ރާއްޖެ އިން ކަލިނަރީ އާޓްސްގެ ދާއިރާ އިން ޑިގްރީ ހާސިލްކޮށްފައިވާ އުމުރުން 24 އަހަރުގައި އަހުމަދު އާދަމް މަނިކް، މަސައްކަތް ކުރަން ފެއްޓީ ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ކިޗަން ހެލްޕަރަކަށެވެ. އޭގެ ފަހުން އެހެން ރިސޯޓަކަށް ބަދަލުވެ، އެތަނުގެ ވަޒީފާގައި އުޅުނު އިރު، އެތައް ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ކިތަންމެ މަތިން ތައުލީމް ހާސިލް ކުރި ނަމަވެސް ކައިރީގައި އުޅުނު މީހުންގެ ފަރާތުން އޭނާ އަށް އެތައް އުނދަގޫތަކާއި ދަތިތަކެއް ކުރިމަތިކުރުވިއެވެ.

ގދ. ތިނަދޫގެ އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް ހަތަކާ ހަމައަށް ކިޔެވި، އަދި ފަހުން މާލެ ބަދަލުވެ ގްރޭޑް 10 އާ ހަމައަށް ތައުލީމް ހާސިލް ކުރި އަހުމަދު އެކި ދާއިރާތަކުން ވަޒީފާ އަދާކުރިއެވެ. އަދި އެންމެ ޒުވާން އުމުރުގައި އާއިލާގެ މީހެއްގެ ހިޔާލާއެކު އޭނާ ކެއްކުމުގެ ދާއިރާ އަށް ނުކުތެވެ.

އޭނާ އެންމެ ފުރަތަމަ ކެއްކުމުގެ ދާއިރާގައި ވަޒީފާއެއްގެ ގޮތުގައި އުޅުނީ ވެސް ކިޗަން ހެލްޕަރަކަށެވެ.

"އޭރު އަސްލު ހިތަކަށް ނާރާ މި އިންޑަސްޓްރީން ކުރިއަށްދާނެމޭ، އޭރު ކޮންމެވެސް ވަރަކަށް ޝައުގުވެރިކަން ހުރޭ ކަން ނޭނގެ ކައްކަން،، އެކަމަކު ޝައުގުވެރިކަން ހުއްޓަސް، އެ ކަރޭޖްއެއް ނުހުރޭ ކަން ނޭނގޭ މަންމަ ކައިރީގައި ބުނާކަށް، ނޫނީ ބައްޕަ ކައިރީގައި ބުނާކަށް، އަހަރެން ބޭނުންވަނީ މި ދާއިރާއިންނޭ ކުރިއަށްދާން،" އަހުމަދު ބުންޏެވެ.

އަހުމަދު ރިސޯޓެއްގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައިރު

އަހުމަދު ފާހަގަ ކުރި ގޮތުގައި ޅިޔަނަކު ދިން ހިޔާލަކާ އެކު ރިސޯޓުން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭރު އޭނާ ދިޔައީ އެކައުންޓެންޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންނެވެ.

"އަހަރެންގެ ޅިޔަނު އެހެން ބުނީމަ އަހަރެންގެ ހިތަށް އެރީ ޝޮޓެއް ދޭނީއޭ، މަންމަމެން އިރުވެސް ވަރަށް ހިތްހަމަ ނުޖެހޭނެ ކައްކަން، ދެން ރާއްޖޭގައި އިންނަ ގޮތެއް ކަންނޭނގެ އެއީ، ބަދިގޭގައި އުޅޭނީ، ހަމައެކަނި އަންހެންނުންނޭ، ނޫނީ އަންހެންކޮށް އުޅޭ ފިރިހެނުން ކެއްކުމުގައި އުޅެނީ،" އަހުމަދު ބުންޏެވެ.

އަހުމަދުއަށް އެ ވިސްނުން ވަރަށް ގޯހެވެ. އޭނާ ގަބޫލުކުރާގޮތުގައި އެއީ ކެއްކުމާ އެއްވެސް ގުޅުން ހުރި ކަމެއް ނޫނެވެ. ނަމަވެސް ކަލިނަރީ ދާއިރާއަކީ ވަރަށް ކްރިއޭޓިވް ދާއިރާއެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ. އަދި ވަކި ޖިންސަކާއި ގުޅުވައިގެން ކުރިއަށް ދެވޭނެ ދާއިރާއެއްގެ ގޮތުގައި އޭނާ ގަބޫލެއް ނުކުރެއެވެ.

ސަން އައިލެންޑަކީ ފެށުން، ދެން ފެށީ ކިޔަވަން

ކިޗަން ހެލްޕަރެއްގެ ގޮތުގައި ސަން އައިލެންޑްގައި އަހަރެއްހާ ދުވަސް ހޭދަކޮށް، އެނބުރި މާލެ އައީ އިތުރަށް ކިޔަވާށެވެ. ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކަލީނަލީ އާޓްސް މެނޭޖްމެންޓް ދާއިރާއިން އޭނާ ޑިގްރީ ހާސިލްކޮށްފައި ވަނީ މަސައްކަތުގެ ތަޖުރިބާ ހޯދަމުންނެވެ. ވަޒީފާ އަދާކުރަމުންނެވެ. އޭނާ ކޯސް ތިން އަހަރުން ނިންމާލީ، ދާއިރާއިން ރަނގަޅު ތަޖުރިބާއެއް ހޯދުމަށް ފަހުއެވެ.

