އެއީ މީގެ ފަސްއަހަރު ކުރިއެވެ. އަހަރެންނާއި އުމާމް ކައިވެނިކޮށްގެން ހަނިމޫނަށް ދިޔައީ އޮސްޓްރޭލިޔާ އަށެވެ. އަހަރެންގެ ބޭބެ އުޅެނީ އެކޮޅުގައި ދިރިއުޅުމެއް ފަށައިގެން ކަމުން ކެއުމާއި ހުރުން ހަމަޖެހިގެން ދިޔައީ ބޭބެގެ ގެއިންނެވެ. އަހަރެމެން އޮސްޓްރޭލިޔާއަށް ދެވުނީ ވަރަށް ފިނި ދުވަސްވަރަކާ ދިމާކޮށެވެ. ނަމަވެސް އޭރު ސްނޯ ފައިބަން ނުފަށާތީ އޭގެ ސަބަބުން އެވާކަހަލަ ފިންޏެއް ނުވެއެވެ. ފުރި ދުވަހުގެ ރޭގަނޑުވިއިރު އަހަރެމެން ތިބީ އޮސްޓްރޭލިޔާގައި އުޅޭ ބޭބެގެ ގޭގައެވެ. ކެއުމަށް އިސްނާފުކުރަމުންދިޔަ އިރު އަހަރެމެން ތިބީ އެކި އެކި ވާހަކަ ދައްކާށެވެ.

"ކޮބާ ހަނިމޫން ކަޕަލް، ދެން އާދެވިއްޖެނު. އެހެންވީމާ ކޮބާ މާދަމާގެ ޕްލޭނަކީ؟" އަހަރެންގެ ބޭބެ އަހަރެންނާ ދިމާކޮށްލަމުން އެއްސެވެ.

"މާދަންދޯ. އަދި ނޭނގޭ. އުމާމް ބުނެބަލަ" އަހަރެން އުމާމްއާ ދިމާލަށް ބަލާލަމުން އަހާލީމެވެ.

"ހިނގާ ރޯޑް ޓްރިޕްއަކަށްދަމާ. ބޭބެއާ ދައްތައާ ކުދިވެރިންވެސް ގޮވައިގެން؟"

މިހެން ބުނުމުން ބޭބެއާއި ދައްތަ ހޭންފެށިއެވެ.

"އަހަރެމެން ދިޔައީމަ ކިހިނެއް ހަނީމޫނަކަށް ވާނީ" ބޭބެ ދައްތައާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

"ތެދެއް؟ އޭރުން ހަނީމޫނަކަށް ނުވާނެތާ. އެހެންނޫނަސް ކައިރާ އާއި އާޒީގެ ސުކޫލް އޮންނާނެ މާދަން. ދައްތައަކަށް ނުދެވޭނެ" ދައްތަވެސް އަހަރެންނާ ދިމާލަށް އެނބުރެމުން ބުނެލިއެވެ.

"އެކަމަކު ބޭބެ ދާންވާނެ. އަހަރެންނަކަށް ނޭނގޭނެނު މިތަނުގައި ދުއްވާކަށް" އުމާމް ބުންޏެވެ.

"ހުމްމް އޯކޭ. ބޭބެ ވާނަނަ ޑްރައިވަރަށް. އޭރުން ތިކުދިން ތިބޭނީ ފަހަތުގަ ދޯ" އެއްލޯ މަރާލަމުން ބޭބެ ބުންޏެވެ. އަނެއް ދުވަހު ކުރާނެ ކަމެއް ނިމުމުން އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

އޭގެ އަނެއް ދުވަހެވެ ދުރުން ފެންނަން ހުންނަ ފަރުބަދަތައް ކައިރީގައި ހުންނަ މަގުތަކުން ކާރު ދުއްވަމުން ދިޔައިރު ޖެހޭ ފިނި ވައިން އަހަރެން އިނީ ހީކަރުވައި ގަނެފައެވެ. ބޭބެ ކާރު ދުއްވަން އިންއިރު އަހަރެން އިނީ އުމާމް ކައިރީގައި ފަހަތު ސީޓުގައެވެ. ބޭބެ ދިޔައީ އަހަރެމެންނަށް އެކި ތަންތަން ދައްކަމުންނެވެ. ދުރު ދުރުން ފެންނަންހުރި ވާދީތަކާއި ފަރުބަދަ މަތީގައި ހުރި ކުދިގެތައް ދުރުން ފެންނަ އިރު ތަލިން ކުޅު ހިކޭހާ ރީއްޗެވެ.

"މީހުން ނުވެސް އުޅެނީތަ މިހިސާބުގަ މިހެން ދުއްވާލަން ނުކުމެ؟" އަހަރެން ބޭބެއަށް ގޮވާލަމުން އަހާލީމެވެ.

"އާނ ދެން މިހެން އައިސް ނޫޅޭނެ ވަރަށް. ކުދިވެރިން ސުކޫލްތަކަށް ދާގަޑިތަކުގައި މި މަގުތަކުން ކިރިޔާވެސް މީހުން ފެންނާނީ. އެދިމާލުން ފެނުނު ގެތަކުގައި އުޅޭ މީހުން އާންމުކޮށް ފަރުބަދަތައް މަތީގައި އާމްދަނީ ހޯދަން މަސައްކަތް ކުރާނީ. ދެން މިހެން ބުންޏަސް ވަރަށް މުއްސަނދިންވެސް އުޅޭނެ އެތަންތާ. އެކަމަކު އެމީހުން ބޭނުންވާނީ ގޭތެރޭގައި ނުވަތަ ކައިރީގައި ހުންނަ ކުދި މަގުތައް މަތީގައި އުޅެލަން. މިގޮތަށް ސައިޓްސީއިންގ އަށް ނުކުމެ ނޫޅޭނެ"

"ދިވެހިން އުޅޭނެތަ؟" އުމާމް ސުވާލުކޮށްލިއެވެ.

"އާނ. މިހާރު ދިވެހިން ވަރަށް ގިނައޭ މިހިސާބުގަ"

މިގޮތަށް ވާހަކަ ދައްކަމުން ތަންތަން ބަލަމުން އަހަރެމެން ދިޔައީމެވެ. ބޭބެވެސް އެއްމަގުން އަނެއް މަގުން ކާރު ދުއްވަމުންގޮސް މިހާރު އަހަރެމެން މިތިބީ ވަރަށް ގަސްބޯ ހިސާބެއްގައެވެ. އަހަރެމެން ތިބި ދިގު މަގު ނިމޭ ހިސާބުން އެހެން ގޯޅިއެއް ފެންނަން ހުއްޓެވެ. މަގުގެ ދެފަރާތުގައި ކުދި ގަސްތައް ފަޅާފައިވާއިރު ހަވީރުގެ ވަގުތު ފަހަނައަޅައި ގޮސް އެހިސާބަށްވަނީ މަޑު އަނދިރިކަމެއް ވެރިވެފައެވެ. ދުންފިނީގެ އަސަރު ފަޒާގައި ހިފާލާފައިވެއެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ކުއްލިއަކަށް ކާރުގެ އެއްފަރާތުން ކުޑަ ކުޑަ އަންހެން ކުއްޖެއް މަގަށް ނުކުތެވެ. ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ހެދުމެކެވެ. އެކުއްޖާ ނުކުތީ ހަމަ ކުއްލިއަކަށް ކަމުން ބޭބެއަށް ކާރު ކޮންޓްރޯލް ކުރެވުނީ ވަރަށް ހުޝިޔާރުވެގެން އިނުމުންނެވެ. އަރިއަކަށް ކާރު ޖައްސާލެވުމުން އެކުއްޖާ ގައިގައި ނުޖެހި ސަލާމަތްވިއެވެ. ދެއަތް ހޫރަމުން ރޮމުން ރޮމުން އެކުއްޖާ އަހަރެމެންގެ ކާރާ ދިމާލަށް ބަލަން ހުއްޓެވެ. ހީވާ ގޮތުން އެއީ ހަވަރަކަށް އަހަރުގެ ކުއްޖެކެވެ.

"ބޭބޭ. ކިހިނެއް ހަދާނީ؟" އަހަރެން ފަހަތަށް ބަލަމުން ބޭބެއާ ސުވާލުކުރީމެވެ.

"މީހުން ބުނޭ އެގޮތަށް ފެންނަހާ މީހަކު ކާރަށް ނާރުވައްޗޭ" އުމާމް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުންޏެވެ.

އަހަރެމެން ތިން މީހުން ދެން ފަހަތަށް ބެލިއިރު އެކުއްޖާ މަޑުމަޑުން ދުވެފައި ކުރިއަށް ދާތަން ފެނުނެވެ. އަހަރެމެންގެ ކާރާ ދިމާލަށްވެސް ކަރުނުން ފުރިފައިވާ ހާލު ބަލާލައެވެ. ނަމަވެސް ދުވަމުން ދުވަމުންގޮސް އަނދިރި ހިސާބަކަށް އޭރު އެކުއްޖާ ގޮއްސިއެވެ. އަހަރެން އެކުއްޖާ ކާރަށް އެރުވުމަށް އެދި ބޭބެއާއި އުމާމް ކައިރީގައި ވަރަށް އާދޭސް ކުރީމެވެ. ނަމަވެސް އެދެމީހުން އެކަމަކަށް އެހާބޮޑު ސަމާލުކަމެއް ނުދެއެވެ.

އެހިސާބުން ފެށިގެން އަހަރެން އިނީ ނެނގިމަޑުވެފައެވެ. އުމާމްއާއި ބޭބެ އަހަރެންނަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ. މަގުމަތިން ކުދިން އެގޮތަށް ނުފެންނަ ކަމަށާއި އަހަރެމެން ދުއްވާމީހުންގެ ކާރުތަކަށް އެގޮތަށް ފެންނަހާ ބަޔަކު އަރުވަން ހެޔޮނުވާނެ ކަމަށް ބޭބެ ބުންޏެވެ. ނަމަވެސް އެއީ ކުޑަ ކުއްޖެއް ނޫންހެއްޔެވެ؟ މަންމަ ނުވަތަ ބައްޕަ ގެއްލިގެން އުޅޭ ކުއްޖަކަށްވެސް ވެދާނެއެވެ. މަގުއޮޅިގެން ގެއަށް ދާން ނޭނގިފައި ހުރި ކުއްޖަކަށްވެސް ވެދާނެ ނޫންހެއްޔެވެ؟ އަހަރެން އެކަމާ އިތުރަށް ވާހަކައެއް ނުދައްކަމެވެ. ނަމަވެސް އަހަރެން އިނީ ހިތްހަމަ ނުޖެހިފައިކަމުން ބޭބެއާއި އުމާމް ނިންމީ ދެން ދަތުރު ކުރު ކުރުމަށްފަހު ގެއަށް ދިއުމަށެވެ. ގެއަށް ދިއުމަށްޓަކައި އަހަރެމެންނަށް އެކުޑަ ކުއްޖާ ފެނުނު މަގުގެ ނިމޭހިސާބުން ފެންނަން ހުރި ގޯޅިއަށް އަޅާލީމެވެ. އެގޯޅިއަށްވަދެ ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ކުރިމަތީން މީހަކު ފެންނަން ފަށައިފިއެވެ. މަގުގެ ފަރާތަކަށް ހުއްޓިގެން ހުރީ މެދުއުމުރުގެ މީހެކެވެ. އެމީހާ އަތް ހޫރުވަން ފެށުމުން ބޭބެ ކާރު މަޑުކޮށްލައި ކާރުގެ ބިއްލޫރިގަނޑު ތިރިއަށް ދަމާލިއެވެ.

