މީގެ 16 އަހަރު ކުރިން އޮންލައިން ކޮށް ދިމާވެފައިވާ އަންހެނަކު މަރާލި ފިރިހެނެއްގެ މައްޗައް 25 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ޖަލަށްލާފައިވާނީ އެމެރިކާ އަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ޓޭރީ މެކްޑޮނަލްޑެވެ. ފްލޮރިޑާގެ ނޫހެއް ކަމަށްވާ ނިއުސް ޕްރެސްއިން ބުނެފައިވަނީ އޭނާ ޖަލަށް ލާފައިވަނީ ގަސްތުގައި މީހަކު މެރި މައްސަލަ ސާބިތުވުމުން ކަމަށެވެ.

ޓެރީގެ މައްޗަށް ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައި ހުކުމް ކޮށްފައިވާ އިރު ދައުލަތުގެ ވަކީލުން ބުނެފައިވަނީ އޭނާ ސިއާޓްލް އިން ފްލޮރިޑާގެ ކޭޕް ކޮރަލް އަށް 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން އޭނާގެ އެ ދަތުރަކީ އޭރު އޮންލައިން ކޮށް ދިމާވި 28 އަހަރުގެ މޭރީ މައުންޓް ހޯދުމަށް އޭނާ ކުރި ދަތުރެއް ކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ޓެރީގެ އެ ދަތުރަށް ފަހު އޭގެ ހަފްތާއެއް ފަހުން މޭރީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ދެ ހަފްތާ ފަހުން މޭރީގެ ކާރާއި ބޭންކު ކާޑާއި އެކީ ޓެރީ ޓެކްސަސްގެ ސިޓީއެއް ކަމަށްވާ ކޯޕަސް ކްރިސްޓީ އިން ފެނިފައިވާ ކަމަށެވެ.

އޭގެ ފަހުން އޭނާއާއި ސުވާލު ކުރުމުން އެ ތަކެއްޗަކީ މޭރީ އޭނާއާއި ހަވާލުކޮށްފައިވާ ތަކެތި ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން މޭރީ ވީތަނެއް ނޭނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މީގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ މަރީ މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައެވެ. އަދި މޭރީ މަރުވެފައިވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހުން ހޯދާފައިވާ ހެކި ތަކުން ދައްކާގޮތުގައި ޓެރީ ވަނީ މޭރީ މަރާލާފައެވެ. އަދި ޓެރީގެ ކުށުގެ ރިކޯޑު ތަކުން ދައްކާގޮތުގައި އޭނާ ވަނީ މީގެ ކުރިންވެސް މީހަކު މަރާލާފައެވެ.