"ތާޒަން: ދަ އެޕިކް އެޑްވެންޗާ" ފިލްމް ކުޅެގެން މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި އެމެރިކާގެ އެކްޓަރު ޖޯއީ ލާރާ މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޯއީ މަރުވީ އޭނާގެ އަނބިމީހާ އާއި އަދި އިތުރު ބަޔަކާއިއެކު ދަތުރުކުރި ފްލައިޓް އެމެރިކާގެ ޓެންނެންސީގެ ކޯރެއްގެ ތެރެއަށް ވެއްޓިގެން ހިނގި އެކްސިޑެންޓެއްގައެވެ.

1996 ވަނަ އަހަރު ނެރުނު ފިލްމުން މަޝްހޫރުކަން ހޯދި ޖޯއީ މަރުވިއިރު އޭނާގެ އުމުރަކީ 58 އަހަރެވެ.

ޖޯއީ މަރުވި އެކްސިޑެންޓްގައި ވެއްޓުނު ފްލައިޓްގައި ޖޯއީ އާއި އޭނާގެ އަނބިމީހާގެ އިތުރުން އިތުރު ފަސް މީހުން ތިއްބެވެ. ކަމާބެހޭ އިދާރާތަކާއި ހަވާލާދީ އޭޕީ އިން ބުނާ ގޮތުގައި މިހާދިސާގައި ފްލައިޓްގައި ތިބި އެކަކު ވެސް ސަލާމަތްވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ޖޯއީ ފެނުނު ތާޒަންގެ ފުރަތަމަ ފިލްމަކީ 1989 ވަނަ އަހަރު ނިކުތް ތާޒަން އިން މެންހެޓަން އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނުނީ 1998 ވަނަ އަހަރު އެވެ. 2000 ވަނަ އަހަރު ފެށުނު ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ މިއުޒިކީ ދާއިރާގައެވެ. އޭނާ ވަނީ ބައެއް އަމިއްލަ އަލްބަމްތައް ވެސް ނެރެފައެވެ.

ޖޯއީ އާއި އޭނާގެ އަނބިމީހާ ޑެން ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އެދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.

ޖޯއީ ދަތުރުކުރި ފްލައިޓް ވެއްޓުނު ސަބަބު ހޯދަން މިހާރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހްގީގު ކުރަމުންނެވެ.

ޖޯއީގެ މަރާއިއެކު ގިނަ ބަޔަކު އަންނަނީ ކުރީގެ ހަނދާންތައް އާކޮށް ހިތާމަފާޅުކުރަމުންނެވެ.