"އަހަރެންގެ ދަރިފުޅު ދެކުނިންތަ؟ ހިނގާލަން ނުކުމެ އުޅެނިކޮށް ގެއްލިގެން މިއުޅެނީ. ވަރަށް ކުޑަ ވާނެ. ހައަހަރު ވާނީ" ރޮމުން ރޮމުން އެމީހާ ބުންޏެވެ. އަހަރެމެންނަށް ޝޮކެއް ލިބުނު ފަދައެވެ.

"އާ. ކުޑަ އަންހެން ކުއްޖެއް ދެކުދިން ހަމަ ކުޑައިރުކޮޅެއްކުރިން" ބޭބެ ވަގުތުން އެމީހާއަށް ޖަވާބުދިނެވެ.

"އަޅެ، އެފެނުނު ހިސާބަށް އަހަރެން ގެންގޮސްދީ. އެކުއްޖާ ފަކީރު ހާދަ ބިރެއް ގަންނާނެޔޭ" އެމީހާ ބުންޏެވެ. އަހަރެންގެ ބޭބެ ވަގުތުން ކާރު ކުރީ ސީޓަށް އެރުމަށް އެމީހާ ކައިރީގައި ބުންޏެވެ.

އެމީހާ ގޮވައިގެން އަހަރެމެން އެކުއްޖާ ގެއްލުނު ހިސާބަށް ދިޔައީމެވެ.

"މިހެން ދިޔަތަން ފެނުނީ. އަހަރެމެންވެސް ދާނަން އެހީވާން" ކާރުން ފައިބައިގެން އެމީހާ ދާން އުޅުމުން ބޭބެ ބުންޏެވެ.

"ނޫނޭ. ގެވެސް ހުންނަނީ އެދިމާލުގަ. ވެދާނެ އެދިޔައީ ގެއާ ދިމާލަށްކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިވެދިން އެހީއަށް" މިހެން ބުނެ އެމީހާވެސް ކުރިމަތިން ފެންނަންހުރި މަގާ ދިމާލަށް ދުއްވައިގަތެވެ.

ބޭބެ ކާރަށް އަރައި ދުއްވާލަން އުޅުމުން އަހަރެން ބޭބެ ހުއްޓުވީމެވެ.

"ބޭބޭ.. އަހަރެންނަށް އެމީހާއާމެދު ޝައްކުކުރެވޭ. ހިނގާބަލަ އޭނަ ފަހަތުން ދާން އަޅެ. އެކުއްޖާ ފެނިގެން އޭނަ އުޅޭ ގޮތް ފެނުނީމަ އަހަރެމެންނަށް އިނގޭނެނު އެހަދަނީ ތެދެއް ވިޔަސް. ޕްލީސް" އަހަރެން އާދޭސް ކުރާވަރުން ބޭބޭ އެންމެ ފަހުން ނިންމީ އެމީހާ ފަހަތުން ދިއުމަށެވެ. އެފިރިހެން މީހާ ދުވަމުން ކުރިއަށް ދެއެވެ. ފަހަތް ބަލާލާކަށް ނަސީބަކުން ނޫޅެއެވެ. އަހަރެމެން ތިބީވެސް އެމީހާ ކިރިޔާ ފެންނަ ހިސާބުގައެވެ. މިހެން ކުރިއަށް ދަނިކޮށް އަހަރެމެންނަށް ފެނުނީ ދުވަމުން އައި ކުޑަ އަންހެން ކުއްޖާއަށް އެމީހާގެ ކުރިމައްޗަށް އެރުމުން ހުއްޓުނު ތަނެވެ. ވަގުތުން އެކުއްޖާ އަނެއް ފަރާތަށް އެނބުރި ދުއްވައިގަންނަން އުޅުނެވެ. އަދި ބާރަށް ރޯން ފެށިކަން އަހަރެމެންނަށް އެނގުނީ އެމަންޒަރު ބަލަން އަހަރެމެން ތިބީމައެވެ.

