ސުޝާންތު ސިންހްގެ މަރުގެ މައްސަލަ ސީބީއައިއިން ތަޙްޤީޤު ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސީބީއައި އަކީ އިންޑިއާގެ ފުލުހުންގެ ތެރޭގައި އޮންނަ ޖިނާޢީ މައްސަލަތައް ތަޙްޤީޤު ކުރަން ހާއްސަ ބިއުރޯއެކެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ސުޝާންގެ މަރުގެ މައްސަލަ ސީބީއައި އިން ތަޙްޤީޤު ކުރަން އެންގުމުގެ އިތުރުން އެމައްސަލަ އާއި ގުޅޭ ގޮތުން މުމްބާއީ ފުލުހުން ހޯދާފައިވާ ހުރިހާ ހެއްކަކާއި ގަރީނާއެއް ސީބީއައި އާއި ހަވާލު ކުރަން ވެސް ވަނީ އަމުރު ކޮށްފައެވެ.

ސުޕްރީމްކޯޓުގެ މި އަމުރާއި އޭނާގެ އެތައް ހާސް ފޭނުންނަކާއި ބޮލީވުޑްގެ މަގްބޫލް ފަންނާނުންވެސް ދަނީ އުފާކުރަމުންނެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތު އާއި ސުޕަރސްޓަރ އަކްޝޭ ކުމާރުވެސް ވަނީ އެ ނިންމުމަށް ތައުރީފްކޮށްފައެވެ. ކަންގަނާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދަކީ މިއީ އިންސާނިއްޔަތަށް ކުރިއެރުން ލިބުނު ދުވަހެއް ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރުމަކީ ކިހާބޮޑު ބާރެއްކަން އިހުސާސްކުރެވުނު ކަމަށާ، މިއީ ސުޝާންތުގެ ހައްގުގައި ހަނގުރާމަ ކުރި މީހުންނަށް ލިބުނު މޮޅެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ސުޝާންތުގެ މަރާއި މެދު ސުވާލު އުފައްދާ އެކަން ތަހުގީގުކުރަން ޖެހޭ ކަމަށް ފެށުނީއްސުރެ ކަންގަނާ ދަނީ ވަކާލާތުކުރަމުންނެވެ. އަދި ސުޝާންތު މަރުވީ، ނުވަތަ މަރާލުމުގެ ފަހަތުގައި ބޮލީވުޑްގައި ހުރި ތަފާތުކުރުންތައް ބޮޑު ދައުރެއް އަދާކުރިކަމަށް ވެސް އޭނާ އައީ ބުނަމުންނެވެ.

އެ މައްސަލައިގައި އަކްޝޭ ބުނީ ސީބީއައިގެ ތަހުގީގުން ހަގީގަތް ހާމަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަކްޝޭ ވަނީ ސުޝާންތުގެ މަރާއި އެކު، ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރަން އިތުރު މަސައްކަތްތަކެއް ވެސް ކޮށްފައެވެ. އެއީ ސުޝާންތު އަމިއްލަ އަށް މަރުވީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފއި ވަނިކޮށްކަން ކަމަށް ރިޕޯޓްތައް ބުނާތީ އެހެންވެގެންނެވެ.

ސުޝާންތު ދަންޖެހިފައި ހުއްޓާ އޭނާގެ މުމްބާއި ގެއިން ފެނުނީ ޖޫން މަހުގެ މެދު ތެރޭގައެވެ. އޭނާ މަރުވީ އަމިއްލަ އަށް ނޫންކަން އެނގޭނެ ސީދާ ހެއްކެއް މިހާތަނަށް ނުފެނުނު ނަމަވެސް އެ މައްސަލައިގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސުޝާންތުގެ އެކައުންޓުން އޭނާގެ ކުރީގެ ލޯބިވެރޔާ ރިޔާ ޗަކްރޮބަދީގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން، ފައިސާ ޖަމާކޮށްފައި ވުން ފަދަ އެތައް ކަމެއް ހިމެނެއެވެ.

ސުޝާންތުގެ މަރާއި މެދު އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވެނީ ރިޔާއަށެވެ. އެގޮތުން ރިޔާ ސުޝާންތު ބްލެކްމެއިލް ކުރިކަމަށާ، ނަފްސާނީ ގޮތުން ބިރު ދެއްކުމުގެ އިތުރުން އޭނާ އަށް އޮޅުވާލައިގެން ބޭސްތަކެއް ދިން ކަމަށްވެސް ތުހުމަތުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ތީ 100% މުސްލިމު މިޤައުމުގައިނަމަ އެއްކަމެއްވެސް ނުވާނެ އެއީ މިޤައުމުގެ އުޅޭބައެއް މީހުން އިންސާފުދެކެ ބިރުގަނޭ ، އެ ހޯދައިނުދޭން ކުރެވުނުމަސައްކަތެއް ކުރާނެ، ރިޝްވަތަށް ލޯބިކުރާނެ ، ގައްޑާވެފއި އޮންނަ އުސޫލުން ބޭރުން ކަމެއްކުރެވުނީމަ މާ މޮޅުމީހެއް، މިގައުމުގެ ބައެއް ޒުވާނުން މީގެ މިސާލަކަށް ފުދޭ ތަހުޒީބުގެ ކަންފުޅެއްވެސް ނުހުރޭ އެކަމަގު މިކިޔަނީ ދިވެއްސަކަށްވީތިވެ ފަޙްރުވެރިވާށޭ ،