އާންމުކޮށް މީހުން ބޭވަފާތެރިވަނީ އެ މީހަކު ޒަވާޖީ ގުޅުމެއްގައި، ނޫނީ ލޯބިވެރިއެއް ފަރާތުން ހާސިލްކުރަން ބޭނުންވާ ކަންކަން ނުވުމުންނެވެ. ނޫނީ ބައެއް މީހުންނަކީ ދިރިއުޅުމުގެ ކަންކަން ސީރިއަސްކޮށް ނުނެގުމުގެ ސަބަބުން، އެހެން ނޫނީ ތިމާގެ ބައިވެރިއާއަށް ކުރާ އިހުތިރާމް ކުޑަވުމުގެ ސަަބަބުން ފަސޭހަކަމާ އެކު ބޭވަފާތެރިވުމުގެ އާދަ ގައިގައި ހަރުލާފައި ހުންނަ ބައެކެވެ. އެފަދަ މީހުންނަށް ބޭވަފާތެރިވުމަކީ މާ ބޮޑު މައްސަލައަކަށް ނުވެއެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ތޮބީއީކަމެކެވެ.

ކޮންމެއަކަސް މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ސިއްހީ ކާރިސާއާ އެކު ވަޒީފާތައް ގެއްލުމާއި، ފުރަބަންދުގައި ތިބެން ޖެހުމުން ހާސްވުމާއި މާސްޔޫސްވުން ވަނީ އިތުރުވެފައެވެ. އަދި ދިިރުއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ރައްޓެހިންނާ މަސައްކަތުގައި ޝާމިލްވެ އުޅުމުގެ ފުރުސަތު މިހާރު ލިބެނީ މަދު ބަޔަކަށެވެ. އެހެންކަމުން ބައިވެރިޔާއަށް ބޭވަފާތެރިވުން މިހާރު ވަނީ އިތުރުވެފައެވެ.

"އެކްސްޕްލޯ އިންސްޓްއިލް"އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން މިހާރު ގިނަ މީހުން ފުރަބަންދާ ހުރެ ގޭގައި ތިބެން ޖެހުމުން ސިއްރު ލޯބިވެރިން ގެންގުޅެނީ އޮންލައިން ޕްލެޓްފޯމްތަކުގައެވެ.

ސިއްރު ލޯބިވެރިން ގެންގުޅޭ މިންވަރު 20 ޕަސަންޓާއި 40 ޕަސަންޓާ ހަމައަށް އިތުރުވެފައިވާ ކަމަށް އެ ދިރާސާއިން ދައްކައެވެ. އަދި އޮންލައިންކޮށް ޑޭޓްކުރާ ވެބްސައިޓް ތަކަށް 17000 އާއި ހަމައަށް އާ ލޮގިންތައް ލިބިފައިވާކަމަށް އެ ދިރާސާއިން ދައްކައެވެ.

ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ އިރު އާ ލޯބިވެރިއަކު ހޯދުމަކީ ގިނަ ބަޔަކު ކުރާ ކަމެއް ކަމަށް އެ ދިރާސާގައި ފާހަގަކުރެއެވެ. އަދި އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ބުނާ ގޮތުން، ފުރަބަންދުގައި ވާހަކަ ދައްކާ ސިއްރު ލޯބިވެރިންނަށް ބޮޑަށް ހިތްޖެހުމާއި، އެ މީހުންނާއި އޮންނަ ގުޅުމުގެ ޖަޒުބާތުތައް ވަރުގަދަވުމަކީ ވަރަށް ގާތްކަމެކެވެ.

އެހެންކަމުން އޮންލައިންކޮށް ލޯބިވެރިއަކު ހޯދާ އިރު ކުރިން ދަންނަ ގާތް ރަހުމަތްތެރިއަކާއި ނޫނީ ކުރީގެ ލޯބިވެރިޔަކާ އަލުން ގުޅުމަކީ ވަރަށް ގާތްކަމެކެވެ. ސަބަބަކީ ސިއްހީ ކާރިސާގެ ވަގުތުގައި ތިމާގެ އިހުސާސްތައް އެނގޭ މީހަކާ ވާހަކަދައްކަން ގިނަ ބަޔަކު ބޭނުންވުމެވެ. އަދި ފުރަބަންދު ކުރުމާއެކު ޖިސްމާނީ ގޮތުން އެކަކު އަނެކަކާ ބައްދަލު ނުވާނެތީ، ޚިޔާލާއި ފިކުރު ދިމާވާ މީހުންނާ ވާހަކަ ދެއްކުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ.

ވަޒީފާއަށް ނުގޮސް ގިނަ ވަގުތު ގޭގައި ތިބެން ޖެހުމުން ކައިވެނިކޮށްގެން އުޅޭ މީހުންނާ މެދު ހިތްހަމަ ނުޖެހުން އިތުރުވެ، ވަރި ގިނަވާ ކަމަށް ވެސް ސައިކޮލޮޖިސްޓުން ބުނެއެވެ. އެހެންވާ ސަަބަބަކީ ބައިވެރިޔާއާ އެކު މާ ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އޭނާގެ ހުންނަ ނުރުހޭ ކަންކަން ފެނުމާއި، މި ވަގުތަކީ ނަފްސާނީ ގޮތުން އުނދަގޫ ވަގުތަކަށް ވުމުން، ޖަޒުބާތުތައް ކޮންޓްރޯލް ނުވުން ކަމަށް ވެސް މާހިރުން ބުނެއެވެ.

މި ދުވަސްކޮޅު އޮންލައިންކޮށް ވިޔަސް ގުޅޭ ސިއްރު ލޯބިވެރިންނާ ކުރިން އެހެން މީހަކާއި ނޯންނަ ފަދަ ވަރުގަދަ ގުޅުމެއް އުފެދުން ގާތް އިރު، އެފަދަ މީހުންނާ ދިރިއުޅުމުގެ ކަންކަން ހިއްސާކުރަން ފަސޭހަވާނެ ކަމަށް އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ބުނެއެވެ. އެހެންކަމުން އިނދެގެން ހުރި މީހާ ވަރިކޮށްފައި ވެސް މިހާރު އޮތް ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމުން މިހާރުގެ ލޯބިވެރިޔާ އާއި ގުޅެން ބޭނުންވާ މީހުން ގިނަ ވާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީދީ

    މިކަހަލަ ލިޔުއްވުންތަށް މާގިނައިން ނުލިޔުއްވައްޗޭ؟ އަޅުގަނޑަށް ރޮވެނީ!!!!

    11
    1
  2. ޢަ

    އޯކޭ

    4
    1