ކޮންމެ ދެމަފިރިއެއްމެ ލޯބިން އެކުގައި ހަޔާތެއް ފަށައި ކައިވެނީގެ ގޮށް ޖަހާނީ އުފާވެރި ދިރިއުޅުމެއް ހޭދަކުރުމުގެ ނިޔަތުގައެވެ. ހަޔާތުގެ ވަކި ހިސާބަކުން އެކަކު އަނެކަކާއި ވަކިވުމަކީ އެއްވެސް ދެމަފިރިއަކު ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް އެކުގައި ހަޔާތެއް ފުރިހަމަކޮށް އެކުގައި މި ވަގުތީ އާލަމުން ވަކިވެދިއުމުގެ ނަސީބު ލިބެނީ ވަރަށް މަދު ބަޔަކަށެވެ. މިއީ ލޯބިން އުޅުމަށްފަހު އެކީގައި ފަހުވަގުތުވެސް ހޭދަކުރި އެމެރިކާ ދެމަފިރިއެއްގެ ވާހަކައެވެ.

އުމުރުން 74 އަހަރުގެ ސްޓޫރަޓް ބޭކާ އާއި އޭނާގެ އުމުރުން 72 އަނހެނުން އެޑްރިއަން ބޭކާ މަރުވީ އެ ދެމީހުންގެ ކައިވެންޏަށް 51 އަހަރުވެފައި ވަނިކޮށް މިދިޔަ މާރިޗު މަހުގެ ފަހުކޮޅުއެވެ. ލޯބިން ހަޔާތެއް ހޭދަކުރި މި ދެމަފިރިން ދުނިޔެއާއި ވަކިވީ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ޝިކާރައަކަށް ވެގެންނެވެ.

 

މި ދެމަފިރިންގެ ފިރިހެން ދަރިފުޅު، ބަޑީ ބޭކާ ބުނެފައިވާ ގޮތުގައި އޭނާގެ މައިންބަފައިން މަރުވީ ހަމިނެޓުގެ ތަފާތަކުންނެވެ. އެމީހުން މަރުވީ ކޮވިޑް-19 އަށް ފައްސިވެ ބަލިން ރަނގަޅު ނުވެ ގިނަ ދުވަސްތަކެއް ވަންދެން އެނދުމަތިވެފައި ތިބެން ޖެހުމަށްފަހު އެވެ. ބަޑީ ބޭކާ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން އޭނާގެ މަންމަ އާއި ބައްޕައަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ބަލިން ފަސޭހަ ނުވުމުން ހޮސްޕިޓަލުން އެމީހުން ދޫކޮށްލީ، ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން ކަމަށް އޭނާ ބުންޏެވެ.

ދެވޭނެ މާބޮޑު ފަރުވާއެއް ނެތި ވެންޓިލޭޓަރުގެ އެހީގައި ގޭގައި ފަހުވަގުތު ގުނަމުން ދިޔަ ބޭކާ އާއި އޭނާގެ އަނބިމީހާ މަރުވީ އެއްވެސް ވަރަކަށް ހާލު ރަނގަޅުނުވެ އިތުރަށް ބަލި ބޮޑުވާތީ ވެންޓިލޭޓަރުން ނައްޓާލުމަށް ޑޮކްޓަރުން އިރުޝާދު ދިނުމުން، ވެންޓިލޭޓަރުން ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ.

"ބަލީގެ ހާލަތަށް އެއްވެސް ބަދަލެއް ނައިސް، މަންމަ އާއި ބައްޕަގެ ހާލު ގޯސްވާތީ ޑޮކްޓަރުންގެ އިރުޝާދުގެ މަތީން އަހަންނާއި އާއިލާއިން އެއްބަސްވީ ވެންޓިލޭޓަރުތައް ކަނޑާލަން. ވެންޓިލޭޓަރުން މަންމަ އާއި ބައްޕަ ކަނޑާލިތާ މާގިނައިރެއް ނުވެ ދެމީހުންވެސް މަރުވެއްޖެ. ފަހު ވަގުތުވެސް އެކީގައި ތިބި މަންމަ އާއި ބައްޕަ މަރުވިއިރު އިނީ 6 މިނެޓުގެ ތަފާތެއް،" ބަޑީ ބޭކާ ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި މި ބަލީގެ ނުރައްކާތެރިކަމާއި އޭގެ ވޭން ހަޤީޤަތުގައި އިހުސާސް ކުރެވޭނީ ބަލި ޖެހުމުން ކަމަށާއި، އެކަން ގާތުން އޭނާއަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ މައިންބަފައިން ފަހުނޭވާ ދޫކޮށްލީ ހިތްހަމަޖެހިގެން ތިބެ ކަމަށް ބޭކާ ބުނެފައި ވެއެވެ. ބޭކާ ވަނީ މި ވައިރަސްގެ ޝިކާރައަކަށްވެ މިފަދަ ހާލަތެއް މެދުވެރިވުމުގެ ކުރީން އެހެން އާއިލާތަކުން ވެސް ވައިރަސް އާއި މެދު ސަމާލުވުމަށް ނަސޭހަތްތެރިވެފައެވެ.

ނޭވާލާނިޒާމަށް ގެއްލުންދީ ފުރާނައަށް ނުރައްކާ ކުރާ ކޮވިޑް-19 ޖެހި، އެ ބަލީގައި އެންމެ ގިނައިން މަރުވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބަލީގައި ދުނިޔެއިން 59200 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިތުރު ގޮތެއް ނެތް

    ކިތަންމެ ވަރަކަށް ލޯބި ވިޔަސް މަރުވީމާ ހަމަ ސީދާ ޖަހައްނަމް އޮތީ ކާފަރުންނަށް. އެހެން ނޫންނަމަ އެކަލާނގެ ބަސްފުޅު ތެދެއް ނުވާނެ.

    62
    5