ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބަކީ މިހާރު ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ އެމެރިކާގެ ރައްޔިތުންނަށް އެމީހުންގެ ޚަޔާތުގައި އަންނާނެ އެންމެ މުހިއްމު އިންތިޚާބު ކަމަށް ބުނެ މޭގަން މާކެލް ދެއްކި ވާހަކަތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަހުގެ ހަމަލާތަކެއް މޭގަން އަށް ދީފިއެވެ.

"އޭބީސީ" އިން ގެނެސްދިން ޓީވީ ޕްރޮގްރާމަކަށް ޕްރިންސް ހެރީ އާއި މޭގަން ދިން ވީޑިއޯ މެސެޖެއްގައި ބުނީ "ކޮންމެ ހަތަރު އަހަރަކުން އަންނަ އިންތިޚާބަކާއި އެކު އަހަރެމެން ބުނަން މިއީ ހަޔާތުގައި އަންނާނެ އެންމެ މުހިއްމު އިންތިޚާބޭ. ހާއްސަކޮށް މިއީ އެމެރިކާ ރައްޔިތުންނަށް އަންނަ އެންމެ މުހިއްމު އިންތިޚާބު. އެމެރިކާ ރައްޔިތުންގެ ހަޔާތުގައި މިއަށްވުރެ ވަކިން މުހިއްމު އެހެން އިންތިޚާބެއް ދެން ނާންނާނެ." މޭގަން ބުންޏެވެ.

ވީޑިއޯ މެސެޖްގައި ޕްރިންސް ހެރީ ވެސް ބުނީ ނަފުރަތު އުފެއްދުމަށް ދައްކާ ވާހަކަތަކާއި، ހަޤީޤަތް އޮޅުވާލުމަށް ދައްކަމުން ގެންދާ ވާހަކަތަކައި ދެކޮޅަށް ނޮވެމްބަރު މަހު ވޯޓް ދޭން ޖެހޭނެ ކަމަށެވެ.

ވީޑިއޯ މެސެޖްގައި މޭގަން ވެސް އަދި ހެރީ ވެސް ޓްރަމްޕްގެ ނަމެއް ފާހަގައެއް ނުކުރެއެވެ. ނަމަވެސް ޓްރަމްޕް ނިންމާފައި ވަނީ މޭގަން އާއި ހެރީގެ ވީޑިއޯ މެސެޖަކީ ސީދާ ޓްރަމްޕާއި ދެކޮޅަށް ދިން ވީޑިއޯ މެސެޖެއް ކަމަށެވެ.

މޭގަން އަށް އިޝާރާތްކޮށް ޓްރަމްޕް މިއަދު ބުނީ އޭނާ އަކީ މޭގަންގެ ސަޕޯޓަރެއް ނޫން ކަމަށެވެ. އަދި މޭގަން އާއި ހެރީ ވަނީ "އިމުން ބޭރުވެފައި" ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އަކީ އެމެރިކާގެ ގިނަ ސެލެބްރިޓީންގެ މެދުގައި މަގުބޫލު ރައީސްއެއް ނޫނެވެ. ޓްރަމްޕް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތައް މީޑިއާތަކުން ގެނެސްދޭތީ ޓްރަމްޕަށް ގިނަ މީޑިއާތަކެއް ވެސް ކަމަކު ނުދެއެވެ. ޓްރަމްޕް ބުނާ ގޮތުގައި ފޮކްސް ނިއުސް ފިޔަވައި އެމެރިކާގެ އެހެން މީޑިއާތަކުން ހަދަނީ ދޮގެވެ. ފޮކްސް ނިއުސް އަކީ އަބަދުވެސް އެމެރިކާގެ ރިޕަބްލިކަނުންނަށް ތާއިދު ކުރާ މީޑިއާ އެކެވެ.