އެމެރިކާގެ އަންހެނެއް ކަމަށްވާ މެލީސާ އައިރީނާ ކްއިން އޭނާ އަށް ކެންސަރު ޖެހިފައި ހުރި ކަމަށް ބުނެ އެތައް ބައެއްގެ އަތުން އެހީގެ ގޮތުގައި އެތައް ހާސް އެމެރިކާ ޑޮލަރެއް ހޯދައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނޯތު ކޯސްޓްގައި ދިރިއުޅޭ އެލީސާ ވަނީ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އޭނާ އަށް އެހީ ހޯދަން ގިނަ ހަރަކާތްތަކެއް އަވައްޓެރިންނާއި އެކުވެރިންނާއި ގުޅިގެން ވެސް ހިންގާފައެވެ. އޭގެތެރޭގައި ކުޅިވަރު އިވެންޓްތައް ވެސް ހިމެނެއެވެ. އެހަރަކާތްތަކުން އޭނާ އަށް ގިނަ އަދަދެއްގެ ފައިސާ ލިބުނެވެ.

މެލީސާ ބުނަމުން ދިޔައީ އޭނާ އަށް ބްރެއިން ކެންސަރު ޖެހިފައިވާ ކަމަށާއި އޭނާ ދުނިޔޭގައި ހުންނާނީ ދެއަހަރެއްހާ ދުވަހު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައިވާ އުމުރުން 34 އަހަރުގެ މެލީސާ ހަދަނީ ދޮގުކަން ފަޅައިއަރުވާލީ އޭނާގެ އަވައްޓެރިއެކެވެ. އަވައްޓެރިޔާ އަށް ޝައްކު ކުރެވިގެން އޭނާ ފުލުހުންނަށް މައްސަލަ ހުށަހެޅިއިރު މެލީސާ ވަނީ ބައިލައްކަ އެމެރިކާ ޑޮލަރު ހޯދާފާއެވެ.

ފުލުހުން މެލީސާގެ ކަންތައްތައް ބެލިބެލުމުން އޭނާ ހަދަނީ ދޮގުކަން އެނގުމުން ހައްޔަރު ކުރިއެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި މެލީސާގެ މައްޗަށް ދައުވާ އުފުލުން ވަނީ އެދައުވާ ސާބިތުވެފައެވެ.

ކޯޓުން ޙުކުމް ކޮށްފައި ވަނީ މެލީސާ ދެއަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ނުވަމަސް ދުވަސް ތެރޭގައި އޭނާ އަށް ޕެރޯލް ނުދިނުމަށް ވެސް ޙުކުމުގައި އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު