ޖަރުމަންވިލާތުގެ ހޮޓެލް އެއްގައި ވަކި ބަރުމިނަކަށް ވުރެން ބަރު ވެއްޖެނަމަ ހޮޓެލް އަށް ނުވަދެވޭނެކަމަށް ގަވާއިދެއް ކަނޑައެޅުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް އަމާޒުވެއްޖެއެވެ.

އެ ގައުމަށް ނިސްބަތްވާ އަންހެނެއް ކަމުގައިވާ އެންޖެލިކާ ހާގްޝެއިސްމާ އޭނާގެ ހޮޓެލްގެ ވެބްސައިޓުގައި ޖަހާފައިވާ ގޮތުން 130 ކިލޯ އަށް ވުރެން ބަރު މީހުން އެ ހޮޓެލް އަށް ވަނުން މަރުހަބާ އެއް ނޫނެވެ.

މިކަން ހޮޓެލްގެ ވެބްސައިޓަށް ޒިޔާރަތް ކުރި ބަޔަކަށް ފާހަގަވެގެން މިކަމާއި ނުރުހުން ފާޅުކޮށް، މީސް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަން ފެށުމުން މި ޙަބަރު ވަނީ މިހާރު މުޅި ދުނިޔެ އަށް ވައިރަލް ވެގެން ގޮސްފައެވެ.

އެންޖެލިކާ ބުނެފައިވާ ގޮތުގައި އޭނާގެ ހޮޓެލްގައި ހުންނާނީ ވަކި ޒާތެއްގެ ފަރުނީޗަރުތަކެއް ކަމަށާއި، އެތަކެތި އަގު ބޮޑުވެފައި ހޯދަންވެސް އުނދަގޫ ކަމަށެވެ. އަދި މީގެ ކުރިން، މާ ބަރު މީހަކު ހޮޓެލްގެ އެނދެއްގައި އޮއްވައި، އެނދު ވެއްޓި ހަލާކުވުމުން އޭނާ އަށް ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ ކޯޓަށްވެސް ގޮސްފައިވާ ކަމަށެވެ.

”މި ފަރުނީޗަރު ތަކަކީ ފަސޭހައިން ލިބޭ އެއްޗެއް ނޫން. ކުރިންވެސް މީހަކު ވަނީ އޭނާ އޮތް އެނދު ވެއްޓި ހަލާކުވުމުން ކޯޓަށް ގޮސްފައި. އެކަމަކު ފަހުން އެ މައްސަލަ ކޯޓުން ބޭރުން ނިންމީ. އަހަންނަށް ފަސޭހަ އެއް ނުވާނެ ހޮޓެލްގެ ހުރިހާ ފަރުނީޗަރެއް ބަދަލު ކުރާކަށް“ އެންޖެލިކާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ޖަރުމަނުގެ ކަމާބެހޭ އިދާރާ އަކުން ބުނެފައި ވަނީ ބަރު މީހުންނާއި މެދު އެންޖެލިކާގެ ހޮޓަލުން ތަފާތު ކުރުންތައް ގެންގުޅޭކަމަށް ބުނެވެން ނެތް ކަމަށާއި އޭނާ އަށް ރަނގަޅު ސަބަބުތަކެއް އެބަހުރި ކަމަށެވެ.