ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވުމުން، ކަންފަތުގެ އިވުން ގެއްލި ދާއިމަށް ބީރުވުމުގެ ފުރުސަތު އޮންނަކަން ދިރާސާތަކުން ހާމަވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް ލަންޑަން އާއި ރޯޔަލް ނޭޝަނަލް ތްރޯޓް، ނޯޒް އެންޑް އިޔާ ހޮސްޕިޓަލްގެ ތަޖުރިބާކާރުން ގުޅިގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން އެނގިފައިވާގޮތުން ކޮވިޑް-19 އަށް ފައްސިވުމަށްފަހު ހާލު ގޯސްވެ ފަރުވާ ނުލިބި ލަސްވެއްޖެ ނަމަ އިވުން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

މިއީ ކޮވިޑް-19 ގެ އިތުރުން އިންފްލުއެންޒާ ޖެހުމުންވެސް ބައެއް ފަހަރަށް ދިމާވާ ހާލަތެއް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ. ނަމަވެސް އިވުން ގެއްލުން ނުވަތަ ކަންފަތަށް އިވޭ މިންވަރަށް އަސަރުކުރާ ކޮންމެ ފަހަރަކީ މިބަލި ޖެހުމުން ދިމާވާ ހާލަތަކަށް ނުވެވެސް ހިނގައިދާނެއެވެ. އަދި ކޮވިޑް-19 ޖެހުމުން މި މައްސަލަ ދިމާވަނީ ނިސްބަތުން މަދު ބަޔަކަށެވެ.

ކޮވިޑް-19 ޖެހުމުން ދިމާވާ ގިނަ ސިއްޙީ މިނޫންވެސް ހާލަތު ހުންނައިރު، އޭގެތެރޭގައި ފުއްޕާމެޔަށް ދާއިމީ ގެއްލުންވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުން ހިމެނެއެވެ. މީގެ އިތުރުން މި ބައްޔަށް ފައްސިވުމުން ރަހަލުން ގެއްލުމަކީވެސް ބަލީގައި ދިމާވާ އާންމު ހާލަތެކެވެ.

ކޮވިޑް-19 އަކީ ދުނިޔޭގައި އަލަށް ފެތުރޭ ބަލިމަޑުކަމަކަށް ވުމުން، މި ބަލީގައި ނޭނގޭ ނުވަތަ އަދި ހޯދިފައިނުވާ އެތައް ކަންކަމެއްވާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. މި ސަބަބަށްޓަކައި ދުނިޔެއިން ބަލި ފެނުނުފަހުން ބައްޔާއި ގުޅޭ ހޯދުންތައް ހޯދުމަށް ގިނަ ދިރާސާތަކެއް ކުރެވެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު