މީރު ރަހައެއް ހިމެނޭ އަލަނާސި ފަންޏަކީ ހަމައެކަނި ރަހަޔަށް މީރު އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ހަންގަނޑަށާއި ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދެއެވެ.

އަލަނާސީގައި ގިނަ އަދަދަކަށް ޑައިޓަރީ ފައިބަރ، ޕޮޓޭސިއަމް، ކޮޕާ، ފޯލިކް އެސިޑްގެ އިތުރުން ވިޓަމިން ސީ އަދި ބީ ހިމެނެއެވެ.

އުޖާލާ ހަންގަނޑެއް ބޭނުންވާނަމަ އަލަނާސި ފަނި އަކީ އެއްވަނައިގެ ބުއިމެކެވެ. އަދި ފޭސް ޕެކް އެއް ހަދާލަން ބޭނުންވާނަމަ އަލަނާސި ދިޔަ އާއި ބްރައުން ޝުގާ އެއްކޮށްގެން ކޮންމެ ހަފްތާއަކު 2 ފަހަރު ބޭނުންކުރާށެވެ. މޫނުގައި ހުންނަ ނޭދެވޭ ހަންތައް ނައްތާލާ މޫނު އުޖާލާކޮށްދިނުމަށް އެހީވެދޭނެއެވެ.

ބިހި ނެގުމަކީ އާންމުކޮށް އެންމެނަށްވެސް ދިމާވާ ކަމެކެވެ. އަދި މިކަމުގެ ފަރުވާއަށް ގިނަ ކަންތައްތަކެއް ކުރެވެއެވެ. އޭގެ ތެރެއިން އަލަނާސި ދިޔަ އަކީ އެންމެ އެދެވޭ އެކައްޗެވެ. ފަސޭހައިން ލިބެންހުންނަ މި މީރު މޭވާގެ ދިޔަ ކޮޅެއް މޫނު ދޮވެލުމަށްފަހު ކަފަކޮޅަކުން ބިހި މަތީގައި ހާކާލާށެވެ. ނަމަވެސް ވަރަށް ނާޒުކު ހަންގަނޑެއް ހުންނަނަމަ މޫނުގައި ހޭކުމުގެ ބަދަލުގައި ބުއިމަށް ބޭނުންކުރާށެވެ. އެފަދައިންވެސް އޭގެ ފައިދާ ކުރާނެއެވެ.

ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭ މި މޭވާއަކީ ބަރުދަން ލުއިކުރުމަށްވެސް ރަނގަޅު ބުއިމެކެވެ. ހަޖަމުކޮށްދިނުމަށް އެހީވެދީ ހަށިގަނޑު ތާޒާކޮށްދިނުމަށް އެހީވެދެއެވެ. އަދި ކަސްރަތުކުރާއިރު އަލަނާސި ބޭނުންކުރާނަމަ މޫނާއި ހަށިގަނޑުގެ ހަންގަނޑު އޮމާންކޮށްދޭނެއެވެ.