ސަަން އައިލެންޑް ރިސޯޓް - ފޮޓޯ: ސަން އައިލެންޑް

ޖެންގައި އެއް އަހަރާއި ބައި، ކޮންރެޑްގައި ފަސް އަހަރު

އޭނާ ފުރަތަމަ މަސައްކަތުގައި އުޅުނީ ހޮޓެލް ޖެންގައެވެ. އޭނާ އެތަނުގައި ދޮޅު އަހަރު ދުވަސް ވަންދެން މަސައްކަތް ކުރުމަށްފަހު ވަނީ ކޮންރެޑް ހިލްޓަންއަށް ބަދަލުވެފައެވެ.

ހޮޓެލް ޖެންގެ ރެސްޓޯރެންޓެއް - ފޮޓޯ : ޖެން

"ކޮންރެޑްގައި އޭރު ވޯކް ކުރަމުންދިޔައީ ކިޔަވަމުންދާތީއެކު، އަަހަރެންނަށް ފުރުސަތު ލިބުނީ އެއާޕޯޓުގެ ލައުންޖްގައި ވޯކް ކުރަން، ނަމަވެސް ލައުންޖްގައި ސްކިލް ޑެވެލޮޕް ކުރަން ވަރަށް ލިމިޓެޑް ވާނެ، އެއީ ވަރަށް ލިމިޑެޓް އޮޕަރޭޝަނެއް އިންނާނީ، އެހެންވިޔަަސް އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ، އެކަމަކު ދިރިއުޅުމެއް މާލޭގައި ފެށުމާއި އެކީގައި މަޑުކުރީ އެތަނުގައި"ކޮންރެޑްގެ އެތަނުގައި ފަސް އަހަރު ހޭދަ ކުރި އަހުމަދު ބުންޏެވެ.

ސިކްސް ސެންސުން ސްކިލް ޑެވެލޮޕް ކުރަން އެވަރެއް ނެތް

އޭނާ ކިޔެވުން ނިންމިތާ ދެ އަހަރު ފަހުން ބަދަލުވެފައި ވަނީ ސިކްސް ސެންސް ލާމު ރިސޯޓަށެވެ. އެ ރިސޯޓަށް އަހުމަދުގެ ތައުރީފް އޮއްސާލިއެވެ. މީހުން ޑެވެލޮޕް ކުރުމާއި، ވަރަށް ދިވެހި ވަންތައް އަދި ދިވެހިންނާއި އެހާ ގުޅޭ، އެހާ އިމާވެއްޓާއި ރައްޓެހި ތަނެއްގެ ގޮތުގައި އަހުމަދު އެ ރިސޯޓް ފާހަގަކޮށްލިއެވެ.

"އެތަނުގައި ވަަރަށް ލޯކަލް އެމްޕަވާމެންޓް ވަރަށް ހައިވާނެ، ލޯކަލް މީހުންނާއި، ލޯކަލް ކަލްޗާއަށް، ވަރަށް ބަލާނެ. ރާއްޖެ ދެކެން އަންނަ ބޭރު މީހުންނަށް ހަމައެކަނި ހުދު ދޮންވެލި ކޮޅަކާއި ކަނޑުއަޑި ދައްކާލުމެއް ނޫން އެތަންތާގައި އޮންނަނީ، ރާއްޖޭގެ ރީތި ކަލްޗަ ފަދަ ކަންކަން ދައްކައިދެ، އެއީ ވަރަށް މުހިންމު ކަމެއް، އެ އެއްޗެއްހި ދައްކައިދިނުމަކީ، ކަލިނަރީ ދާއިރާއިން ވިޔަސް، ސަގާފަތް ވިޔަސް،"

އަހުމަދު ފާހަގަކުރި ގޮތުގައި، ދިވެހިންނަކީ މަދު މީސްކޮޅަކާއި އަޅާބަލާއިރު ވަރަށް މުއްސަނދި ސަގާފަތެއް އޮންނަ ބައެކެވެ. އެކަަމަކު އެކަން ދައްކުވައި ދޭން ނޫޅެއެވެ. ހާއްސަކޮށް ބައެއް ރިސޯޓްތަކުން އެ ބައި އޮންނަނީ އުނިކޮށްފައިކަން އޭނާ ފާހަގަކުރިއެވެ.

އޭނާ އެ ރިސޯޓުގައި ދަސްކުރީ ވެލްނެސް ކުޒީން އެއްޗެއްސެވެ. އެއީ ހެލްތީ އޯގަނިކް ކުޒީނެވެ.

ސިކްސްތް ސެންސް ލާމު ރެސްޓޯރެންޓް - ފޮޓޯ: އަހުމަދު

އޭނާ ހަ މަސް ދުވަހު ސިކްސް ސެންސްގައި މަސައްކަތް ކުރިއެވެ. އޭނާ އެތަން ދޫކޮށްލަން ޖެހުނީ، މާލޭގައި އާއިލާ އުޅޭތީ އެހާ ދުރުތަނެއްގައި އުޅެން ބޭނުން ނުވެގެންނެވެ.

"އެކަމަކު ވިތް އޯލް މައި ހާޓް އަހަރެން އަބަދުވެސް ޗެރިޝް ކުރާނެ އެކްސްޕީރިއަންސްއެއް އެއީ، އިޓް ވޯޒްއަށް ވޮންޑާފުލް އެކްސްޕީރިއަންސް،"އަހުމަދު ބުނެފައި ވެއެވެ.

އަހުމަދުގެ ތައްޔާރުކޮށްފައިވާ ކޭކެއް

އޭނާ އެތަނުން ކެނޑިގެން އައިސް މޭލޭގެ ބަނާނާ ލީފް ހިންގަން ފެށިއެވެ. އެތަނުގައި ދެ ތިން މަސް ދުވަހު އުޅެ އެތަނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއެވެ. އަދި އޭނާ އެތަން ދޫކޮށްލީ އިތާފުށީން ވަޒީފާ ޔަގީން ވުމުންނެވެ.

