ޓެކް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި އެޕަލްގެ ސީއީއޯ މަގާމް ހޯދަން އީލޮން މަސްކް ބޭނުންވިކަން ހާމަވާ ފޯން ރިކޯޑިންއެއް އާންމުވެއްޖެއެވެ.

އެމެރިކާ ފަހުރުވެރިވާ އެޕަލްގެ ސީއީއޯގެ މަގާމު ހޯދަން އީލޮން މަސްކް އަހާފައި ވަނީ ފަސް އަހަރު ކުރިން އެޕަލްގެ ސީއީއޯއާއެކު ފޯނު ކޯލެއްގައި ދެކެވުނު ވާހަކައެއްގައެވެ. އެ ފޯނުކޯލަކީ އެޕަލް އިން ޓެސްލާ ގަތުމާއި ގުޅޭ ގޮތުން ދެކެވުނު ވާހަކައެކެވެ.

ޓެސްލާ ކުންފުންޏަކީ ކާރު އުފައްދާ ދުނިޔޭގެ މިހާރުގެ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ އިސް ފަރާތަކީ އޭރު ވެސް އަދި މިހާރުވެސް އީލޮން މަސްކްއެވެ. މީގެ ފަސްވަރަކަށް އަހަރުކުރިން ޓެސްލާ އަކީ އެހާ ބޮޑު ވިޔަފާރިއަކަށް ނުވާތީ އެޕަލް އިން ބޭނުންވީ އެ ކުންފުނި އެޕަލްގެ ދަށަށް ގެނެސް ހިންގުމަށެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް، ޓެސްލާ ކުންފުނި ގަތުމުގެ ހިޔާލު އީލޮންއާ ހިއްސާކުރުމުން އީލޮން ބުނީ އޭނާ ޓެސްލާ ވިއްކާފާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ އެޕަލްގެ ސީއީއޯ މަގާމު،ދޭ މަތިން ކަމަށް އޭނާ ބުންޏެވެ.

އީލޮން މަސްކްގެ ޖަވާބު އަޑުއިވުމުން ޓިމް ކުމް ހިންހަމަނުޖެހިގެން ވަގުތުން ފޯނު ކަނޑާލިއެވެ. އޭގެ ފަހުން ދެ ވިޔަފާރިވެރިން ވާހަކަ ނުދައްކައެވެ.

މިއީ ލޮސް އެންޖެލިސް ޓައިމްސް ރިވިއުގެ "ޕަވާ ޕްލެއި: ޓެސްލާ، އީލޮން މަސްކް އެންޑް ދަ ބެޓް އޮފް ދަ ސެންޖަރީ" ގައި ހިމަނާފައިވާ ހަބަރެކެވެ. މި ފޮތުގައި ޓެކް ކުންފުނިތަކުގެ ތަފާތު އެތައް ހަބަރުތަކެއް ހިމެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު