ސަންޖޭލީލާ ބަންސާލީ މިއަހަރު ސިނަމާތަކަށް ގެންނަން މަސައްކަތް ކުރާ ފިލްމް ގަންގުބާއި ކަތިއަވާޅީގެ ލީޑް އެކްޓްރެސްއަކަށް އާލިއާ ބަޓް ހަމަޖައްސާ ފިލްމްގެ ފުރަތަމަ ޕޯސްޓަރތައް އާންމުކޮށްފިއެވެ.

ފިލްމްގެ ދެ ޕޯސްޓަރެއް މިހާރު އާންމުންނާ ހަމަޔަށް އައިސްފައިވާއިރު މި ފިލްމްގެ ޝޫޓިންގވެސް ބަންސާލީވަނީ ފަށާފައެވެ. މި ފިލްމްގެ އާމުކޮށްފައިވާ ދެ ޕޯސްޓަރަށް ބަލާއިރުވެސް ޕޯސްޓަރުން ފެންނަނީ އާލިއާ ބަޓް އެކަންޏެވެ.

ލޯބީގެ ފިލްމްތައް ހެދުމަށް މަޝްހޫރު ޑައިރެކްޓަރ ބަންސާލީ މިފަހަރު މިސްރާބު ޖަހާފައި މިވަނީ މުޅިން ތަފާތު ޖޯންރާއަކަށެވެ. މި މުޅި ފިލްމް ބިނާވެފައިވަނީ އިންޑީއާގެ މަޝްހޫރު މާފިއާ ކުއީންއެއްކަމަށް ގަންގުބާއިގެ ހަޔާތުގެ މައްޗަށެވެ. މި ފިލްމްގައި މާފިއާ ކުއީން ގަންގުބާއީގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓްއެވެ.

މިއީ ސަންޖޭލީލާ ބަންސާލީގެ ފިލްމަކުން އާލިއާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި ފަސް އަހަރަކަށް ބަލާއިރު ބަންސާލީގެ ފިލްމްތަކުގެ ލީޑުން ފެނިގެންގޮސްފައިވާ ބަތަލާއަކީ ދީޕިކާ ޕަދްކޯންއެވެ.

https://www.instagram.com/p/B7U1CVqlAmr/

ޕޯސްޓަރު އާއްމު ކުރުމާއި އެކު ބޮލީވްޑްގެ މަޝްހޫރު ބައެއް ތަރިންނާއި ޑައިރެކްޓަރުން ވަނީ ޕޯސްޓަރުގައި ފެންނަ އާލިއާގެ ފޮޓޯއަށް ތައުރީފް ކޮށްފައެވެ.

މީސް މީޑިއާގައި ގިނަ މީހުން ބުނެފައި ވަނީ ފޮޓޯ އިން ފެންނަ ތަފާތު ފިލްމުގައި އާލިއާ ދައްކައިދޭނެ ކަމާއި މެދު އެމީހުން ޝައްކު ނުކުރާ ކަމަށެވެ.

މުހިއްމު ރޯލަކުން ފުރަތަމަ 2012 ވަނަ އަހަރު ފެނުނު އާލިއާ އަކީ މިހާރު ބޮލީވްޑްގައި ހިމެނޭ އެންމެ އަގުބޮޑު އަންހެން ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.