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، އިނދަ ޖައްސާލި ތަނެއް!

އަހުމަދު އިތާފުއްޓަށް ބަދަލުވީ ވަރަށް ފޮނި އުންމީދުތަކާ އެކުގައެވެ. އެއީ ވޯލްޑޯފް އެސްޓޯރިއާއަކީ ހިލްޓަންގެ އެންމެ ލަގްޒަރީ ބްރޭންޑެވެ. ނަމަވެސް ތަނަކީ ދިވެހިން ވަޒީފާގައި މާބޮޑު ކުރިއަރާތަނެެއް ނޫނެވެ. މީހާ އިނދަޖައްސާލާ، މުޅި މީހާގެ ހުނަރު މުޅިން ހަލާކުކޮށްލާ ތަނަކަށް އެތަން މި ވަނީ ވެފައެވެ.

އެތަނުގެ ތަޖުރިބާ ކިޔައި ދެމުން އަހުމަދު ބުނީ، އޭނާ އިތާފުއްޓަށް ގިނަ ހުވެފެންތަކަކާއެކު ގޮސް، އެތަނުން ކެނޑެން ޖެހުނީ އިތުރު އެއްވެސް ގަޮތެއް ނެތިގެން ކަމަށެވެ. އެތަނުން އޭނާއަށް ކުރިއަށްދާނެ މަގެއް ދައްކައި ނުދިނެވެ. އޭނާގެ ހުނަރު ކުރިއަރުވަން ހުރި މަގު ބަންދު ކުރިއެވެ. އޭނާ އިންޑަސްޓްރީ ދޫކޮށްލަންވެސް ޖެހުނީ އެހެން ވެއެވެ.

"އެންމެ ހައި އެއް ބްރޭންޑް އެއީ، އޯލް ރެޑީ ހިލްޓަންގައި ފަސް އަހަރު މަސައްކަތްކޮށްފައި ހުރީމަ އަހަރެން ވަރަށް ބޮޑު ހުވަފެނަކާއިއެކު ހިލްޓަންގެ އެންމެ ހައި ބްރޭންޑުގައި މަސައްކަތް ކުރަން ދިޔައީ، އަހަރެން ވަރަށް އުއްމީދު ކުރިން އެއީ ވަރަށް ރަނގަޅު ތަނަކަށްވާނެ ކަމަށް. އެއީ ފަސް އަހަރު ކޮންރެޑްގައި މަސައްކަތް ކުރިއިރު، އަހަރެންނަށް އެއްވެސް ޑިސްކްރިމިނޭޝަން ފަދަ ކަމެއް ނުފެނޭ، ކޮންރެޑަކުން ދުވަހަކުވެސް އެކަހަލަ ކަމެއް ނުފެނޭ، ކޮންރެޑްގެ އޯނަރުންނަކީވެެސް ދިވެހި ބަޔަކަށް ވީމަ ކަންނޭނގެ، އެ މީހުންނަކީ ވަރަށް ހެޔޮ ބައެއް،" އަހުމަދު ބުންޏެވެ.

އިތާފުށީގައި އަހުމަދު މަސައްކަތް ކުރި ރެސްޓޯރެންޓް

އަހުމަދު ބުނީ، އޭނާގެ ހުނަރަށްވެސް އިތާފުށީގައި މަސައްކަތް ކުރަމުންދިޔަ މީހުން ފާޑު ކިޔައި ހެދި ކަމަށާއި، ރާއްޖެ އާއި ރާއްޖޭގެ ސަގާފަތާއި ގުޅޭގޮތުންޗެސް އެހާ އެއްޗެހި ކިޔައި ހެދި ކަމަށެވެ. އެތަނުގައި މަސައްކަތްތަކަށް ބޭރު މީހުން އަތްގަަދަކޮށް، ދިވެހިން އެތަނުގައި ބައިތިއްބަން އެ މީހުން ބޭނުން ނުވާ ކަމަށް އަހުމަދު ފާހަގަކުރިއެވެ. އޭނާ ވަނީ އެތަނުގައި ޝެފުންގެ ގޮތުގައި، 100 އެއްހާ މީހުން ތިއްބަސް އޭގެ އުޅެނީ ހަތަރު ވަރަަކަށް ދިވެހިންކަން ފާހަގަކޮށްފައެވެ އެހެން ދާއިރާތަަކަށް ދިވެހިން ވައްދާ، ހާއްސަކޮށް ހައުސް ކީޕިން ދާއިރާއަށް ދިވެހިން ގިނަކޮށް، އެ ރިސޯޓަކީ ދިވެހިން ގިނަ ތަނެއްގެ ގޮތުގައި ހަދާލަނީ ކަމަށް އަހުމަދު ބުނެފައި ވެއެެވެ.

އަހުމަދު އިތާފުށީގައި މަސައްކަތް ކުރިއިރު

"ދިވެހިންނަކީ އެ މީހުންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވަނީ، ވަރަށް ބޮޑު މާފިއާއެއްގެ ގޮތަށް އެތަން ހިނގަމުން ދަނީ، ދިވެހިން ނޫނަސް، އެ މީހުން އެކުރާ ނުހައްގު އަމަލުތަކަށް ބަސް ބުނާ މީހެއް ވެއްޖެއްޔާ އެ މީހުން ބޭނުންވާނެ ވަގުތުން ބޭރުކޮށްލަން. އެ މީހަކަށް ފިއްތުންތައް ފިއްތަން،" އަހުމަދު ބުންޏެވެ.

