ސަންޖޭދަތުއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ފަންނާނެކެވެ. ކާމިޔާބު އެތައް ފިލުމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. ސަންޖޭދަތުގެ އެންމެ ފަހު ޕްރޮޖެކްޓަކީ އާދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ ''ޝަމްޝޭރާ''އެވެ. ''ޝަމްޝޭރާ'' އަކީ ސަންޖޭދަތުގެ ފިލުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭނެ ފިލުމަކަށްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ މަހު ސަންޖޭދަތުގެ ފޭނުންނަށް ލިބިގެން ދިޔަ ހިތާމަވެރި ހަބަރަކީ އޭނާގެ ފުއްޕާމޭއަށް ކެންސަރު ޖެހި ފަރުވާ ހޯދާ ހަބަރެވެ. އޭނާއަށް ކެންސަރު ޖެހިފައިވީ ނަމަވެސް އޭނާގެ ޝޫޓިންގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.

ސަންޖޭދަތު އޭނާގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނީ ކޮކިލާބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލުންނެވެ. ސަންޖޭދަތުގެ ދައްތަ ޕްރިޔާ ދަތު ބުނެފައިވަނީ ސަންޖޭދަތުގެ ބޭސްފަރުވާއަށް ގައުމުން ބޭރަށް ދާން ޖެހިފައިވީ ނަމަވެސް އެކަމަށް ދުވަސްކޮޅެއް ނަގާނެކަމަށެވެ.

ޔޭޝް ރާޖް ފިލުމު ސްޓޫޑިއޯއަށް މިއަދު އޭނާ ދިޔައީ ''ޝަމްޝޭރާ''ގެ ނުނިމިއޮތް ޝޫޓިންތަކަށެވެ. ސްޓޫޑިއޯ ބޭރުން ސަންޖޭދަތު ފެނުމުން އެކަމުގެ ހަގީގަތް ބެލި ނޫސްތަކުން ބުނެފައިވަނީ ކެންސަރު ބަލީގެ ފަރުވާގެ ފުރަތަމަ މަރުހަލާ ނިންމާލުމަށް ''ޝަމްޝޭރާ'' ގެ ނުނިމި އޮތް ޝޫޓިންތައް ނިންމާލުމަށް ޔޭޝް ރާޖު ފިލްމްސްގެ ސްޓޫޑިއޯއަށް ދިޔައީ ކަމަށެވެ.

''ޝަމްޝޭރާ'' ފިލުމުގައި ސަންޖޭ ދަތުގެ އިތުރުން ފެނިގެންދާނީ ރަންބީރު ކަބީރު، ވާނީ ކަޕޫރު، ރޮނިތް ރޯއީ އަދި އިރަވާތީ ހަރްޝީއެވެ. މި ފިލުމުގައި ސަންޖޭ ދަތުގެ ނުނިމި އޮތް ޝޫޓިންތައް ނިންމުމަށް އަދި ދެ ދުވަސް ނަގާނެކަމަށާއި ރަންބީރު ކަޕޫރުގެ ހުރިހާ ސީންއެއް ނިންމާފައިވާ ކަމަށް ވެސް ޚަބަރުތަކުގައި ވެއެވެ.

މި ފިލްމަކީ ކަރަން މަލޯތްރާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ސަންޖޭދަތުގެ ސިއްހީ ހާލަތު ވަރަށް ނުރައްކާތެރި ނަމަވެސް އޭނާގެ ޝޫޓިންތައް ކުރިއަށް ގެންދަނީ ވަރަށް ރައްކާތެރިކަމާއިއެކުގައެވެ. ސަންޖޭދަތުގެ މި ފިލުމުގެ މަސައްކަތް ނިންމާލުމަށް ޔޭޝް ރާޖު ފިލްމްސް އިން ވަނީ އޭނާއަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީފައެވެ.