ސިއްޙީ ނުރައްކާތެރި ހާލަތެއް މެދުވެރިވެ މަރާއި ހަނގުރާމަކުރަމުން ދިޔަ އުމުރުން ދެ އަހަރުގެ އުދައްޔު ދާވޫދު ބިން މުހައްމަދު ޝުޖާއު ނިޔާވެއްޖެއެވެ.

ރަށް މަދުން ނޫނީ ނުފެންނަ އަދި އެހާމެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1ގެ ޝިކާރައަކަށްވި އުދައްޔު ނިޔާވެފައި ވަނީ ފަރުވާދެމުން ދަނިކޮށް ރޭގެ ފަތިހު 04:56 ހާއިރު އިންޑިއާގެ ޗެންނާއީގައެވެ.

ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1 ޖެހިގެން އުދައްޔުއަށް ފަރުވާދޭން ފަށާފައި ވަނީ، މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ބަލީގެ ސަބަބުން އުދައްޔުގެ ކިޑްނީ ފެއިލްވެފައިވާއިރު އޭނާގެ ކިޑްނީ އަދި ލިވާ ޓްރަންސްޕްލާންޓް ހަދާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އުދައްޔު ނިޔާވެފައި ވަނީ މި އޮޕަރޭޝަނަށްފަހު އިތުރު ސިއްޙީ މައްސަލަތަކެއް ދިމާވެގެން ފަރުވާދެމުންދަނިކޮށެވެ. އުދައްޔު ނިޔާވި ޚަބަރު އާއިލާއިން ހާމަކޮށްފައިވާއިރު، އޭނާއަށް ކުރިމަތިވި ސިއްޙީ ނުރައްކަލާއި ގުޅިގެން އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އުދައްޔުގެ މަންމަ އަމިނަތު ނަޝްފާ ބުނީ ދަރިފުޅު ފުރަތަމަ ބަލިވީ އުމުރުން ހަތަރު މަހުގައި ކަމަށެވެ. އެއިރު ވަރަށް ބޮޑަށް ކެއްސާފައި ހޮޑުލާން ފެށުމުން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދިކަމަށްވެސް އުދައްޔުގެ މަންމަ ބުނެއެވެ. ނަމަވެސް ފުރަތަމަ ފަހަރު ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ކައިގެންވެސް އުދައްޔުގެ ހާލަތު ރަނގަޅު ނުވުމުން އަނެއްކާވެސް ހުޅުމާލޭ ހޮސްޕިޓަލަށް ދައްކައި އުދައްޔުއަށް ފަރުވާ ކޮށްފައިވާ ކަމަށް ނަޝްފާ ބުނެއެވެ.

އޭގެ އެއް ދުވަސް ފަހުން އުދައްޔުއަށް ކުރިންވީ އުނދަގޫތަށްވެ ކުޑަކަމުދާލެއް މަދުވާކަން ފާހަގަވުމުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފައިވާއިރު އޭޑީކޭއިން ހެދި ޓެސްޓްތަކުގެ ނަތީޖާއިން ހާމަވި ގޮތުގައި އުދައްޔުގެ ކްރިއާޓިނިން މިންވަރު ވަރަށް މައްޗެވެ. އެހެންކަމުން އަލުން ޓެސްޓްތައް ހަދާފައިވާ ކަމަށްވެސް ނަޝްފާ ބުންޏެވެ.

އުދައްޔުގެ ކިޑްނީ މަސައްކަތް ކުރޭތޯ ޑޮކްޓަރުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން ޕެރޮޓޯނިއަލް ޑައިލެސިސް ހަދަން ޑޮކްޓަރުން ވަނީ ލަފާދީފައެވެ. ނަމަވެސް އެކަމަށްޓަކައި ލައްވަންޖެހޭ ހޮޅިކޮޅު ލެއްވޭ ޑޮކްޓަރެއް އެވަގުތު ރާއްޖޭގައި ނެތުމުން ރާއްޖެއިން ބޭރަށް ވީހާވެސް އަވަހަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ހެދި ސީޓީ ސްކޭންގެ ނަތީޖާއަށް ފަހު ޑޮކްޓަރުން ވަނީ އުދައްޔުގެ ކިޑްނީ އަލުން ރަނގަޅު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ބުނެފައެވެ. އަދި ޑައިލިސިސް ހެދުމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވި ކަމަށް އާއިލާއިން ބުންޏެވެ.

އުދައްޔުއަށް ޖެހިފައިވާ ބައްޔަކީ، ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1 ކަން އެނގިފައިވަނީ، ސާމްޕަލް ޖަރުމަނަށް ފޮނުވައިގެން ހެދި ޓެސްޓުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ެެއަހަރެން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    May Almighty Allah grant the little soul highest places in Jannah.

    26
  2. އައްމަޑޭ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    41
  3. ....

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    20
  4. ސިޑް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    19
  5. ައަޙްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    11