އިތުރަށް ލަސްކުރާކަށް ބޭބެ ނޫޅުނެވެ. ކާރުގެ ދުވެލި ވަރަށް ބާރުކޮށްލުމަށްފަހު ކުރިއަށް ދުއްވާލިއެވެ. ކާރުގެ އަޑުއިވުމުން އެމީހާ ފަހަތަށް ބަލާލިއެވެ. އަދި ކުއްޖާގެ ގައިން ދޫކޮށްލުމަށްފަހު އަހަރެމެންގެ އަތުގައި ނުޖެހުމަށް ބާރަށް ދުއްވައިގަތެވެ. އެވަގުތު އެކުއްޖާއަށް ސަމާލުކަން ދިނުން އަހަރެމެންނަށް މާ މުހިންމުވިއެވެ. އެހެންކަމުން އެ ފިރިހެން މީހާގެ ފަހަތުން ދިއުމަށްވުރެ ބޮޑަށް އަހަރެމެން ނިންމީ އެކުއްޖާއަށް އެހީވުމަށެވެ. އަހަރެން ގޮސް އެ ކުޑަކުޑަ އަންހެން ކުއްޖާގެ ކައިރީގައި ކަކޫ ޖައްސާލަމުން އިށީނީމެވެ. އިނގިރޭސި ބަހުން ދައްތާއޭ ކިޔުމަށްފަހު އެކުއްޖާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.

މަޑު ތުރުތުރު ލުމެއް އެކުޑަ ހަށިގަނޑުގައިވެއެވެ. ވަރުބަލިގޮތަކަށް އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަހަރެމެން އަވަހަށް ކާރަށް އަރައި ގެއާ ދިމާލަށް މިސްރާބުޖެހީ އެކުއްޖާ ގޮވައިގެންނެވެ. ގެއަށް އާދެވުނުއިރުވެސް އަހަރެންގެ ގައިން ދޫކޮށްނުލައެވެ. އަހަރެމެން ސިޓިންގްރޫމަށް ގޮސް އެކުއްޖާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ.

"ކޮއްކޯ ކޮން ނަމެއް ކިޔަނީ" ބޭބެ އެކުއްޖާ ކައިރިއަށް ޖެހިލުމުން ފެށީ ރޯށެވެ. އުމާމްއަށް ބަލާފައިވެސް އެކުއްޖާ ރޯން ފެށިއެވެ. އެހެންކަމުން އެއުޅެނީ ފިރިހެނުންދެކެ ބިރުންކަން އެނގުނެވެ. އުމާމްއާއި ބޭބެ އެތަނުން ދުރަށް ދިއުމުން އަހަރެންނާއި ދައްތަ އެކުއްޖާ މަސަލަސް ކުރެވޭތޯ އުޅުނީމެވެ.

"މާޝް ކިޔަނީ. މަންމަ ކައިރިއަށް ދާން ބޭނުމީ" ތުއްތު އަޑަކުން މާޝް ބުނެލިއެވެ.

"މަންމަ ކައިރިއަށް ގެންދެވޭނީ މަންމަ އެއީ ކާކުކަން ދައްތަމެން ކައިރީގައި ބުނީމައެއްނު ދޯ" އަހަރެންގެ ދައްތަ މާޝްގެ މޫނުގައި ފިރުމާލަމުން ބުންޏެވެ.

"މަންމައަށް ކިޔަނީ އުސްވާ. ބައްޕަ ވޯކް ކުރަނީ އެމްޑީޔޫގަ. އެވަރު މާޝްއަށް އިނގެނީ." ރޮމުން ރޮމުން އެކުއްޖާ ބުންޏެވެ.

"އެބޭބެ އެއީ ކާކު؟" އަހަރެން އެންމެ ފަހުން އެސުވާލުކޮށްލީމެވެ.

"އެއީ ބައްޕި ފްރެންޑެއް. ގެއަށް އައިސް މާޝްއަށް ޗޮކްލެޓް ގަނެދޭނަމޭ ބުނެފަ ގެންދިޔައީ މަންމި ނެތީސް. ބައްޕިވެސް ނޫޅޭ އެގަޑިގަ ފެންނަ ހިސާބުގަ" މާޝް އަހަރެންގެ ގައިގައި ހަމަ ކުރީގަ އިންގޮތަށް ބައްދާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.

