ކައިވެނި ކުރުމުގެ ކުރިން އާންމު ގޮތެއްގައި ފިރިހެނުން އަންހެން މީހާއަށް "ޕްރޮޕޯޒް" ނުވަތަ ކައިވެނި ހުށަހަޅައެވެ. އެއީ އަންހެން މީހާ އެންމެ އުފާވާ ވަގުތު ކަމުގައިވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެފަދަ އުފާވެރިކަމުގެ ތެރޭގައި ގިނަ ބަޔަކަށް އެކި ކަހަލަ ކަންކަން ވެފައި އެބަ ހުއްޓެވެ. އެގޮތުން ބަލާލާއިރު، އުފާވެރިކަމުގެ ކަންތަކާއި ދެރަވާ ކަހަލަ ކަންކަން ވެފައި އެބަ ހުއްޓެވެ.

މިއީ އޮސްޓްރިއާގެ ކަރިންތިއާގައި ދިރިއުޅެމުން އަންނަ އަންހެނެއްގެ ކައިރިން ކައިވެންޏަށް ހުށަހެޅުމުން ހިނގާފައިވާ ހާދިސާއެއްގެ ވާހަކައެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާއަށް ޕްރޮޕޯޒް ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އެ ފިރިހެން މީހާ އެގޮތަށް ޕްރޮޕޯޒް ކޮށްފައިވަނީ އުސް ފަރުބަދައެއް ކަހަލަ މަތީގައި ހުރެގެންނެވެ.

ފިރިހެން މީހާ ކައިވެނި ހުށަހެޅުމުން އަންހެން މީހާ ވަރަށް އަވަހަށް އާ އެކޭ ބުންޏެވެ. އޭގެ ކުޑައިރުކޮޅެއް ނުވަނީ އަންހެން މީހާ އެ ފަރުބަދަ މަތިން ވެއްޓުނެވެ. މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން މީހާ ވެއްޓިފައިވަނީ 650 ފޫޓު މަތިންނެވެ. އޭނާ ވެއްޓެން އުޅުމުގެ ގަޑީގައި ފިރިހެން މީހާވެސް އޭނާގެ އަތުގައި ހިފިއެވެ.

އެހެން ނަމަވެސް ދެމީހުން އެއްކޮށް ވެއްޓިގެން ދިޔައެވެ. ފިރިހެން މީހާ ވެއްޓިފައިވަނީ 50 ފޫޓަށް ކަމަށާއި އެވަގުތު އޭނާ އޮތީ އެތަނުގައި ހުރި ތަނެއްގައި ހިފައިގެންނެވެ.

އަންހެން މީހާ ވެއްޓިފައިވަނީ ސްނޯގެ މައްޗަށެވެ. އޭނާ ފެނިފައިވަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިތުރު މީހަކަށެވެ. އެމީހާއަށް އެ އަންހެން މީހާ ފެނުނުއިރު، އެއްވެސް ކަހަލަ ހަރަކާތެއް ކޮށްފައެއް ނުވެއެވެ. އެހެން ކަމުން އެ މީހާ ވަނީ އެމަޖެންސީއަށް ގުޅައި އެ ދެމީހުން ސަލާމަތް ކޮށްފައެވެ.

"އެ ދެމީހުން ވަރަށް ނަސީބު ރަނގަޅު. އެއީ ސްނޯ ނޫން ނަމަ، މުޅިން އެހެން ގޮތަކަށް އެމީހުން ފެންނާނީ" އެ ސަރަހައްދަށް ދިޔަ ފުލުހަކު ބުންޏެވެ.

މީޑިއާތަކުން ބުނެފައިވަނީ އެދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށާއި ފިރިހެން މީހާއަށް އެކި ކަހަލަ އަނިޔާ ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ވާހަކަ ހިއްސާކޮށްފައެއް ނުވެއެވެ.