ނިއުޔޯކްގައި ބޭއްވި އުފަން ދުވަހުގެ ޕާޓީއަކަށް ދިޔަ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

16 އަހަރު ފުރުން ފާހަގަކުރުމަށް ސެޕްޓެމްބަރު 25 ވަނަ ދުވަހު ލޯންގް އައިލެންޑް މިލާ ޕްލޭސް އިން ގައި ބޭއްވި އެ ޕާޓީގެ ސަބަބުން 37 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 270 އަށްވުރެ ގިނަ މީހުން ކަރަންޓީނަށް ދާން ވަނީ ޖެހިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، 80 މީހުންނަށްވުރެ ގިނަ މީހުން އެ ޕާޓީއަށް ގޮސްފައި ވެއެވެ. "ސްވީޓް 16" ޕާޓީއަށް ގޮސްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އަމަލު ކުރަން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގައި ބުނެފައިވާ ވަރަށްވުރެ ގިނަ މީހުންނެވެ.

މިހާރު ޕާޓީ ބޭއްވި ތަން ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި އެތަން 12،000 ޑޮލަރަށް ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

"އަހަރުމެންނަށް ސުފޮލްކް ކައުންޓީން މީގެ ކުރިން އިވެންޓެއްގެ ސަބަބުން މިވަރުގެ ގިނަ ކޮވިޑް-19 ވޭދަނަތަކެއް ނުފެނޭ". އެ ސަރަހައްދުގެ ކައުންޓީ އެގްޒެެކެޓީވް ލިޔެފައި ވެއެވެ.

އޭނާ ވަނީ، މީހުން ރަނގަޅަށް ހަރުދަނާ ވުމަށް އެދިފައެވެ. އެހެން ނޫނީ އަނެއްކާ އިގްތިސާދު ހުއްޓިދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ނިއުޔޯކްގައި މީގެ ކުރިން 33،000 މީހުން އެ ބަލީގައި މަރުވެފައި ވެއެވެ.ނަމަވެސް މިހާރު އެ ސްޓޭޓްގައި ކޮވިޑް-19ގެ ވޭދަނަތައް ވަނީ ދަށްވެފައެވެ.

އެމެރިކާ އަކީ މުޅި ދުނިޔެއިން މިހާރު އެންމެ ގިނައިން ކޮވިޑް-19ގެ ވޭދަނަތައް ފެނުނު ގައުމެވެ. އަދި އެ ބަލީގައި އެންމެ ގިނަބަޔަކު މަރުވެފައި ވަނީވެސް އެ ގައުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު