ނުވަދިހައިގެ އަހަރުތަކުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމު ކަމަށްވާ ''ބާޒީގަރު'' އަކީ މިއަދު ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދާ ފިލްމެކެވެ. ޝާހުރުކް ޚާނާއި ކާޖޮލްގެ އިތުރުން ޝިލްޕާ ޝެޓީ ވެސް ފެނިގެން ދިޔަ މި ފިލުމަކީ ބޮކްސް އޮފީހުގެ އިތުރުން އެތައް ސަޕޯޓަރުންގެ ހިތުން ޖާގައެއް ދެވިފައިވާ ފިލުމެކެވެ.

މި ފިލުމުގެ ހިތްގައިމު ލަވަތަކުގެ ތެރެއިން ކާޖޮލްއާއި ޝާހުރުކް ޚާން އެކުގައި ފެނިގެން ދިޔަ، ކުމާރު ސާނޫގެ ރީތި އަޑުން ކިޔައިފައިވާ ''ޔެ ކާލި ކާލި އާންކޭން'' މި ލަވައިގައި ޝާހުރުކް ޚާން ލައިގެން ހުރި ރަތް ކުލައިގެ ގަމީހާއި އަތުން ކުލަޖައްސާފައިވާ ޖީންސާއި އަދި ވަޒަނުން ހަދާފައިވާ ބެލްޓަކީ އެއިރު ވަރަށް ހިތްގައިމު އަދި ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ހެދުމެކެވެ.

މި ހިތްގައިމު ހެދުން ފަރުމާ ކޮށްދީފައިވަނީ ޝާހުރުކް ޚާންގެ ލޯބިވާ އަނބިމީހާ އިންޓީރިއާ ޑިޒައިނަރ ގޯރީ ޚާންއެވެ. 2019 ވަނަ އަހަރު މި ލަވައިގެ މަންޒަރެއްގެ ފޮޓޯއެއް ހިއްސާކޮށް ޝާހުރުކް ޚާނާއި ކާޖޮލް ޓެގްކޮށް އިންސްޓަގުރާމުގައި ގޯރީ ބުނެފައިވަނީ އެއީ އޭނާ ފަރުމާކުރި ހެދުމެއް ކަމަށާއި އަދި އަތުން ކުލަޖައްސާފައިވާ ޖިންސަކީ އޭނާއަށް އެންމެ ކަމުދާ ޖިންސުވެސް ކަމަށެވެ.

''ބާޒީގަރު'' މި ފިލުމަކީ ޝާހުރުކް ޚާނާއި ކާޖޮލް އެކީގައި ކުޅެފައިވާ ރީތި ފިލުމުތަކުގެ ތެރެއިން އެއް ފިލުމެވެ. މީގެއިތުރުން ވެސް ''ކުޗް ކުޗް ހޯތާހޭ''، ''ކަބީ ޚުޝީ ކަބީ ޣަމް''، ''މައި ނޭމް އިސް ޚާން'' ފަދަ އެތައް ފިލުމެއްގައި ކާޖޮލްއާއި ޝާހު އެއްކޮށް ފެނިފައިވެއެވެ.