ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ މާހިރާ ޚާން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ އިންސްޓަގުރާމު އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ.

މާހިރާގެ މި ޕޯސްޓުގައި ބުނެފައިވަނީ އޭނާ ކޯވިޑަށް ފައްސިވެފައިވާ ކަމަށާއި މިހާރު ހުރީ އައިސޮލޭޓްވެފައި ކަމަށާއި ފާއިތުވި ދުވަސްތަކުގައި އޭނާއާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކަށް ވެސް މި ޚަބަރު ދީފައިވާ ކަމަށެވެ.

މިއީ އުދަނގޫ ކަމެއް ނަމަވެސް އިރާދަފުޅުން ވަރަށް އަވަހަށް މިކަމުން ރަނގަޅުވާނެ ކަމަށާއި ތިމާއަށާއި އެހެން މީހުންގެ ރައްކަލަކަށް މާސްކު އެޅުމާއި އެހެނިހެން ކަންތައްތައް ވެސް އަންގާފައިވާ ގޮތަށް ކުރުމަށް ވެސް މާހިރާގެ އިންސްޓަގުރާމު ޕޯސްޓުގައިވެއެވެ.

މި ޕޯސްޓު ނިންމާލަމުން ބުނެފައިވަނީ ހެޔޮ ދުޢާއާއި ބަލާނެ ރަނގަޅު ފިލުމެއްގެ ބުނެދިނުމަކީ އޭނާ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

މާހިރާގެ އިންސްޓަގުރާމު މި ޕޯސްޓަށް ވަނީ އެތައް ސަޕޯޓަރުންނެއްގެ އިތުރުން ބޮލީވުޑުގެ ބައެއް ފަންނާނުން ވެސް ކޮމެންޓްކޮށް އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް އެދިފައެވެ. އޭގެތެރޭގައި މޯނީ ރޯއީ، ވަރުން ދަވަން ހިމެނެއެވެ.

ޕާކިސްތާނުގެ ބަތަލާ މާހިރާ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ރާހޫލް ދޯލަކިޔާގެ 2017 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލުމު ''ރައީސް''އިންނެވެ. މި ފިލުމުގައި މާހިރާ މަސައްކަތް ކޮށްފައިވަނީ ޝާހުރުކް ޚާނާއި އެކުގައެވެ.

މާހިރާ ވަނީ ޕާކިސްތާނުގެ ކާމިޔާބު އެތައް ފިލުމެއްގައި ވެސް މަސައްކަތް ކޮށްފައެވެ. ފިލުމުގެ އިތުރުން މާހިރާ ވަނީ ޓީވީ ގިނަ ޝޯތަކެއްގައި ވެސް ބައިވެރިވެފައެވެ. ''ސްޕަސްޓަރ''، ''ބިން ރޮޔޭ''، ''ހަމްސަފަރު''، ''އެކްޓަރ އިން ލޯ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު