ވަސްދުވުމާއި ރަހަލުން ދަށްވާން ފެށުމަކީ، ހަލުވިކަމާއެކު މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ އަލާމާތަކަށް ވެދާނެ ކަމަށް އެމެރިކާގެ ޑޮކްޓަރުންތަކެއް ބުނެފިއެވެ.

އެމެރިކަން އެކެޑަމީ އޮފް އޯޓޮލަރީންގޮލޮޖީގެ ތަޖުރިބާކާރުން މިކަމާއި ގުޅޭގޮތުން ހޯދި ހޯދުންތަކަށްފަހު ބުނެފައި ވަނީ، ކޮވިޑ-19 ގެ އާންމު އިތުރު އަލާމާތްތައް ނުފެނި، މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ބައެއް މީހުންނަށް ވަސްދުވުމާއި ރަހަލުން ގެއްލުމުގެ އަލާމާތް ފެނިފައިވާ ކަމަށެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މިގޮތުގެ މަތީން މި އަލާމާތްތައް ފެންނަ ބައެއް ފަރާތްތަކަށް ވަސް ދުވުމާއި ރަހަލުމުގެ ޙިއްސު ދާއިމަށް ގެއްލިފައިވާކަން މިހާތަނަށް އެއްކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ކަމަށެވެ. ނަމަވެސް ވައިރަސްގެ ކުރީކޮޅުގައި އާއި ހަށިގަނޑަށް ވައިރަސްގެ ނުރައްކާ ބޮޑު ނުވެއްޖެ ނަމަ ދާއިމަށް މި ޙިއްސުތައް ގެއްލި ނުގޮސް ސަލާމާތްވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮވިޑ-19 ގެ 19 އަލާމާތެއް އަންގައިދޭ ލިސްޓެއް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މީގެ ކުރިން ނެރެފައި ވެއެވެ. ނަމަވެސް އެޤައުމުގެ ޑޮކްޓަރުން އަލަށް ހޯދި މި އަލާމާތްތައް އެ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.

ކޮވިޑ-19 ގެ އާންމު އިތުރު ބައެއް އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުމާއި، މޭމައްޗަށް ތަދުވެ ބާރުވުމާއި ހުން އައުންފަދަ ކަންކަން ހިމެނެއެވެ.

ކޮންޓްރޯލް ނުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް މިހާރު ފެތުރެމުންދާއިރު، މިހާތަނަށް 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ވައިރަސް ވަނީ ފެނިފައެވެ. މިހާތަނަށް މި ވައިރަސް ޖެހިގެން އެތައް ހާސް ބަޔަކު ދުނިޔެއިން ވަކިވެ ގޮސްފައިވާއިރު، 1.7 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވައިރަސްގެ ޝިކާރައަކަށް ވެފައެވެ. މިހާތަނަށް މި ވައިރަސް އަށް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުންނާއި ތަޖުރިބާކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.