މަޝްހޫރު ޓީވީ ޑްރާމާ ''ޕަވިތުރަ ރިޝްތާ'' ކުޅުނު ދުވަސްވަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސުޝާންތާއި އަންކިތާއަކީ އެކްޓިންގެ ރޮނގުން ފާހަގަ ކޮށްލެވޭ ދެ ފަންނާނުންނެވެ.
ސުޝާންތާއި އަންކިތާ އެކުގައި އުޅުނު ދުވަސްވަރު އަންކިތާ ބޮލީވުޑަށް ތަޢާރަފްވުމަށް ފުރުސަތު ލިބުމުން ސުޝާންތަށްޓަކައި އެ ފުރުސަތު ދޫކޮށްލި ކަމަށް އަންކިތާ ބުނެފިއެވެ. ފިލުމު ''ހެޕީ ނިއު އިޔާ'' އިން ޝާހުރުކް ޚާނާއި އެކު ބޮލީވުޑަށް ތަޢާރަފް ވުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ބޭނުން ނުކޮށް ދޫކޮށްލީ ކެރިއަރއަށްވުރެ ބޮޑަށް އޭނާއަށް ސުޝާންތު މުހިންމުވުމުން ކަމަށް ވެސް ބުނެފައިވެއެވެ.
ހެޕީ ނިއު އިޔާގެ އިތުރުން ފިލުމު ''ބާޖީރާއޯ މަސްތާނީ'' އާއި ''ގޯލިއޯންކީ ރާސްލީލާ: ރާމް ލީލާ'' އިން ވެސް ލިބުނު ފުރުސަތުތައް ދޫކޮށްލައިފައިވަނީ ސުޝާންތުއާއި އޭނާގެ ގުޅުމަށްޓަކައި ކަމަށް ވެސް އަންކިތާ ބުނެފައިވެއެވެ.
އަންކިތާ ބޮލީވުޑަށް ތަޢާރަފްވެފައި ވަނީ 2019 ވަނަ އަހަރު ފިލުމު ''މަނިކާރނިކާ'' އިން ކަންގަނާ ރަނައުތުއާއި އެކުގައެވެ. އޭގެފަހުން އަންކިތާ ވަނީ ޓައިގަރ ޝްރޯފްއާއި ޝްރައްދާ ކަޕޫރާއި އެކު ''ޓައިގަރ 3'' ގައި ވެސް މަސައްކަތް ކޮށްފައެވެ.
މިއަދާއި ހަމައަށް ވެސް އެ ފިލުމުތައް ދޫކޮށްލެވުނީތީ އެކަމާ ''ރިގްރެޓް'' ނުކުރާ ކަމަށާއި އޭނާ އެންމެ ބޭނުންވީ ސުޝާންތު ކުރިއަރައި ދިޔުމުގައި އޭނާއަށް އެހީތެރިވެދިނުމަށް ކަމަށެވެ.
ބޮޑެތި ޕްރޮޖެކްޓްތައް ދޫކޮށްލާފައިވަނީ ސުޝާންތުއާއި ކައިވެނި ކުރުމަށް ބޭނުންވާތީ ކަމަށް ފިލުމުތައް ހުށަހެޅި ފަރާތްތަކަށް އަންކިތާ ބުނެފައިވެއެވެ.