ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާއިން ވަކިވި ހަބަރާއި އެކީ މެސީގެ ފޭނުން ހިތާމައިގައި ތިބި މި ދަނޑިވަޅުގައި މެސީ ކޭއެފްސީއާއި ގުޅިފައިވާކަމުގެ ވާހަކަތަކެއް މީޑިޔާގައި ދެކެވިއްޖެ އެވެ.

މެސީ އާއި ވައްތަރު މީހެއް ކޭއެފްސީގެ ޔުނިފޯމް ލައިގެން އެތަނުގައި މަސައްކަތް ކުރަން ހުރި ފޮޓޯއެއް މީޑިޔާގައި ދައުރުވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މިއަދު އަނެއްކާވެސް މެސީ ބާސެލޯނާ އިން ވަކިވުމާއި ގުޅިގެން ކޭއެފްސީ އިން ވަނީ އެފޮޓޯ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި މެސީ އަކީ އެންމެ ނަންހިނގާ އެއް ކުޅުންތެރިއަށްވާއިރު މެސީގެ ފޭނުން ދަނީ މި ފޮޓޯ ދައުރުވާތީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ. ފޮޓޯގައި ފެނިގެންދާ މީހާގެ ތުނބުޅިއެއްވެސް ނެތެވެ. ނަމަވެސް އެމީހާ އާއި މެސީ އާއި ކުޑަކޮށް ވައްތަރުކަން ފާހަގަ ކުރެވެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ކޭއެފްސީގައި މަސައްކަތް ކުރާ މެސީ ވައްތަރުޖަހާ މީހާގެ ތުނބުޅި ހުރިނަމަ މެސީ އާއި އެއްވެސް ތަފާތެއް ނުހުންނާނެ އެވެ.

ކޭއެފްސީގެ އެކި އައުޓްލެޓްތަކުން މިއަދު ގެންދަނީ މެސީގެ ފޮޓޯ އާއިއެކު ޓްވީޓްތައް ކުރަމުންނެވެ. ބައެއް އައުޓްލެޓްތަކުން ބުނެފައި ވަނީ މެސީ ކޭއެފްސީ އާއި ގުޅިދާނެ ކަމުގެ އުއްމީދު އަނެއްކާވެސް އާވެފައިވާ ކަމަށެވެ. ނަމަވެސް ކޭއެފްސީގެ ބޭނުމަކީ ވަގުތާއި ހާލަތުގެ ފައިދާ ނަގައިގެން މާކެޓިން ސްޓަންޓެއް ޖެއްސުމެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ އެ ކުލަބަށް އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނެވެ.

ބާސެލޯނާ އިން މެސީ ވަކިވުމުން މެސީގެ ފޭނުން ދަނީ ހިތާމަފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ދަނީ ބާސެލޯނާގެ ރައީސް ލަޕޯޓޭގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ. އެއީ އޭނާ ރައީސް ކަމަށް ހޮވުމުގެ ކުރިން މެސީ އެ ކުލަބުގައި ބަހައްޓާނެކަމަށް ވައުދުވެފައިވާތީ އެވެ.