މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ވައިރަސްއިން ސަލާމަތް ވުމަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ މީހުން ކޮވިޑް-19 ވެކްސިން ޖަހަމުންދާއިރު ބޮލީވުޑުގެ އެކްޓަރ ސައިފް ޢަލީ ޚާން ވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ދިޔުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު މުމްބާއީގައި ކޮވިޑްގެ ފުރަތަމަ ޑޯޒު ޖެހުމަށް ސައިފް ޢަލީ ޚާން ސަފުގައި ހުއްޓާ އެތައް ފޮޓޯގްރާފަރުންނެއް ވަނީ ފޮޓޯ ނަގާފައެވެ. މި ފޮޓޯތައް މީސް މީޑިޔާގައި ދައުރުވާން ފެށުމުން ވަނީ އެތައް ބައެއް ފާޑުކިޔައިފައެވެ.

އުމުރުން 50 އަހަރުގެ އެކްޓަރއަށް އެހާ ކުރިން ވެކްސިން ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައިވަނީ 60 އަހަރު ނުވަނީސް ސައިފުއަށް ވެކްސިން ޖެހުނީތީވެއެވެ.

ނަމަވެސް އިންޑިޔާގެ ސަރުކާރުން މިހާރު ވެކްސިން ދެމުންދަނީ އުމުރުން 45 އަހަރާައި 60 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ބަލި މީހުންނަށެވެ.

ސައިފްއަށް ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އުމުރުން ދުވަސްވީ އެތައް ބަޔަކު ތިއްބާ ސައިފުއަށް ވެކްސިން ޖެހުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި ބައެއް މީހުން ސުވާލު އުފައްދާފައިވަނީ ސައިފުގެ އުމުރު 60 ން މައްޗަށް ދިޔައީ ކަމަށެވެ.

ކުރިން ވެކްސިން ޖެހުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އޭނާ ވެކްސިން ޖެހުމުން އެކަމަށް ހިތްވަރު ވެސް ދީފައެވެ.

ސައިފުގެ ފިލުމީ މަސައްކަތަށް ބަލާައިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ހެއްވާ މަޖާ ބިރުވެރި ފިލުމެއް ކަމުގައިވާ ''ބޫތު ޕޮލިސް'' އިންނެވެ.