ސަންދޯކަކަށް ބަދަލުކޮށްލެވޭ، ހޮސްޕިޓަލްތަކަށް ޚާއްސަ އެނދެއް، ކޮލަމްބިއާގެ ކުންފުންޏަކުން އުފައްދައިފިއެވެ.

މި އެންދު ފަރުމާކޮށް އުފެއްދި ކުންފުނީގެ ވެރިޔާ، ރޮޑޮލްފޯ ގޮމޭޒް ނޫސްތަކުގައި ބުނެފައިވަނީ، މިފަދަ އުފެއްދުމެއްގެ ޚިޔާލު އައީ ދާދިފަހުން އެކުއެޑޯ އަށް ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، އެޤައުމުގެ ހޮސްޕިޓަލްތަކުގައި ބަލި މީހުންނަށް ޚާއްސަ ކުރެވިފައިވާ އެނދު މަދުވެ، މީހުން ވަޅުލުމަށް ބޭނުންކުރާ ސަންދޯއް ލިބުން ދަތިވި ޚަބަރު ލިބުމާއި ގުޅިގެން ކަމަށެވެ.

"ގިނަ އަދަދެއްގެ އާއިލާތަކަށް ސަންދޯއް ނުލިބި ދަތިތަކާއި ކުރިމަތިވަމުންދޭ. ޚާއްސަކޮށް ފަޤީރު އާއިލާތަކަށް މި މައްސަލަ ކުރިމަތިވާ މިންވަރު ބޮޑު. އެއީ އާންމުކޮށް ވިއްކަން ހުންނަ ސަންދޯއް އަގުބޮޑުވުމުން. މިއީ އެ މައްސަލައިގެ ޙައްލު ކަމަށް ޤަބޫލުކުރެވޭ،" ގޮމޭޒް ބުނެފައި ވެއެވެ.

ގޮމޭޒް ބުނެފައިވާ ގޮތުގައި، ސަންދޯކަކަށް ބަދަލުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އެނދަކީ ހޮސްޕިޓަލުގައި ބަލި މީހާއަށް ފަރުވާ ދިނުމުގެ ކަންކަމަށް އެކަށީގެންވާ ގޮތަށް، ތައްޔާރުކޮށްފައިވާ އެނދެކެވެ. އެގޮތުން މި އެނދުގެ ކޮޅުތައް ހޮސްޕިޓަލް އެނދުތަކާއި އެއްގޮތަށް ހިއްލޭނެ ކަމަށާއި، ބޭނުންވާ ހާލަތެއްގައި ފަސޭހަކަމާއެކު އެނދު އެއްތަނުން އަނެއްތަނަށް ވެސް ގެންދެވޭނެ ކަށް އޭނާ ބުންޏެވެ.

ވަކަރު ސްޓްރަކްޗަރެއްގެ ކާޑުބޯޑު ހަރުކޮށްގެން ހަދާފައިވާ މި އެނދުތައް އިތުރަށް އުފެއްދުމުގެ މަސައްކަތް ގޮމޭޒްގެ ކުންފުނިން މިހާރު ކުރަމުންދާއިރު، އޭނާ ވަނީ ކޮލަމްބިއާގެ ހޮސްޕިޓަލްތަކަށް މިފަދަ އެނދުތަކެއް ހަދިޔާ ކުރުމަށްވެސް ނިންމާފައެވެ. އަދި އެއަށްފަހު ޑިމާންޑަށް ބަލައި އެހެން ހިސާބުތަކަށް އޯޑަރުތައް ލިބޭ މިންވަރަކު މިފަދަ އެނދުތައް ފޮނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފަސޭހަކަމާއެކު ފަތްޖަހާލެވޭ، އަދި ސަންދޯކަކަށް ބަދަލުކޮށްލެވޭ މި އެނދުގައި ބަލިމީހާއަށް ބޭނުންވާ ތަކެތި ބެހެއްޓުމަށް ޚާއްސަ ކެބިނެޓެއްވެސް ހަދާފައިވެއެވެ. މިއީ 150 ކިލޯގެ ބަރުދަން ހިފެހެއްޓޭ ވަރުގެ ވަރުގަދަ އެނދުތަކެއް ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން މިއިން އެދެއް ވިއްކުމަށް ނިންމާފައިވަނީ 85 އެމެރިކާ ޑޮލަރު (1310 ރުފިޔާ) އަށެވެ. މިއީ އާންމުކޮށް ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެނދުތަކާއި، މީހުން މަރުވުމުން ވަޅުލާން ބޭރުގައި ތައްޔާރުކުރާ ސަންދޯކުގެ އަގާއި އަޅާބަލާއިރު އެތައް ގުނައެއް ހެޔޮ އަގެކެވެ.