ކޮމެޑީ އެކްޓަރ ކަޕިލް ޝަރުމާއާއި އޭނާގެ އަންހެނުން ގިންނީ ޗަތުރަތު ފެބްރުއަރީ އެއް ވަނަ ދުވަހު އެމީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ. ކަޕިލްއަށް މިފަހަރު ލިބުނީ ފިރިހެން ދަރިއެކެވެ.

ކަޕިލް ޝަރްމާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އަންހެނުން ފިރިހެން ކުއްޖަކު ވިހައިފި ކަމަށެވެ. އޭނާ ބުނީ، ގިންނީއާއި ލިބުނު ދަރިފުޅު ހެޔޮ ހާލުގައި ތިބި ކަމަށެވެ. ކަޕިލްގެ މި ޚަބަރާއި އެކު އޭނާގެ ސަޕޯޓަރުން ދަނީ މަރުހަބާއާއި ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ކަޕިލްގެ އަންހެނުން ގިންނީ ބަލިވެ އިން ޚަބަރު ދީފައިވަނީ ވަރަށް ފަހުންނެވެ. ކަޕިލްއަށް ވަނީ ކުރިން ވެސް ދަރިއަކު ލިބިފައެވެ. ކަޕިލްއަށް އެންމެ ފުރަތަމަ ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

ކަޕިލްގެ ދެވަނަ ދަރިފުޅު އުފަންވި ޚަބަރު ޓްވިޓާގައި ހިއްސާ ކޮށްފައި ވީ ނަމަވެސް ދަރިފުޅުގެ ފޮޓޯއެއް މީސް މީޑިއާގައި އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

ކަޕިލް ހުށަހަޅައިދޭ ކޮމެޑީ ޝޯ '' ދަ ކަޕިލް ޝަރުމާ ޝޯ'' މެދު ކަނޑާލާފައި ވަނީ ކަޕލް އޭނާގެ އާއިލާއާއި އެކު ވަގުތު ހޭދަ ކުރުމަށް ބޭނުންވާތީ ކަމަށް ވެސް ކަޕލް ބުނެފައިވެއެވެ.

ކޮމެޑީ ޝޯ ހުށަހަޅައި ދިނުމުގެ އިތުރުން ވެސް ކަޕިލް ވަނީ ބޮލީވުޑު ބައެއް ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. ''ކިސްކިސް ކޯ ޕިޔާރު ކަރޫން'' ، '' ފިރަންގީ'' ފަދަ ފިލުމުތަކެވެ.

މީގެއިތުރުން ކަޕިލްވަނީ އޯޓީޓީ ޕްލެޓް ފޯމުގައި އޭނާގެ ފުރަތަމަ ފިލުމު ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.