އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ފަތިފުއް ހާމަކޮށް ޕްރިންސް ހެރީ އާއި މޭގަން މާކެލް ދެއްކި ވާހަކަތަކުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް މިހާރު ކުރިމަތިވެފައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ގެނައުމަށް ރާނީ އެލިޒަބަތު އަމިއްލަފުޅަށް އިސްނަންގަވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހެރީ އާއި މޭގަން އަށް ގުޅުއްވައިގެން ސުލްހައިގެ ވާހަކަތައް ދައްކަވަން ނިންމަވައި އެކަން ރާނީ އެލިޒަބަތު ވަނީ މިހާރު އާއިލާ މެންބަރުންނަށާއި އެންމެ އިސް މުވައްޒަފުންނަށް ވެސް އަންގަވާފައެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ މައުލޫމާތު މުވައްޒަފުންގެ ފަރާތުން މީޑިއާތަކާއި ހަމައަށް ފޯރުން ހުއްޓުވަން ވެސް މިހާރު ރާނީ އެލިޒަބަތު ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

މޭގަން އާއި ހެރީ ދެއްވި އިންޓަވިއު އާއި ގުޅިގެން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ނުރުހުން ފާޅުކުރުމުގެ ބަދަލުގައި ހެރީގެ ދެމަފިރިންނަށް ދިމާވި ކަންތައްތަކާއި ގުޅިގެން ހިތާމަ ކުރައްވާ ކަމަށް ރާނީ އެލިޒަބަތު ވިދާޅުވެފައި ވާތީ އާއިލީ މައްސަލަ އިތުރަށް ގޯސްނުވެ، ސުލްހަވެރި ހައްލުތަކެއް ލިބިގެން ދާނެ ކަމަށް ތަޖުރިބާކާރުން ވެސް ވިދާޅުވެއެވެ.

ހެރީ އާއި އޭނާގެ ބައްޕަ ޕްރިންސް ޗާލްސް އާއި ގުޅުން ކެނޑިފައި އޮތްނަމަވެސް ރާނީ އެލިޒަބަތު ގަވައިދުން ހެރީގެ ދެމަފިރިންނަށް ގުޅުއްވާ ހެރީގެ ދެމަފިރިންނާއި އެމީހުންގެ ދަރިކަލުން އާޗީގެ ހާލު ބައްލަވައެވެ. މިދިޔަ މަހު ވެސް ރާނީ ވަނީ ޒޫމް މެދުވެރިކޮށް އާޗީ އާއި ވާހަކަދައްކަވާފައެވެ.