ބޮލީވުޑުގެ ސްޕަރ ސްޓަރ ޝާހުރުކް ޚާނަކީ އަބަދުވެސް ވަރަށް ރީތިކޮށް ތައްޔާރު ވެލައިގެން ހުންނަ ފަންނާނެކެވެ.

އާދައިގެ ހެދުމެއްގައި ހުރި ނަމަވެސް ޝާހު ހުންނާނީ ވަރަށް ރީތިކޮށެވެ. ޝާހުރުކް ޚާނަކީ މީސް މީޑިޔާގައި ވެސް ވަރަށް ހަރަކާތްތެރި ފަންނާނެކެވެ.

ޝާހުރުކް ޚާންގެ ހިތްގައިމު ފޮޓޯތަކުން ބެލުންތެރިންނާއި ސަޕޯޓަރުންނަށް ހަދިޔާ ދެއެވެ. ނަމަވެސް މީސް މީޑިޔާގައި ހިއްސާ ކުރާ އެންމެ ފޮޓޯއެއް ނެގުމަށް ވެސް ޝާހުރުކް ޚާން ވަރަށް ތައްޔާރުވެއެވެ. ''އިންޑިއާސް މޯސްޓް ސްޓައިލިޝް ކަޕްލް'' ގެ އެވޯޑު ލިބި އެ އެވޯޑާއި ހަވާލު ވުމަށް ޝާހުރުކް ޚާނާއި އޭނާގެ އަންހެނުން ސްޓޭޖަށް އަރައި ޝުކުރު އަދާކުރުމުގެ ވާހަކައިގެ ތެރެއިން ޝާހުގެ އަންހެނުން ވަނީ ޝާހު ތައްޔާރުވުމަށް ނަގައި ވަގުތު ހާމަ ކޮށްދީފައެވެ.

ޝާހުގެ ދެމަފިރިންނަށް ''ސްޓައިލިޝް ކަޕްލް'' ގެ އެވޯޑު ލިބުނީ ގައުރީގެ ސަބަބުން ކަމަށް ޝާހު ބުނެފައިވެއެވެ. އަދި އަބަދުވެސް އެންމެ ރީތިކޮށް ހުންނަނީ ގައުރީ ކަމަށް ބުނެފައިވެއެވެ.

ޝާހުގެ މި ވާހަކައަށް ރައްދުދެމުން ގައުރީ ބުނެފައިވަނީ އޭނާ ތައްޔާރުވުމަށް ވިހިވަރަކަށް މިނިޓް ނެގި ނަމަވެސް ޝާހު ތައްޔާރުވުމަށް ދެތިން ގަޑިއިރު ނަގާ ކަމަށެވެ. ދެމަފިރިން އެކުގައި ރެސްޓޯރެންޓަކަށް ދިއުމަށް ތައްޔާރުވާއިރު ވެސް ޝާހު އެހައި ގިނަ އިރު ނަގާ ކަމަށެވެ. އަދި އެވޯޑު ހަފުލާ ތަކަށް ދިޔުމަށް ތައްޔާރުވުމަށް ހަތްގަޑިއިރަށް ވުރެ ވެސް ގިނައިރު ވާކަމަށް ބުނެފައިވެއެވެ.

މީސް މީޑިޔާގައި ހިއްސާ ކޮށްލުމަށް ނަގާ ސެލްފީއަކަށް ވެސް ތައްޔާރުވުމަށް ގަޑިއެއްހާއިރު ނަގައި ކަމަށް ގައުރީ ބުނެފައިވެއެވެ.