ޗައިނާގެ އުފެއްދުމެއް ކަމުގައިވާ ޓިކްޓޮކްއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ފޯރިއާއިއެކު ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެކެވެ. ޓިކްޓޮކް ކުޅެގެން އެތައް ބަޔަކު ކާމިޔާބީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު އޭގެ ސަބަބުން ވަނީ އެތައް ބަޔަކު މަރުވެސް ވެފައެވެ.
މިގޮތުން ޓިކްޓޮކް ޗެލެންޖެއް ކަމުގައިވާ ''ބްލެކްއައުޓް ޗެލެންޖް'' ހަދަން އުޅުނު އިޓަލީގެ ސިސިލީގެ އުމުރުން 10 އަހަރުގެ ކުއްޖަކު މި ވަނީ މަރުވެފައެވެ.
ޕެލަމޮ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނކޮށް މިދިޔަ ހަފްތާ ބުދަ ދުވަހު މަރުވި މި ކުއްޖާ ފެނިފައިވަނީ ފާހާނާގައި ހޭނެތިފައި އޮއްވާ އެ ކުއްޖާގެ ފަސް އަހަރުގެ ކޮއްކޮއަށެވެ. އެއިރު އެ ކުއްޖާގެ އަތުގައި ފޯނު ވެސް އޮތެވެ. މި ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފަސް އަހަރުގެ ކުއްޖާއާއި ހަވާލާދެމުން އެކުދިންގެ މައިންބަފައިން ނޫސްތަކަށް ބުނެފައިވަނީ ޓިކްޓޮކްގެ ''ބްލެކްއައުޓް ޗެލެންޖު'' ހަދަން އެ ކުއްޖާ އުޅުން ކަމަށާއި މި ޗެލެންޖު ހަދާކަން މައިންބަފައިންނަށް ނޭނގޭ ކަމަށެވެ. ނަމަވެސް ޑާންސް ކުރުމަށް ޓިކްޓޮކް ބޭނުން ކުރާ ކަން އެނގޭ ކަމަށް ވެސް އެ ކުއްޖާގެ މައިންބަފައިން ބުނެފައިވެއެވެ.
މިފަދަ ޗެލެންޖުތަކުގެ ނުރައްކާތެރިކަން ސިއްހީ މާހިރުން ދަނީ ކިޔައިދެމުންނެވެ. ނޭވާ ނުލައި ހުރުމުން ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން ލިބުން ދަށްވާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ އިޓަލީގެ ޑާޓާ ޕްރޮޓެކްޝަން އޮތޯރިޓީން މިދިޔަ ޑިސެމްބަރު މަހު އުމުރުން 13 އަހަރުގެ ކުދިންނަށް ޓިކްޓޮކްގައި ސައިންއިން ނުވެވޭނެ ގޮތަށް ހަމަޖައްސައިފައިވަނިކޮށެވެ.
ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.