ހަކުރު ބައްޔާއި ހިތުގެ ގިނަ ބަލިތަކެއް ބާރު ސުޕީޑެއްގައި ފެތުރެމުން ދާއިރު، މިބަލިތަކުގެ މައި ނާރެހަކީ ހަކުރު ކަމުގައި ދިރާސާ ކުރައްވާ ބޭފުޅުންވަނީ ވިދާޅުވެފައެވެ. ހަކުރަކީ އޭގެ ބޭނުން މާގިނައިންކޮށްފިނަމަ ހަށިގަނޑަށް އެތައް ގެއްލުމެއް ލިބޭ އެއްޗެވެ.

ބޮޑު މީހަކު ދުވާލަކު މޭޒު މަތީ ސަމްސަލުގެ ހަތް ސަމުސާވުރެ ގިނައިން ހަކުރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އާންމުކޮށް މޭޒު މަތީ ސަމްސަލެއްގައި ހުންނާނީ ހަތަރު ގުރާމުގެ ހަކުރެވެ. އަހަރެމެން ފިހާރަތަކުން ގަންނަ ލުއި ކާނާއާއި ބުއިން ތަކަކީ އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ތަކެއްޗެވެ. މިހެންކަމުން ހަކުރު ބޭނުންކުރެވޭވަރު އަމިއްލައަކަށް ވަޒަންކޮށްލުމަކީ ފަސޭހަކެމެވެ.

މަތީގައި ބަޔާންކޮށްފައިވާ ވަރަށްވުރެ އިތުރަށް ހަކުރުގެ ބޭނުންކޮށްފިނަމަ އެއީ ސިއްޙަތަށް ނުރައްކާތެރި ކަމެކެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަލިތަކާއި ވޭންތަކާއި ކުރިމަތިވެއެވެ. ތިރީގައި އެވަނީ ހަކުރު މާގިނައިން ބޭނުން ކުރުމުގެ ސަބަބުން ދިމާވެދާނެ ބަލިތަކެވެ.

ފަލަވުން

އާދަޔާ ޚިލާފަށް ފަލަވުން ރާއްޖޭގައިވެސް ނިސްބަތުން ގިނަ ވަމުންދާއިރު، މިކަމަކީ ހަކުރު ބޭނުން ކުރުމާއި ގުޅުން ހުރި ކަމެކެވެ.

ހަކުރު ބައްޔާއި ހިތުގެ ބަލިތަށް

މާގިނައިން ހަކުރު ބޭނުން ކުރުމަކީ ހިތުގެ ބަލިތަކާއި ހަކުރު ބައްޔައް މަގުފަހި ކުރުވާ ކަމެކެވެ.

ޗަސްމޭގެ ބަލިތައް

މާގިނައިން ހަކުރު ބޭނުން ކުރުމުގެ ސަބަބުން ޗަސްމެއަށް ގިނަ ގެއްލުންތަކެއް ލިބި، ޗަސް މޭގެ މަސައްކަތަށް ބުރޫއު އަރައެވެ.