އެމެރިކާގެ ނިއުޔޯކުގައި 3 އަހަރުގެ ކުޑަކުއްޖެއްގެ ކުރިމަތީ ފުލުހުން ކުއްޖާގެ މަންމަގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޮޓް ކޮށްފައިވާ ގޮތުގައި ފުލުހުންގެ އޮފިސަރަކު ކުއްޖާގެ މަންމަގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހިކަން އެނގިފައިވަނީ ފުލުހުންގެ މީހާގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ކެމެރާއިންނެވެ. މި މަންޒަރު މީސްމީޑީއާގައި ދައުރުވާން ފެށުމާއި އެކީ ގިނަ ބަޔަކު ވަނީ ފުލުހުންނަށް ނުރުހުން ފާޅު ކޮށްފައެވެ.

އެގޮތުން އެ ވީޑިއޯއިން ފެނިގެން ދަނީ ފުލުހުންގެ މީހަކު ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު މަޑު ކުރުވައިގެން އޭނާ އާއި ސުވާލު ކުރާތަނެވެ. އަދި އެވަގުތު އަންހެން މީހާ ވަނީ ފުލުހުންގެ މީހާއަށް އޭނާގެ ވޮލެޓު ދައްކާފައެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ވޮލެޓް ދައްކާފައިވަނީ އެއްޗެއް ވަގަށް ނެގި ކަމަށް ބުނުމުންނެވެ.

އެހެން ނަމަވެސް ފުލުހުންގެ މީހާ ވަނީ އެ އަންހެން މީހާ ކައިރީ މަޑު ކުރުމަށް އެދިފައެވެ. އަދި އެގޮތަށް އެދުމުން ކުއްޖާ ގޮވައިގެން އަންހެން މީހާ ދުއްވައިގަތުމުން އަތުލައި މޫނަށް ޕެޕަރ ސްޕްރޭ ޖެހީކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި ހާދިސާ ހިނގިއިރު ކުއްޖާ ހުރީ ރޯން ކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފިހާރައެއްގެ ތެރޭގައި ތިބި ބަޔަކާއި ޒުވާބުކޮށް ހަމަ ނުޖެހުން ހިންގި ކަމަށް ބަޔަކު ރިޕޯޓްކޮށްގެން އެތަނަށް ފުލުހުން ދިޔަ ކަމަށާއި އޭރު އެތަނަށް ދެވުނުއިރު އޭނާ އެތަނުން ދާން އުޅުނު ކަމަށެވެ.

މި ހާދިސާގައި އޭނާގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހިނަމަވެސް، ކުއްޖާގެ މޫނަށް ނުދާނެ ކަމުގެ ޔަގީން ކަމަން ފުލުހުން ވަނީ ދީފައެވެ.