ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދުގެ ނަން ބުނެލުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު މަދުވާނެއެވެ. ފިލުމުތަކުގައި ވިލަންގެ ރޯލުތަކުން ފެނުނު ނަމަވެސް އަސްލު ދިރިއުޅުމުގައި އޭނާއަކީ ހިތްވަރުގަދަ ބަތަލެކެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ އަށް ކުރިމަތިވި ދަތި ވަގުތުގައި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެކި ގޮތް ގޮތުން އެހީތެރިވެދީ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މިއަދު ވެސް މަސައްކަތް ކުރަމުންދާ ސޯނޫ މި ހުރިހާ ކަމަކަށް ހިތްވަރު ހޯދާފައިވަނީ އޭނާގެ ހިތްދަތި މާޒީންނެވެ.

ނަގްޕޫރުގައި އިންޖިނިއަރިންގް ކިޔަވަން އުޅުނު އިރު ފާހާނާ ޓްރެއިން ކޮމްޕާޓްމަންޓްސްގެ ފާހާނާ ބަރިތައް ކައިރީ ނިދި ނަމަވެސް ސޯނޫގެ ބައްޕަ ފޮނުވަމުން ދިޔަ ފައިސާ ރައްކާކުރީ އެކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.

މޮޑެލް ކުރަން ފެށުމަށް ފަހު ސޯނޫ އުޅުނު ކޮޓަރި ކުޑަކަމުން އޮށޯވެ އޮތުމަށްފަހު އަނެއް ފަރާތަށް ފުރޮޅިލަން ވެސް ޖެހޭނީ ތެދުވެގެންނެވެ. އެހާވެސް ކުޑަ ތަނެކެވެ.

5500 ރުޕީސް ހިފައިގެން މުމްބާއީއަށް ދިޔަ ސޯނޫ ފިލުމު ސިޓީ ތެރޭގައި ދިމަދިމާގައި ހިނގަމުން ދިޔައީ ޑައިރެކްޓަރަކަށް ފެނި އޭނާއަށް ފިލުމަކުން ފުރުސަތެއް ދޭތޯއެވެ. އެކަމަކު އެ ފުރުސަތެއް ނުލިބުނެވެ.

ފިލްމަކުން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް، ހިތްވަރާއެކު ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ސޯނޫ ކުރަމުން ދިޔައީ އޭނާގެ ބައްޕަގެ ނަސޭހަތް ގަބޫލު ކޮށްގެންނެވެ.

ކޮންމެ ހާލެއްގައި ވި ނަމަވެސް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސޯނޫގެ ބައްޕަގެ ނަސޭހަތެވެ.

މިއަދު މަޝްހޫރު އެކްޓަރަކަށް ވި ނަމަވެސް ސޯނޫގެ ފަރާތުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ އޭނާގެ ހިތްދަތި މާޒީގެ ސަބަބުން އެކަންކަން އިހުސާސް ކުރެވޭތީ ކަމަށް ސޯނޫގެ ދައްތަ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު