މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ނޫނީ ގެއިން ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ކެނޑިނޭޅި އިންތިމާސްކުރަމުންނެވެ. އެހެން ނަމަވެސް އެ އެންގުމާއި އެއްގޮތަށް އަމަލު ކުރަނީ ނިސްބަތުން މަދު ބައެކެވެ.

މިކަމާއި ގުޅިގެން އޮސްޓްރިއާ އަށް ނިސްބަތްވާ ޕައިލެޓަކު ވަނީ އާންމުންނަށް މިކަން ތަފާތު ގޮތަކަށް އިލްތިމާސް ކޮށްފައެވެ. އީޗް އޭ ނަމަމަކަށް ކިޔާ ޕައިލެޓު އޮސްޓްރިއާގެ ވިއެނަރ ނެއުސްޓެޑް އިން ފުރައިގެން ދަމުން ދިން މި މެސެޖު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، އޭނާ ފްލައިޓް ދަތުރުކޮށްފައި ވަނީ "ސްޓޭ ހޯމް"، މި ބަސް ފެންނަ ގޮތަށެވެ.

ހުނަރުވެރިކަމާއި އެކު ޕައިލެޓަކު ދިން މި ތަފާތު މެެސެޖް، "ފްލައިޓް ރާޑަރ" އެޕްލިކޭޝަން މެދުވެރިކޮށް އެތައް ބަޔަކު ބަލާފައި ވާއިރު، މިކަން ކުރި އެއާލައިން "ޑައިމަންޑު އެއާކްރާފްޓް" އަށާއި ޕައިލެޓަށް އެފަރާތްތަކުން ދަނީ ތައުރީފު ކުރަމުންނެވެ.

އޭނާ "ސްޓެއި ހޯމް" ނުވަތަ ގޭގައި ތިބުމަށް އިލްތިމާސްކޮށް ރާޑަރުގައި މެސެޖު ލިޔެލުމަށް ގާތްގަނޑަކަށް 25 މިނެޓު ހޭދަކޮށްފައިވާ ކަމަށް ކަމަށް ސީއެންއެސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

އޮސްޓްރިއާގެ ޕައިލެޓަކު މިފަދަ ގޮތަކަށް އެތައް ބަޔަކަށް މެސެޖެއް ފޯރުކޮށްދީފައި މިވަނީ، ކޮވިޑް-19 ގެ ނުރައްކާ އެޤައުމަށްވެސް އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހާއި ހަމަޔަށް އެކަނިވެސް އޮސްޓްރިއާއިން 1،843 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.

މިހާރު ކޮންމެ އެއާޕޯޓެއްގައިވެސް މި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް، މި ބަލި ފެތުރިގެން ގޮސްފައި ވަނީ ގިނަ ފަހަރަށް ޕްލައިޓުތަކުގައި އެކި ޤައުމުތަކަށް ދަތުރުކުރާ މީހުންގެ ފަރާތުންނެވެ.

މިހާތަނަށް ދުނިޔޭގެ 185 ޤައުމަކުން ކޮވިޑް-19 ފެނިފައި ވާއިރު، ދުނިޔެއިން ޖުމްލަ 276،293 މީހެއްގެ ގައިން މި ބަލި ވަނީ ފެނިފައެވެ. މި ބަލީގައި 11,421 މީހުން މަރުވެފައިވާ އިރު، ބަލިން ސަލާމަތްވެފައި ވަނީ 91,952 މީހުންނެވެ.