އިންޑިއަން އައިޑަލް 12 ގެ ޝޯވ ހުށަހެޅުންތެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތްޔާ ނާރާޔަންގެ ދަރިފުޅު ލަވަކިޔުންތެރިޔާ އާދިތުޔަ ނާރާޔަންއާއި އޭނާގެ އަންހެނުން ޝްވެތާ އަގަރްވާލް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އާދިތުޔާގެ މީސް މީޑިޔާ އެކައުންޓުގައި މިކަން ހިއްސާކޮށް އަވަހަށް ބަލިން ރަނގަޅު ވޭތޯ ހެޔޮ ދުއާ ކޮށްދިނުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފައިވެއެވެ.

ޝްވެތާއާއި އާދިތުޔާގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އާދިތުޔަ ބުނެފައިވަނީ ނަސީބު ދެރަކަމުން އޭނާގެ އަންހެނުން ޝްވެތާ އަގަރްވާލްއާއި އޭނާ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި ކަރަންޓީނުގައި ތިބި ކަމަށެވެ. އެންމެން ވެސް ރައްކާތެރިކޮށް ތިބުމަށާއި ކޮވިޑުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަކަށް ބޯލެނބުމަށާއި އެންމެންގެ ދުއާގައި އެމީހުންނަށް ވެސް ހެޔޮ ގޮތްތަކާއި އަވަސް ޝިފާއެއް ލެއްވުމަށް އެދުމަށާއި މިކަމުން ވެސް ކޮންމެވެސް ދުވަހަކުން ސަލާމަތްވާނެ ކަމަށް ބުނެފައިވެއެވެ.

އާދިތުޔާގެ މި ޕޯސްޓަށް އޭނާއާއި އޭނާގެ އަންހެނުން ޝްވެތާއަށް އަވަސް ޝިފާއަކަށް އެދި އެތައް ބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ. މީގެތެރޭގައި އިންޑިއަން އައިޑޮލް 12 ގެ ޖަޖެއް ކަމުގައިވާ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ވެސް ހިމެނެއެވެ.

އާދިތުޔަ ކޮވިޑް-19އަށް ފައްސިވުމުން އޭނާ ހުށަހަޅައިދޭ ޝޯ އިންޑިއަން އައިޑޮލް 12 ގެ ޝޯ ހުށަހަޅައިދިނުމަށް އެހެން މީހެއް ހޯދަމުންދާ ކަމަށް ޝޯގެ ފަރާތުން ބުނެފައިވެއެވެ.

މި ދުވަސްވަރު ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވަނީ ކޮވިޑް 19އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ރަންބީރު ކަޕޫރު، އާލިއާ ބަޓް، ސަންޖޭ ލީލާ ބަންސާލީ، ކާތިކް އާރްޔާން، ސިދާތު ޗަތުރުވެދީ ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު