ދިވެހި ފިރިހެނަކު އިންނަން ދިރިއުޅުމާއި މެދު ސީރިއަސްކޮށް ވިސްނާ އަންހެނަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިހާރުވެސް ގިނަބަޔަކަށް ހަޔާތުގެ ބައިވެރިން ހޯދަން އިއުލާނު ކުރާ ކައިވެނި ޕޭޖްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޮންމެ އުމުރެއްގެ މީހެއް ކަމުގައި ވިޔަސް އޭނާ އިންނަން ބޭނުންވަނީ ކިޔަމަންތެރި އަންހެނަކާއި ކަމަށެވެ. އަދި ހަޔާތުގެ ބައިވެރިޔަކަށް އޭނާ ހޯދަނީ ދިރިއުޅުމަކީ ކޯއްޗެއްކަން ދަންނަ، ދިރިއުޅުމާއި މެދު ސީރިއަސްކޮށް ވިސްނާ އަންހެނެއް ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

32,987 މީހުން ފޮލޯކޮށްފައިވާ ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް އެހީތެރިވަމުން އަންނަ ކައިވެނި ޕޭޖްގައި ކޮށްފައިވާ އެ ޕޯސްޓްގައި ބުނެފައިވާ ގޮތުން އޭނާ އަކީ އުމުރުން 33 އަހަރުގެ ދީނީ ކަންކަމަށް ލޯބިކުރާ ފިރިހެނެއް ކަމަށެވެ.

ޕޯސްޓްގައި ބުނެފައިވާ ގޮތުން ދިރިއުޅުމާއި މެދު ސީރިއަސްކޮށް ވިސްނާ އަންހެނަކު ހޯދަން އިއުލާން ކޮށްފައިވާ ފިރިހެން މީހާ އަކީ އާމްދަނީގެ ގޮތުގައި މަހަކު 30،000ރ ލިބޭ މީހެކެވެ. އޭނާ ކައިވެނި ކުރާ މީހަކަށް ދިރިއުޅޭނެ ވަކި ގެދޮރު ދޭނެ ކަމަށާއި، އަޅާލައި އޯގާތެރިވާނެ ކަމަށް ބުނެފައިވެއެވެ.

ޕޯސްޓުގައި މީހާގެ މައުލޫމާތު ހާމަކޮށްފައިވާއިރު، އަތޮޅާއި ރަށް އަދި މިހާރު ދިރިއުޅެމުންދާ ތަނެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭގެ އިތުރުން އެއީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއްކަމެއް ނުވަތަ ނޫންކަމެއް ވެސް ކައިވެނި ޕޭޖުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭކަށް ނެތެވެ.

ކައިިވެނި ޕޭޖްގައި ޕޯސްޓް ޖަހައިގެން މީގެ ކުރިންވެސް ހަޔާތުގެ ބައިވެރިން ހޯދައިގެން ކައިވެނިކޮށްގެން އުޅޭ މީހުން އެބަތިއްބެވެ. އެ ޕޭޖް ހިންގާތާ މިހާރު އަހަރުތަކެއްވެފައިވާއިރު، އެ ޕޭޖުގައި މިހާރުވެސް އެތައް ސަތޭކަ މިފަދަ ޕޯސްޓްތައް ކޮށްފައި ވެއެވެ.