އަހުމަދު ބުނިގޮތުގައި، އެ ރިސޯޓުގެ ހެޑް ޝެފް އޭނާއާ ޒާތީގޮތުން ޖައްސާލައި، އޭނާއަށް ނުހައްގުން އެތައް ފިޔަވަޅެއް އެޅި ކަމަށެވެ.

"އަހަރެން ވަރަށް ޝުކުރުވެރިވަން އަހަރެންނަކީ މަދަރުސާއަކަށް ގޮސްފައި ތައުލީމް ހާސިލްކޮށްގެން މި ދާއިރާއަށް ނުކުތް މީހެއް ވީމަ، އަހަރެން ވަރަށް ރަނގަޅަށް ޕޮލިސީސް ތަކާއި އެއްޗެހި ދަސްކޮށްފައި ހުރީމަ، އެ މީހުން އަޅަން ބޭނުންވާހާ ފިޔަވަޅެއް ނޭޅުނު، އަހަރެންނަށް އެނގޭ ވާހަކައަކީ އެ މީހުން ނުހައްގުން އަމަލެއް ކޮށްފިއްޔާ ދާން ޖެހޭ މަގުތަކާއި، މިކަމާ ހެދި އެ މީހުންނަށް އަހަރެންވީ ބަރުދާސް ނުކުރެވޭ ވަރުގެ މީހަކަށް،" އަހުމަދު ކިޔައިދިނެވެ.

އަހުމަދު ތައްޔާރު ކުރި ކެއުމެއް

އޭނާ ބުނީ އެތަނުން ކެނޑުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންނެވެ. އޭނާގެ މަސައްކަތްތަކަކީ، މަސައްކަތަކެއް ނޫންކަން ގަބޫލު ނުކުރާ ބައެއްގެ ކައިރީގައި އޭނާ މަސައްކަތް ކުރަން ބޭނުން ނުވީމަ ކެނޑުނީއެވެ.

އަހުމަދު ބުނި ގޮތުގައި ފުރަތަމަ މައްސަލަ ޖެހެން ފެށީ އޭނާ މަސައްކަތް ކުރަމުންދިޔަ އައުޓްލެޓް ވެރިޔަކަށް ހުރި މީހާއާއެވެ.

"އޭނާ ރާ ބޮއެގެން އުޅޭ ގޮތްތަކާއި، އޭނާގެ މިސްކޮންޑަކްޓްތަކުގެ ވާހަކަ އަހަރެން ހިއްސާ ކުރީމަ، އަހަރެންނާއި ދެކޮޅަށް ފިޔަވަޅު އަޅާ ދަތިކުރި، އެ މީހުންނަށް އިތުރު ޗޮއިސްއެއް ނެތިގެން އެ މީހުން އޭނާ ފޮނުވާލީ، އެއީ އެ މީހުން އޭނާ ބޮއެގެން އެތަނުގައި ތިބި މީހުން ގަޔަށް ބޮޔަށް އަރާއިރު، އެ މީހުން ބޮނީވެސް ވައްކަން ކޮށްގެން،" އަހުމަދު ކިޔައި ދިނެވެ.

އަހުމަދު ތައްޔާރު ކުރި ކެއުމެއް

އޭނާ ބުނިގޮތުގައި، ރިސޯޓުގެ ވެރިންވެސް އުޅެނީ ވަކި ބަޔަކު ކުށްވެރިކޮށް ވަކި ބަޔަކު ހިމާޔަތްކޮށްގެންނެވެ.

އެ ޗެފް ފޮނުވާލިފަހުން، އަހުމަދު އާއި ޒާތީވީ ހެޑް ޝެފްއެވެ. ހެޑް ޝެފް އާނާގެ ހުނަރު ކުރިއަރުވަން ކުރަމުން އައި މަސައްކަތްތައް ބަންދުކޮށްލިއެވެ. އެއާއެކު މުޅި ޑިޕާޓްމެންޓް އޭނާއަށް ބުލީ ކުރަން ފެށިއެވެ. އޭނާ އެކަހެރި ކުރިއެވެ.

އެކަމަކު އޭނާއަކީ އެތަނުގައި ޕިއްޒާ ޓްރެއިނިން ލިބިގެންނާއި ހެލްތީ ފުޑް ޓްރެއިން ލިބިގެން އެތަނަށް ދިޔަ މީހެކެވެ. އަދި އޭނާއަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެން އެތަނަށް ދިޔަ މީހެކެވެ. އޭނާއަކީ އެޑްމިން މަސައްްކަތަށްވެސް ހަމަ މަރެކެވެ. އަދި އޭނާއަކީ އިންޑިއަން ކުޒީން އިން ފަށައިގެން ގޮސް ފްރެންޗް ކުޒީންއާ ހަމައަށް ހުރިހާ ކުޒީންއެއް ރަނގަޅަށް އިނގޭ މީހެކެވެ.

އަހުމަދުގެ ކޮންސަލްޓެންސީއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކެއުމެއް

"އެކަމަކު އަހަރެންގެ ޝެފް އަހަރެންނާއި ބަދަލު ހިފަން ބޭނުންވީ، އޭނާ އަހަރެން އެންމެ ފަހު ދެ މަހު ބެހެއްޓީ ގްރޭކްފާސްޓް ބުފޭގައި، ރިހަ ތެއްޔެއް ކައްކުވަން، މިއީ އޭނާ އަހަރެންނާއި ފިއްތާލަން އުޅުނު ވަރު". އަހުމަދު ކިޔައި ދިނެވެ.

އޭނާ ވަނީ، އެތަނަށް އައި ގެސްޓެއްގެ ކުރިމަތީގައި އަގުވައްޓާލާ ވަރުގެ ކަންކަން ކުރިކަން ފާހަގަކޮށްފައެެވެ.

"އަހަރެން ބުނިން އަހަރެންނަކީ ދިވެއްސަކީމޭ، ކައްކާއެކީމޭ، އެކަމަކު އަހަރެންނަކީ ދިވެހި ކައްކާއެއް ނޫނޭ، އަހަރެން ބުނިން ދިވެހި ކައްކާއަކަށް ވެވޭނީ ދިވެހި ކާއެއްޗެހި އުނގެނިފައި ހުރި މީހަކަށޭ، އަހަރެންނަކަށް ނެތޭ އެ ތައުލީމެއް އަދި އެ ވަރަކަށް، އެކަމަކު އޭނާ އަހަރެންނަށް ފޯސްކޮށްފައި ގެސްޓް މީހާ ކައިރިއަށް އަހަރެން ފޮނުވާލީ ދިވެހި ކައްކާއެއް ގޮތަށް ރިޕްރެޒެންޓް ކޮށްފައި، ގެސްޓް މީހާ ކޮމްޕްލެއިންކޮށްފައި ދިޔައީ އޭނާ އަށް އަންއޮތޮންޓިކް އެކްސްޕީރިންސްއެއް ދިން ކަމަށްޓަކައި،" އަހުމަދު ވަރަށް ތަފްސީލްކޮށް ކިޔައި ދިނެވެ.

އަމިއްލަ ރެސްޓޯރެންޓެއް، ނަމަކީ ނޯޝް!

އަހުމަދު އިތާފުށީން ކެނޑިގެން އައިސް ދޭން ފެށީ ކޮންސަލްޓަންސީއެވެ. މާލޭގައި މިހާރު ހިންގަމުންދާ ބައެއް ރެސްޓޯރެންޓްތަކާއި ހުޅުވަން ތައްޔާރުވަމުންދާ ރެސްޓޯރެންޓްތަކާއި، ކެފޭ ތަކަށް އޭނާ ދަނީ ކޮންސަލްޓެންސީ ދެމުންނެވެ. އެގޮތުން ބަނާނާ ލީފް އާއި ގޯމޭ، ބަދަލުކޮށް ރީބްރޭންޑް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަނަކީވެސް އޭނާ ކޮންސަލްޓެންސީ ދެމުން އަންނަ ތަނެކެވެ. އަދި މރ. ބެގަލް ކިޔާ އާ ތަނަކަށްވެސް އޭނާ ދަނީ ކޮންސަލްޓެންސީ ދެމުންނެވެ.

އަހުމަދު ދަނީ ކަލީނަލީ ކޮންސަލްޓެންސީ ދެމުން

މީގެ އިތުރުން، ވަރަށް އަވަހަށް އޭނާ ދަނީ އިތުރު މީހަކާއެކު ކެފޭއެއް ހުޅުވުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެއީ ނޯޝްއެވެ. އަހުމަދު ގަބޫލުކުރާގޮތުގައި، ނޯޝް ވެގެން ދާނީ ވަަރަށް ތަފާތު ރެސްޓޯރެންޓެކެވެ. އެތަނުން އޭނާގެ އަމިއްލަ ޕާސަނަލް ޓަޗް ފެނިގެން ދާނެއެވެ.

"ނޯޝްއަކީ ސްޕެޝަލީ ކޮވިޑްގެ މި ސިޓުއޭޝަންއަށް ވަރަށް ސަޅި ކޮންސެޕްޓެއް. އެއީ އަހަރުމެންގެ ފުޑް ޕެކޭޖިން އެއްޗެހި ހުންނާނީ މުޅިންވެސް ޑިޒައިންކޮށް، ދެން އިޓްސްއަށް ވެރީ ފާސްޓް ފުޑް ބޭސްޑް ރެސްޓޯރެންޓެއް، އައިސް ހަމަ ބުނެލީމަ، ދޭ ގޮތަށް". އަހުމަދު ބުންޏެވެ.

އަހުމަދު ދަނީ ކަލީނަލީ ކޮންސަލްޓެންސީ ދެމުން

އަހުމަދު ބުނީ އެތަނުގައި ހުންނާނީ އޭނާގެ އަމިއްލަ ރެސިޕީ ކަމަށެވެ. އަދި އަބަދުވެސް މެނޫ ބަދަލުވަމުންދާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، މިހާރު އުޅެމުން ދަނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، އަޅުވެތި ވެގެން އުޅެން ނުޖެހޭ ކަމަށެވެ.

ޝެފުން ނުކުމޭ، ބަސް އިއްވާ!

އޭނާ ބުނީ، ރިސޯޓްތަކުގައި ޗެފުންނަށް ދިމާވަމުންދާ އެ މައްސަލަތަކާ ގުޅޭ ގޮތުން އޭނާ އެކަނި ވާހަކަދައްކައިގެން ނޫނީ އަޑުއުފުލައިގެން ކާމިޔާބު ނުވާނެ ކަމަށެވެ. އެހެން މަޝްހޫރު ޝެފުންގެ ގޮތުގައި ފާހަގަކޮށްލެވޭ މީހުން، އެފަދަ ވާހަކަތައް ތިލަ ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ. ރިސޯޓްތަކުގެ ޗެފުންގެ ތެރޭގައި ދިވެހިން ދަށްކޮށް، ބިދޭސީން އަތްގަދަ ކުރާ ވާހަކަ ދައްކަން ވީ ބަޔަކީ މި މަޝްހޫރު މީހުން ކަން އޭނާ ދެކެއެވެ.

އަހުމަދަކީ މިހާރު އަމިއްލަ ފައި މައްޗަށް ކޮޅަށް ޖަހައި ވިޔަފާރީގެ ތެރެެއަށް ވަން މީހެއް

"އަހަރެންނަށް ފައިޓް ކުރެވިދާނެ، އެކަމަކު އެއީކީ އެއްވެސް މުހިންމު ކަމެއް ނޫން، އެންމެން އަޑު އުފުލަން ޖެހޭ ދިމާވާ މައްސަލަތައް، އެންމެން ވާހަކަދައްކަން ޖެހޭ". އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ އޭނާ އެންމެ ބޮަޑަށް ބޭނުންވާ އެއްކަމަކީ، އިންޑަސްޓްރީގައި ނަން ހިނގާ އަދި މަޝްހޫރުވެފައި ތިބި މީހުން ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވެފައި ހުރި މައްސަލަތަކުގެ ވާހަކަތައް ދެއްކުން ކަމަށެވެ.

އަހުމަދުގެ ތައްޔާރުކޮށްފައިވާ ކޭކެއް

މިފަދަ ގޮތަކަށް ވާހަކަދެއްކިއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވެފައި ހުރި މައްސަލަތައް އާއްމުންނާއި ހަަމައަށާއި، އަންގަން ޖެހޭ ފަރާތްތަކުގެ ސަމާލުަކަމަށް އަންނާނެއެވެ. އަދި ދާއިރާއިން ކުރިއަށް ނުކުންނަ މީހުންނަށްވެސް ބޮޑު އެހީއަކަށް ވާނެއެވެ.

"އަހަރެން ވަރަށް ފާހަގަކޮށްލަން އެޗްެއާރްގައި ތިބޭ ދިވެހިން، އެޗްއާރްގައި ތިބޭ ދިވެހިންނަކީވެސް ވަރަށް ބޮޑު ޒިންމާއެއް މީގެ ނަގަން ޖެހޭ މީހުން، ވޯލްޑްއޮފް އެސްޓޯރިއާ ކަލިނަރީ ޑިޕާޓްމެންޓުގައި 100 ސްޓާފުން ތިބޭއިރު، ހަތަރު ދިވެހިން މި ތިބެނީ، މިއީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް، ދިވެއްސަކަށް ވެހުރެ، ދެން ދިވެހިންނަށް އެއްވެސް ހަމަހަމަ ކަމެއް ނެތް ކަމާއި، ދިވެހި ގައުުމުގައި ދިވެހިން އަޅުވެތިވެފައި ހުރުން ފަދަކަންކަން ހިމެނޭ، ދިވެހިން މިފަދަ އިންޑަސްޓްރީއެއްގައި އަޅުވެތިކޮށްގެން ގެންގުޅުމަކީ ބޮޑު މައްސަލައެއް،" އަހުމަދު ބުނެފައި ވެއެވެ.

އަހުމަދު ބުނި ގޮތުގައި ވަޒީފާގެ މާހައުލުގައި ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަން ނުކެރި ތިބެނީ ވަޒީފާގެ ބިރަށެވެ. އެކަމަކު އިންޑަސްޓްރީ ރަނގަޅު ކުރަން ފުރުސަތު ލިބޭނީ ވާހަކަ ދައްކައިގެން ކަން އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޖާބެ

    މިއީ ޓްއަރިޒަމްގަ ހަރިދަނާ ޕޮލިސީއެއްނެތުމުން ދިވެހިންގެ ގަޢުމުގަ ހާދާ އިހާނެތިވޮތްތައް. މުޅިން އަޅިމަސައްކަތުގަ ދެން މަސްވެރިކަންވެސް ވާނީ އެހެން މިޤައުމުގަ ހީވަނީ ދިވެއްސަކައް ކުރިއެރުމެއް ލިބެއްޖެއްޔާ އެއީ ވަރައް ގޯސްކަމެއްގެ ގޮތުގައި މިހެންވެ ދަތި އުންދަގޫ ސިޔާސަތުތައް ހަދާފަ ހުންނަނީ ކުރޕްޓް އެމް.ޕީސް

    147
    3
    • ކަމަނަ

      މީ އަޅެ ދެން ކޮން އަޙުމަދެއްތަ. މުޅި ލިއުމުގަ އަހުމަދު، އަހުމަދު، އަޙުމަދު.

      1
      22
  2. ރިސޯޓްބޯއި

    މަރްހަބާ އަހްމަދު. ކުރިއެރުމާއި ކާމިޔާބީ އެދެން.
    ސިކްސް ސެންސް އިން އަހުމަދާއި އަޅުގަނޑަށް ވެސް ބައްދަލުވި. ވަރަށް ހިތްހެޔޮ ރަނގަލު އެކުވެރިއެއް. ރާއްޖޭގެ ރިސޯޓްތަކުގައި ވަރަށް މަދުން ނޫނީ އެލެވެލްގައި އަހްމަދު ކަހަލަ މީހަކު ނުފެންނާނެ. މިބުނީ ރާއްޖޭގެ ރިސޯޓްތަކުގައި ވަޒީފާއަދާކުރަ %80 ދިވެހިންނަނީ އެންޖޯއި ކުރުމުގައި ވަގުތު ހޭދަކުރަމުންދާ ބައެއް. ރާބުއިމާއި ޒިނޭކުރުމާއި ދެން މިހެން ގޮސް ހުރިހާކަމެއް. ގިނަ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި ފިރިހެން ކުދިން އެމީހުންނަށް ލިބޭ އެއްޗެއްގެ ބޮޑުބައެއް ހޭދަކުރާނީ އެތަންތަނުގައި މަސައްކަތްކުރާ ބޭރު އަންހެންކުދިންނަށް، އުޅޭ އުޅުމުން ހީވާކަހަލަ އެއީ ދެމަފިރިންހެންވެސް. ރިސޯޓްތަކުގެ އެޗްއާރު މެނޭޖަރުންނަށް ދިވެހިން ތިބޭއިރުވެސް މިކަންކަން ހުއްޓުވުމަށްވުރެން ބޮޑަށް އެމީހުންވެސް ތިބެނީ މިކަމުގެ ތެރެއަށް ވަދެވިފައި. މިއީ ހަގީގަތް. ދެން ގިނަރިސޯޓް ތަކުގައި އެގޮތަށް އެންޖޯއި ނުކުރާ ބަޔަކު ވިއްޔާމުމިތިބެނީ ބާކީވެފައި ބުލީކުރާނެ އެއްޗެހިކިޔާނެ.

