ކޫލް ވަޒީފާގެ ގޮތުގައި އެ މަގާމަށް ކުރިމަތިލާން މެތިއު ހުޅުވައިލުމުން ޓީނާ އެއަށް ކުރިމަތިލީ ވަޒީފާ ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް، ޓީނާ އަކީވެސް އަބަދު ދަތުރުފަތުރުކޮށް، އެ ކަންކަން ހިނގާ ގޮތް ރަނގަޅަށް އެނގޭ މީހަކަށް ވުމުން އޭނާ އަށް ވަޒީފާ ލިބުނީ ވަރަށްވެސް ފަސޭހައިންނެވެ.

މެތިއުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ޓީނާ އަށް ބޮޑު މުސާރަ އެއްވެސް ލިބޭއިރު، ގިނަ ބަޔަކު ބޭނުންވި ވަޒީފާ އެއް ލިބުމުން އޭނާ ވަނީ އެކަމާއި ވަރަށް ފަޙުރުވެރިވާ ކަމަށްވެސް ބުނެފައެވެ.