މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން، މަޝްހޫރު މީސްމީޑިއާ މަންސަ، ފޭސްބުކް އިން "ކެއާ ރިއެކްޝަން" ތައާރަފް ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކަށް އެކަމުގެ އަސަރު ކޮށްފައިވާ މި ދަނޑިވަޅުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މީހުން ހޭދަކުރަމުން އަންނަ ވަގުތުވެސް ވަނީ އިންތިހާ އަށް އިތުރުވެފައެވެ. ފޭސްބުކް އިން މިހާރު ތާރަފް ކުރުމަށް ނިންމާފައިވާ ކެއާ ރިިއެކްޝަނުގެ ސަބަބުން އެކަކު އަނެކަކަށް އޯގާތެރިވާކަން ހާމަކޮށްދެވޢނެ އެވެ.

ފޭސްބުކްގެ ޓެޗްކޮމް މެނޭޖަރ އެލެކްސަންޑްރާ ވޮއިސާ ބުނެފައި ވަނީ މި ވަގުތުގައި އެންމެންނާއި ގުޅޭ ރިއެކްޝަނެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ރިއެކްޝަނުގެ ސަބަބުން އާއިލާ އާއި ރަހުމަތްތެރިންނާއި އޮންނަ ގުޅުންތައް އިތުރިވެގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފޭސްބުކް އިން އަންނަނީ މި ރިއެކްޝަންތަކުގެ އިތުރުން މި ދުވަސްކޮޅާއި ގުޅޭ ޕްރޮފައިލް ފޮޓޯ ފްރޭމްތައްވެސް ފޭސްބުކުގައި ހިމަނަމުންނެވެ.

މި ދުވަސްވަރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ނަފްސާނީ ގޮތުންވެސް އަސަރުކޮށްފައެވެ.

އެހެން ކަމުން ގޭގައި ތިބެގެންވެސް މުއާސަލާތީ ގުޅުންތައް ބޭނުންކޮށްގެން މީހުންނާއި ވާހަކަ ދައްކައި، މިހާރު ދިރިއުޅެމުން ދާ ގޮތްތަކަށް ހޭނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

މި ދަނޑިވަޅުގައި ރަހުމަތްތެރިންނާއި ބައްދަލު ކުރަން ބޭރަށް ނުދެވުނު ކަމުގައި ވީނަމަވެސް، ފޭސްބުކް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން އަބަދުވެސް މީހުންނާއި ގުޅިގެން އުޅުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކޮށްލެވެއެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅުންހުރި އެހެނިހެން ބަދަލުތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަށް ދަނީ ގެންނަމުންނެވެ.