"ކޮންތާކަށް އެބޭބެ ކޮއްކޮ ގެންދިޔައީ. ކީއްކުރަން އުޅުނީ؟" ދައްތަ ސުވާލުކޮށްލިއެވެ.

"ދުރަށް. ގަސްތަކު ތެރެއަށް. ގޯސްކޮށް އުޅުނީ. ވަޅިއެއް ދެއްކީމަ މާޝް ދުއްވައިގަތީ ބިރުން" މާޝް ގިސްލަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އުމާމްއާއި ބޭބެއާ ދެމީހުން ގޭތެރެއަށް ވަދެގެން އައީ ޕޮލިހުންނާ އެކުގައެވެ.

ވީގޮތް ކިޔައިދިނުމުން ޕޮލިހުންގެ ދެޓީމެއް މާޝް ވަގަށް ގެންދިޔަ މީހާ ހޯދުމަށް މަސައްކަތްފެށިއިރު އަނެއް ޓީމް މަސައްކަތްކުރީ މާޝްގެ މައިންބަފައިން ހޯދުމަށެވެ. މާކަ ގިނައިރު ނުވަނީސް މާޝްގެ މައިންބަފައިންގެ މަޢުލޫމާތު ލިބުނެވެ. އެމީހުން އައީ ސީދާ އަހަރެމެންގެ ގެއަށެވެ. ސަބަބަކީ ޕޮލިހުންނާއެކު ބޭރަށް ނުކުމެ ޕޮލިސް ސްޓޭޝަނަށްދާން މާޝް ދެކޮޅު ހަދާތީ މާޝް ބެހެއްޓީ އަހަރެމެން ކައިރީގައި ކަމަށްވާތީއެވެ.

ވާހިދަކީ މާޝްގެ ބައްޕަގެ ދަށުން އެއޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ވަޒީފާގެ ގޮތުން މާޝްގެ ބައްޕަދެކެ ވާހިދު ވަރަށް ރުޅި އަންނަކަމަށާއި މާޝްގެ ބައްޕައަށް ދެރައެއް ދިނުމަށް މާޝް ވަގަށް ގެންދިޔައީ މަރާލަން ވެގެން ކަމަށްބުނިއިރު ވާހިދުގެ ހިތަށް އެއީ ކިހާވަރުގެ ބޮޑުކަމެއްކަންވެސް ނަގައިނުގަނެވެއެވެ. އަހަރެމެންނަށް އޭނައަށް އިތުބާރުކޮށްފައި ފަހަތުން ނުދެވުނު ނަމަ މިއަދު ފެންނާނީ މާޝްގެ ފުރާނަ ނެތް މަސްގަނޑުކަމަށްވެސް ވާހިދު ބުންޏެވެ.

އަހަރެމެންގެ ސަބަބުން ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތްވިކަމަށްޓަކައި އަހަރެމެން ވަރަށް އުފާކުރަމެވެ. ﷲގެ ހަޟްރަތުގައި ޝުކުރު ދަންނަވަމެވެ. އެހާދިޡާއަށް ފަސްއަހަރުވެގެން ދިޔައިރުވެސް އަހަރެމެންނާއި މާޝްގެ ޢާއިލާ ވަރަށް އެކުވެރިއެވެ. އުމާމްއާއި އަހަރެންވެސް މިހާރު ދިރިއުޅެނީ އޮސްޓްރޭލިޔާގައި ކަމުން މިތަނުގައި އުޅޭއިރު މާޝްގެ ޢާއިލާއާ ވަރަށް ގިނައިން ބައްދަލުވެއެވެ. އެ ޢާއިލާއަކީ މިހާރު އަހަރެމެންގެ ޢާއިލާގެވެސް އެއްބަޔެވެ.

 

ނިމުނީ