ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު ވިޔަފާރިތައް އިނދަޖެހި، އިޤްތިޞާދީ ބޮޑު ތަދުމަޑުކަމެއްގެ ބިރު ވަނީ ހީވެފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ބިލިއަނަރ ޖެފް ބެޒޮސްއަށް އެކަމުގެ ސަބަބުން އެއްވެސް ހާސްކަމެއް ނެތެވެ.

"ބްލޫމްބާގް" އިން ބުނާ ގޮތުގައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި ފަސް މީހުންގެ ތެރެއިން މިއަހަރު އާމްދަނީ ދަށަށް ނުގޮސް ހުރި ހަމައެކަނި މީހަކީ އެމޭޒަންގެ ވެރިޔާ ޖެފްއެވެ. މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާގެ މަގާމު ދަމަހައްޓަމުން އަންނަ ޖެފް ފިޔަވައި ދުނިޔޭގެ އެންމެ މުއްސަނދިންގެ މިލްކިއްޔާތުން ވެސް މިއަހަރު ވަނީ ފައިސާ މަދުވެފައެވެ.

ނަމަވެސް ފާއިތުވި ތިން މަސް ދުވަސް ތެރޭގައި ޖެފްއަށް އިތުރު ފަސް ބިލިއަން އެމެރިކާ ޑޮލަރު ލިބިފައި ވެއެވެ. މިހާރު އޭނާގެ މިލްކިއްޔާތުގައި 120 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ޖެފް މިހާރު އެންމެ މުއްސަނދި މީހާގެ މަގާމު ދަމަހައްޓަމުން އަންނަނީ އޭނާގެ ކުރީގެ އަނބިމީހާ މެކެންޒީ ވަރިކުރުމުން ބަދަލެއްގެ ގޮތުން މެކެންޒީއަށް ދޭން ޖެހުނު 35.7 ބިލިއަން އެމެރިކާ ޑޮލަރާއި އެމޭޒަންގެ 04 އިންސައްތަ ހިއްސާ ވެސް ދީފައެވެ.

ޖެފްއަށް އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ލިބެނީ 81840 އެމެރިކާ ޑޮލަރެވެ. އޭނާ އަށް ލިބޭ އާމްދަނީގެ ބޮޑުބަޔަކީ އެމޭޒަންގައި އޮތް ހިއްސާ އިން ފައިދާގެ ގޮތުގައި ލިބޭ ފައިސާ އެވެ. އޭނާ އަށް ކޮންމެ ސިކުންތަކު 2489 އެމެރިކާ ޑޮލަރު ނުވަތަ ދިވެހި ރުފިޔާ އިން ބަލާނަމަ 38330 ރުފިޔާ ލިބެއެވެ.

ޖެފްގެ އާމްދަނީ މިހާރު ވެސް އިތުރުވަމުން އަންނައިރު ކޮވިޑް-19 އާއި ގުޅިގެން އެމޭޒަންގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ މުއްސަނދިން އިތުރަށް މުއްސަނދިވެގެން ދާނެ ފުރުސަތެކެވެ.