ލަވަ ކިޔުމުގެ ހުނަރު އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ ޝައްމޫން މުހައްމަދު (ޝައްމު) އަކީ ގިނަ ޒުވާނުންނަށް ކަމުދާ ފަންނާނެކެވެ. ލަވަކިޔުމުގެ ދާއިރާއިން އާންމުންގެ މެދުގައި މަގްބޫލު މީހަކަށް ވުމުގެ ކުރިން އޭނާ ދިރިއުޅެމުންދިޔަ ހިސާބުގެ އަވަށްޓެރިންގެ ގެތަކަށް ގޮސް ހިތާނީ ޝޯތައް ދިނެވެ. އެ ޝޯތަކަށް އޭނާ އަތުލީ އެންމެ 5ރ. އެވެ.

ޝައްމު މިހެން ބުނެފައިވަނީ "އަޒޯނާ" ޓޯކްޝޯގައި ބައިވެރިވެ "އިކުއޭޓިކް ވައިބް" މިއުޒިކް ބޭންޑު ވުޖޫދަށް އައި ގޮތް ކިޔައިދެމުންނެވެ.

ކުޑައިރުގެ ހަނދާންތަކުގެ ވާހަކަ ކިޔައި ދެމުން ޝައްމު ބުނީ އޭރު ޝޯއަށް ދަނީ ކޮއްކޮ އަމިންޓޭ އާއެކުގައި ބޭންޑެއް ހަދައިގެން ކަމަށާއި، އެކުގައި ބެލެނިވެރިޔަކަށް މަންމަ ވެސް ދާ ކަމަށެވެ. އޭރުވެސް އަމިއްލައަށް ލަަވަ ލިޔާކަމަށާއި، ސުކޫލު ނިންމުމަށް ފަހު "ސްކޯސް އޮފް ފްލެއާސް" އާ ގުޅުނުކަމަށް ބުންޏެވެ. އެހިސާބުން މީގެ ކުރިން ޝައްމު ލިއެފައިވާ ލަވަތައް ކިޔަން ފަށާފައިވެއެވެ. ނަމަވެސް، ވަކި ހިސާބަކުން މައްސަލައެއް ދިމާވެ ޝައްމު ވަނީ ސްކޯސް އޮފް ފްލެއާސްއާ ވަކިވެފައެވެ.

އޭގެ ފަހުން ލަންކާގައި އޮތް ކައިވެނީގެ ހަފްލާއެއްގައި ޕާފޯމް ކުރަން ފުރުސަތު ލިބުމުން އަނެއްކާވެސް "ދަ ފައިވް"ގެ ނަމުގައި ބޭންޑެއް ހެދިއެވެ. ފަސް މެމްބަރުން ހިމެނޭ ބޭންޑްގެ މެމްބަރުންނަކީ ޝައްމޫން، މަބީ، ހުސައިން، އަމީން އަދި ޝިނާންއެވެ. ކުރިން "ދަ ފައިވް"ގެ ނަމުގައި ހިންގަމުންއައި ބޭންޑު މިހާރު ވަނީ "އިކުއޭޓިކް ވައިބްސް"ގެ ނަމަށް ނަން ބަދަލުކޮށްފައެވެ.

އިކުއޭޓިކް ވައިބްގެ މެމްބަރުން

ޝައްމު ބުނީ އެންމެ ކުޑައިރުން ފެށިގެން ވެސް ލަވަކިޔުމާއި، އަމިއްލަ ލަވަތައް ހެދުމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.

"އެންމެ ކުޑައިރުންސުރެ ވެސް އެކަމަށް ހުރޭ ޝައުގު. ދަތުރު ދާއިރުވެސް އަބަދުވެސް ކޮންމެވެސް ލަވައެއް ހަދައިގެން ދާނީ. އޭރު ހަދާގޮތަކީ މަޖާ ލަވަތަކަށް ލިރިކްސް ހަދައިގެން ދަނީ. އިޝްތިހާރު އެއްޗެހީގެ ލިރިކްސް ބަދަލުކޮށްގެން ދަނީ" ކުޑައިރު ލަވަކިޔުމުގެ މަސައްކަތް ކުރި ގޮތް ކިޔައިދެމުން ޝައްމު ބުނެއެވެ.

އިކްއޭޓިވް ވައިބަކީ ވަރަށް ހިތްގައިމު ރީތި ލަވަތަކެއް މިހާތަނަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އަދި ގެނެސްދެމުން އަންނަ ކާމިޔާބު ބޭންޑެކެވެ. ޝައްމު ބުނީ މިހާތަނަށް ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ލަވައެއް ފިޔަވައި ދެން ހުރި ހުރިހާ ލަވަޔަކީ އަމިއްލައަށް ހަދާފައިވާ ލިރިކްސްތަކެއް ކަމަށެވެ. ކޮވިޑާ ގުޅިގެން ރާއްޖެ ފުރަބަންދު ކޮށްފައިވާ ހާލަތުގައި ވެސް ވަރަށް ގިނަ ލަވަތައް ހަދާފައިވާ ކަމަށް ޝައްމު ބުންޏެވެ.