    181
    4
  3. ހުސްނުހީނާގެ

    ވަރަށް ޒާތީ ވާހަކަތަކެއް ނަމަވެސް ކޮންމެހެން ދައްކަންޖެހޭ ވާހަކަ ތަކެއް.. ބައެއް ރިސޯޓު ތަކުގަ ހަމަ ހުސް ލަންކާ މީހުން .. ދެން މާގިނަވީމަ މައްސަލައެއްދޯ.... މާގިނައީ..

    184
    4
  4. ޢަލީ

    ވަރަށް ދެރަ ކަމެއް. ހިތްވަރަށް ސާބަސް.

    162
    3
  5. ޙާމިދު

    ތި އިތާފުށިތީ އިންޑިޔާ މީހުން އަތް ގަދަކޮށްގެން އެމީހުން ބޭނުން ގޮތަކަށް ދިވެހިންނާ ދޭތެރޭ ކަންތައް ކުރާ ތަނެއް. ރާއްޖޭގަ މުސްތަގުބަލްގަ ދިވެހިން ތަހައްމަލު ކުރާނެ ގޮތުގެ ކުޑަ މިސާލެއްތީ؟ އިންޑިޔާ މީހުންނަށް މިގައުމު ހިބައިން ދީގެން ސަރުކާރުން މި އުޅޭއިރު ވިސްނާލަން ޖެހޭ ކަމެއްމީ.

    179
    6
  6. ނަސީދު

    ތިވީގޮތުން އަހަމަދައް ރަގަޅަ ކައްނުން ކަންތައްތައް ތިދިމާވީ ، ތިކަންތައް ދިމާނުވިނަމަ އަހަމަދި އަދިވެސް ހުންނާނީ ރިހަކައްކަން ވޮލްޑޯފްގައި އެހެންވީމާ އެމީހުންނައް ސިކުރުކޮއްބަލަ

    16
    135
  7. ޏަން

    ޓުއަތިޒަމް އަކީ ވެސް 100 ޕަސެންޓް ދިވެހިން ގެންގުޅެވޭ ދާއިރާއަކަށް ހަދާބަލަ.... ގެސްޓުންނަށް ދައްކަންވަނީ ދިވެހިންގެ ރަހައާއި ސަގާފަތް... ދައްކަދޭން ތިބެނީ ގައުމުން ބޭރު މީހުން...
    ބޭރު މީހުން ޓުއަރިޒަމް ދާއިރާއިން ބޭރުކުރެވެން ޖެހޭ...

    131
    2
  8. ސަމްވަން

    ހިއްވަރަށް ސާބަސްދެން. ތިއީ ހަމަ މިރާއްޖޭގަ އާއްމުކަމެއް، ހުރިހާ ދާއިރާއެއްގަވެސް

    123
    2
  9. މޮޔަސޮރު

    އަހަރެމެންގެ ޤައުމުގައި ކިޔަވައިގެން ކުރިއެރުމެއް ނެތީ ވަރަށް ދެރަވޭ، އިންޑިއާ އަދި ލަންކާ މީހުންގެ ބަރުދަށުގައި ރިސޯޓްތައް މި އޮތީ، މިކަލަ ކިތައްމެ ހިތި ތަދުރިބައެއް ދިވެހިންނަށް އެމީހުން ދީފި

    114
    2
  10. ސާބަސް

    ހާދަ ހިތްވަ ރުގަދައޭ ތިހެންތިބޭނީ ހިއްވަ ރުގަދަ ދަ ރީން ހަމަ ސާބަސް އަމިއްލަފައިމައްޗަށް ތެދުވުމަށް ޓަކައި ހާދަ ހިތްވަ ރެކޭ ތިކު ރީ ކޮންމެ ދިވެހި ޒުވާނެއްގެ ގައިގަ ތިހިއްވަ ރުހުންނަން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެޖެހޭނެ!

    75
    3
  11. އާމިޒް

    ތީ ހުސްފޮނި ކަޑާމީހެއް ! އެއްތަނެއްގަ 3 މަސްވަންދެން ނުއުޅެވޭނެ! އަހަރެން ވ ރަގަޅަށް ތީނަ ދަންންނަން! ފުތަމަވެސް އުޅޭނީގޮސް ބޮންތީގަ ހިފަން

    20
    112
  12. މަވެސް މީށެފެށް

    ރާއްޖޭގެ ބޮޑު 4 ރިޒޯޓެއްގައި ވޯކް ކުރެވިއްޖެ. ބާވަރު ސްޓޯރީތައް އެބަހުރި... އެކަމް ނޯޓައިމް...

    42
    4
  13. އަދުރޭ

    ދިވެހިންނަކީ ހުނަރުވެރި ބައެއް. އެމީހުންގެ ހުނަރު ދެއްކޭނީ ރިސޯޓްތަކުގައި ތިބި އިންޑިއާއާއި ލަންކާ މެނޭޖަރުން ބޭރުކޮށްގެން. އެމީހުން އުޅެނީ ދިވެހިރާއްޖޭގައި ދިވެހިން ދައްކޮށްލަން. މިކަމާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅަންވެއްޖެ.

    66
    3
  14. ޢލަި

    ތިޔަކަހަލަ މުވައްޒަފުންނައް ބުލީކުރާ މީހެއް ޕްލޭނިންގަ އެބަހުރި (މަަޝްހޫރު މުނީޒާ ) މީ ހަމަ ފައްކާ މުވައްޒަފުން އަބުރުކަތިލަމުން މުވައްޒަފުންނައް އެތަކެއް ދުއްތުރާތަކެއް ކުރަމުންދާ އަންހެނެއް މިކަހަލަ ކަންތައް ސަރުކާރުން ބެލޭވަރެްވުރެ ނުކުޅެދޭ މިސަރުކާރު

    34
    1
  15. ސިތުރާ

    ރާއްޖޭގެ ހުރިހާ ރެސްޓޯރަންޓެއްގަ ކައްކަން ތިބެނީ ފިރިހެނުން. އެމީހުން ކައްކާ އެއްޗެހި ކާން ލަދެއް ނުގަނޭ އެކަމަކު ފިރިހެނުން ކެއްކުމަށް ޝައުގުވެރިކަން ހުންނަންޏާ ދިވެހި މުޖުތަމައުގަ އެމީހުންނަށް ދެނީ އަންހެނުންގަ ދަރަޖަ.
    އެއްވެސް މީހެއްގެ ބޭކާރު ހިޔާލަކަށް ފަރުވާތެރިކަމެއް ނުދީ އަމިއްލަ ޕެޝަން އާ އެކު ކުރިއަށް ދޭ! ? ލަދު ގަންނާނަކަށް ނުޖެހޭނެ. ރިސޯޓުތަކުން އެންމެ ބޮޑު މުސާރަ ދެނީ ވެސް ޝެފުންނަށް.

    33
    2
  16. ޑެރަ

    އަހުމަދު ދެންދިމާވާނީ މާލެތެރޭއުޅޭ ބަންގާޅީންގެ އުނދަގޫ އެއްވެސް ހުއްދައެއްނެތި ކެފޭތައް ހިންގަމުން އެދަނީ. ފަތުރުވެރިކަމުން އެއްވެސް ފައިދާއެއް ދިވެހިންނަކަށް ނުވޭ. މިހާބައިވަރު ރުސޯޓްތައް ހުރިއިރު. އެއީ ސިޔާސީ މީހުންގެ ނުބައިކަމުން ބިދޭސީންނަށް ރައްތައްވިއްކާތީ. ހިލޭ ނަމަވެސް ދޭންވީދިވެހިންނަށް. އެހެވެންނު ފަން ކޮޓަރި ހުއްޓަސް ވިއްކަނީ ވެށި ދޮންވެލި ސާފު މޫދުވިއްޔަ

    21
    1
  17. ވިކްޓިމް

    ސެންޓްރަލް ހޮޓެލް ވެސް ތީ ހަމަ ހުސް ލަންކާ މީހުންގެ ބާރު އޮންނަ ތަނެއް ... އެތަނުން ވެސް ދިވެހި ކުއްޖަކު ފިތާލާފަ ކަނޑާލީ ލަންކާ މީހެއް އެކުއްޖާގެ ގަޔައް އަރަން އުޅުނު ކަން ބަސްޓް ކޮއްލީމަ

    17
    1
    • ގަޓުގަޓު

      ނަސީބެއްނު

  18. ވިސާބެ

    ރެސިޑެންޓް ވިސާއާއި އެކު މުޅި ރާއްޖޭގައި އޮންނާނީ މިހާލަތު ކުރި އަރައިގެން ދާން ބޭނުންވާ ދިވެހިންނަށް ހުރި ފުރުސަތުތަށް ބަންދުވާނެ

    11
    1
  19. ބޭބެ

    ކޮންމެ ތަނެއްގަ އުޅޭ އިރުވެސް އެތަނެއްގައި މަސައްކަތް ކުރާ މީހުނާއި އެއްކޮށް މަސައްކަތް ކުރަން ނެއެގިއްޖެ ނަމަ ވާނެ ގޮތް ތިވީ. ތހި ކިޔާދިން ކަންކަމުގައި ވަރަސް ފާހަގވާ ޕޮއިންޓުތައް އބަހުރި. ހެދިފަ ހުރ ގޯސްތައް ފާހަގަ އެބަކުރެވޭ. މުލި މެނޭޖްމެންޓް މީހަކާއި ޒާތީ ނުވާނެ. ވަކި ވަކި ފަރުދެއް ނަމަ ޣަބޫލު ކުރެވިދާނެ. ވީމާ ތަނެއްގަ ތިބޭ ހުރިހާ މީހުން ދެކޮލު ވެއްޖެ ވާހަކަ ބުނުމުން ވިްނާލުން މުހިއްމު.

    6
    8
  20. ވީޕީއެން

    ރިސޯޓު ބޮޑުންގެ ބާރުގައި އެޑްމިން މަސައްކަތަށް ގެނައި ލަންކާ މީހާޔަށް ޖެހުނީ ކޮމްޕިއުޓަރ ބޭނުންކުރަން ދަސްކޮށްދޭން

  21. Anonymous

    ސާބަސް އަހުމަދު

    11