އެމެރިކާގެ އެއާލައިނެއް ކަމުގައިވާ ޔުނައިޓެޑް އެއާލައިންސް އިން ދަތުރުކުރި ފަސެންޖަރެއްގެ ގަޔަށް ނަގުލަންދާއްޓެއް ކަށި ޖަހައިފިއެވެ.

ޔުނައިޓެޑް އެއާލައިންސްގެ ސްޕޯކްސްޕާސަން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ފަސެންޖަރަށް ހަމަލާދީފައިވަނީ ސެން ފްރެންސިސްކޯ އިން އެޓްލާންޓާ އަށް ދަތުރު ކުރި ފްލައިޓެއްގެ ތެރެއިން ކަމަށެވެ.

އޭނާއަށް ހަމަލާ ދިނުމާއެކު އެފްލައިޓުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ކްރޫ އިންވަނީ އޭނާ އަށް އަވަސް ފަރުވާދިނުމަށް ވަގުތުން ހަރަކާތްތެރި ވެފައެވެ. އަދި ފްލައިޓް ޖެއްސުމާއި އެކު އޭނަ އަށް ވަނީ ޑޮކްޓަރެއްގެ އެހީ ދީފައެވެ. އޭގެ ފަހުން އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވާފައެވެ.

މީޑިއާތަކަށް މައުލޫމާތު ދިން ފަރާތުން އެފަސެންޖަރަށް ލިބިފައިވާ އަނިޔާއެއް ހިއްސާއެއް ކޮށްފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ވަނީ ނަގުލަންދާށިގެ ފޮޓޯ އާއްމުކޮށްފައެވެ. އެފޮޓޯތަކުން ފެންނަ ގޮތުގައި ނަގުލަންދާށި ވަނީ ހިފާ ފޮއްޓަކަށް ލައިފައެވެ.

މިއީ މިފަދަ ހާދިސާއެއް ފްލައިޓެއްގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ 2 އަހަރު ކުރިންވެސް ހަމަ ޔުނައިޓެޑް އެއާލައިންސްއިން ދަތުރުކުރި ފަސެންޖަރަކު ބުނެފައިވަނީ އޭނާ ގަޔަށް ނަގުލަންދާއްޓެއް ކަށި ޖަހާފައިވާ ކަމަށެވެ. 2011 ވަނަ އަހަރު އަލަސްކާ އެއާލައިންސްއިން ދަތުރު ކުރި ފަސެންޖަރަކަށްވެސް ވަނީ ނަގުލަންދާއްޓެއް ހަމަލާ ދީފައެވެ.

ޔުނައިޓެޑް އެއާލައިންސްއިން ބުނެފައިވަނީ ފްލައިޓްތައް މިހާރު ފާސްކުރަމުން އަންނަ ކަމަށާއި ފަސެންޖަރުންގެ ސަލާމަތަށް އެފަރާތުން ޙާއްސަ އިސްކަމެއް ދޭ ކަމަށެވެ.