ކެނެޑާގެ ޓޮރޮންޓޯ އިން ޖަމައިކާއަށް ދަތުރުކުރި ފްލައިޓެއްގައި ހުރި މީހަކު، ނުރައްކާތެރި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވިގެން ފްލައިޓް އިމަޖެންސީގައި ޖައްސައިފިއެވެ.

މި ފްލައިޓް ކެނެޑާއިން ނައްޓާލައިގެން ދަތުރު ފެށިފަހުން، އަނބުރާލުމަށްފަހު އިމަޖެންސީގައި ޖައްސާފައިވަނީ، އެއިން ދަތުރުކުރި މީހަކު އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ބުނުމުންނެވެ. އޭނާ ބުނެފައިވަނީ އޭނާއަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު، ޗައިނާގެ ވޫހާން ސިޓީއަށް ދާދިފަހުން ދަތުރުކޮށްފައިވާ މީހެކެވެ. އެހެންކަމުން އޭނާގެ ހަށިގަނޑުގައި ކޮރޯނާ ވައިރަސްގެ އަސަރު ހުރި ކަމަށް ފްލައިޓުތެރޭގައި އޭނާ ބުނެފައި ވެއެވެ.

އުމުރުން 28 އަހަރުގެ ޖޭމްސް ޕޮޓޯކް ނަމަކަށްކިޔާ މި މީހާ، އޭނާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ފްލައިޓު ތެރޭގައި ބުނި ވަގުތު ފްލައިޓުގައި 200 އަށްވުރެ ގިނަ ފަސެންޖަރުން ތިއްބެވެ. އޭނާގެ ވާހަކަތަކާއި ގުޅިގެން ފްލައިޓުގައި އެވަގުތު ތިބި ފަސެންޖަރުންގެ ހިތްތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ މިހާރު މީސްމީޑީއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ފެންނަނީ މާސްކެއް އަޅައިގެން ދެއަތަށް އަންގީ ލައްވައިގެން ހުރި ޖޭމްސް ސީޓުން ތެދުވެ އޭނާއަށް ބަލި ޖެހިފައިވާކަން އިއުލާނުކުރާ މަންޒަރެވެ.

ޖޭމްސްގެ މި އަމަލާއި ގުޅިގެން ފްލައިޓް އަނބުރާ ކެނެޑާއަށް އިމަޖެންސީގައި ޖައްސާފައިވާއިރު، އޭނާ ހެދީ ދޮގުކަން ފަހުން ވަނީ ހާމަވެފައެވެ. ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ބުނެ ފްލައިޓުގައި ތިބި ފަސެންޖަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ފްލައިޓް އިމަޖެންސީގައި ޖައްސުވަން އޭނާ މަޖުބޫރު ކުރުވީ މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ.

ނޫސްތައް ބުނާގޮތުގައި ޖޭމްސް އަކީ ޔޫޓިއުބް ވީޑިއޯ ހަދާ މީހެކެވެ. އޭނާ ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ބުނެ ދޮގުހެދީ އޭނާގެ ޗެނަލް މަޝްހޫރު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެކަމުގެ ސަބަބުން ކުރިމަތިވި ކަންކަމާއި ގުޅިގެން އޭނާ ފަހުން ވަނީ މަޢާފަށް އެދިފައެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށްބުނެ ފްލައިޓުތެރޭގައި ދޮގުހެދި މައްސަލައިގައި، އިމަޖެންސީގައި ފްލައިޓު ޖެއްސުމާއެކު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ދޮގު ހަދައިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެންޒޭމާ

    ތިކަހަލަ މީހުން ގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ސިޔާސީ މީހުންނާއި ދީނީ މީހުން މިރާޢްޖޭގައި ވަރަށް ގިނަ . ޢަދި އޭގެތެރޭގައި ހައްދުފަހަނައަޅާ ގޮސް މުޅި ދުނިޔޭގެ ސަމާލުކަން ހޯދަންއުޅޭ މީހަކުވެސް އުޅޭ .